Roadha Mihaaru

އުރީދޫ ނޭޝަން އިންޓަ ކޮލެޖު އީސްޕޯޓްސް ޓޯނަމަންޓުގައި ބައިވެރިވާން ހުޅުވާލައިފި

އުރީދޫ ނޭޝަނުން ބާއްވާ ފުރަތަމަ އިންޓަ ކޮލެޖް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 އަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިންޓަ ކޮލެޖު އީސްޕޯޓްސް ޓޯނަމަންޓަށް ހުޅުވާލައިފި
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

21 މެއި 2025

އުރީދޫ ނޭޝަނުން ބާއްވާ ފުރަތަމަ އިންޓަ ކޮލެޖް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 އަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއީ ގައުމީ ފެންވަރުގައި ކޮލެޖުތަކަށް ހާއްސަކޮށް ބާއްވާ ފުރަތަމަ އީސްޕޯޓްސް މުބާރާތެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހު އެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި އެކި ރަށްރަށުގެ ކޮލެޖު ޓީމުތަކުން މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް، ޕަބްޖީ މޮބައިލް އަދި އީއޭއެފްސީ 25ގެ ޓައިޓަލްއަށް ވާދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

މި މުބާރާތުގައި މޯބައިލް ލެޖެންޑްސް ބޭންގް ބޭންގް އަދި ޕަބްޖީ މޮބައިލް މުބާރާތް އޮންނާނީ މި މަހުގެ 29 ވަނަ ދުވަހު އޮންލައިންކޮށެވެ. މޯބައިލް ލެޖެންޑްސް ބޭންގް ބޭންގްގައި ބައިވެރިވެވޭނީ މަދުވެގެން ހަތަރު ދަރިވަރުން ހިމެނޭ ޓީމުތަކަށެވެ. އަދި ޕަބްޖީ މޮބައިލް ލެޖެންޑްސްގައި ބައިވެވިވެވޭނީ މަދުވެގެން ތިން ދަރިވަރުން ހިމެނޭ ޓީމުތަކަށެވެ.

މި މުބާރާތުގެ އީއޭއެފްސީ 25 މުބާރާތަކީ މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ފިޒިކަލް މުބާރާތެކެވެ.

މި މުބާރާތްތަކުގައި ވާދަކުރުމަށް މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީ ކުރެވޭނެ އެވެ. އަދި މުބާރަތުގައި ރަޖިސްޓްރީވުމަށް ކޮލެޖުގެ ލޯގޯ އާއި ތަމްސީލް ކުރާ ކޮލެޖު އަންގައިދޭ ލިޔުމެއް ހުށަހަޅަން ޖެހޭނެ އެވެ. ކޮންމެ މުބާރާތެއްގައި ބައިވެރިވުމަށް 100ރ. ގެ ފީއެއް ދައްކަން ޖެހޭނެ އެވެ.

މި މުބާރާތުގައި ކޮންމެ ޓައިޓަލްއަކަށް 10،000ރ. ގެ އިނާމު ޕޫލެއް ވަނީ ހުށަހަޅާފަ އެވެ. އުރީދޫ ނޭޝަންގެ މި އިނީޝިއޭޓިވް އަކީ ޒުވާނުން ބާރުވެރިކުރުވުމަށާއި ޑިޖިޓަލް ބައިވެރިވުމަށް ބާރުއަޅާ އީސްޕޯޓްސްގެ ދާއިރާއިން ހަރުދަނާ ޒުވާނުންތަކެއް ބިނާކުރުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން ބާއްވާ މުބާރާތެއް ކަމަށް އުރީދޫން ބުންޏެވެ.