Roadha Mihaaru

ސީޕީއަށް ގުޅިން، އެއީ ކޯޓު އަމުރެއް ނެތި ގެ ފާސް ކުރެވޭނެ ކަމަށް ބުނަން: އަމީން

މާލޭގެ އިމާރާތަކުން ޒުވާން އަންހެނަކު ވެއްޓުނު މައްސަލާގައި، އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުއަށް ގުޅުއްވި ކަމަށާއި އެއީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދިރިއުޅުއްވާ ގެ ބަލައި ފާސްކުރަން ކޯޓު އަމުރެއް ބޭނުން ނުވާނެ ކަމަށް ދަންނަވަން ކަމަށް އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ސީޕީއަށްގުޅީ އަމުރެއްނެތި ގެ ފާސްކުރެވޭނެ ކަމަށް ބުނަން
ނާޒިމް ހަސަން
ނާޒިމް ހަސަން

15 މެއި 2025

މާލޭގެ އިމާރާތަކުން ޒުވާން އަންހެނަކު ވެއްޓުނު މައްސަލާގައި، އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުއަށް ގުޅުއްވި ކަމަށާއި އެއީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދިރިއުޅުއްވާ ގެ ބަލައި ފާސްކުރަން ކޯޓު އަމުރެއް ބޭނުން ނުވާނެ ކަމަށް ދަންނަވަން ކަމަށް އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ޓްރާސްޕޯޓް މިނިސްޓަރު އަމީން ނުފޫޒު ފޯރުވި ކަމަށް ބުނެ އެމްޑީޕީން ވަނީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައިފަ އެވެ.

އެ މައްސަލާގައި ކޮށްފައިވާ އެއް ތުހުމަތަކީ ތަހުގީގަށް ނުފޫޒު ފޯރުވުމަށް އޭރުގެ ސީޕީއަށް މިނިސްޓަރު އަމީން ގުޅުއްވި ކަމުގެ ތުހުމަތެވެ. ޔުމްނުގެ މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން ފުލުހުން ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ދިޔައިރު، މިނިސްޓަރު އަމީން ސީޕީއަށް ގުޅުއްވި ކަމަށް އޭނާ ވިދާޅުވާ އަޑު އިވެ އެވެ.

އެކަމާ ގުޅޭގޮތުން މިއަދު މަޖިލީހުގައި ޖަވާބުދާރީވަމުން އަމީން ވިދާޅުވީ ފުލުހުންގެ އެއްވެސް ކަމަކަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށެވެ. އަދި މައްސަލައާ ގުޅިގެން ބައެއް ތަންތަން ބަލާފާސްކުރަން އަމުރު ނެރޭ ވާހަކަ އާއި ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ނޫސްވެރިން އޭނާ ދިރިއުޅޭ ގޭގެ ނަން ކިޔަމުންދާތީ، އެ ގެއަށް ފުލުހުން ވަނުމަށް އެއްވެސް އަމުރެއް ބޭނުން ނުވާނެ ކަން ދަންނަވަން ސީޕީއަށް ގުޅުއްވި ކަމަށް އަމީން ވިދާޅުވި އެވެ.

"އަޅުގަނޑު ދިރިއުޅޭ ގޭގެ އެހެން އޯނަރުންނާ ވާހަކަ ދެއްކުމަށް ފަހު އަޅުގަނޑުމެންގެ ގެއަށް ފުލުހުން ވަނުމަށް ކޯޓު އަމުރެއް ބޭނުން ނުވާނެ ކަން ދަންނަވަން އޭރުގެ ކޮމިޝަނާ އޮފް ޕޮލިސްއަށް ދެންނެވުމަށް ގުޅާފައިވާނެ. އެކަމަކު އެމަނިކުފާނު ފޯނަށް ޖަވާބު ދެއްވާފައެއް ނުވޭ،" އަމީން ވިދާޅުވި އެވެ.

"އެހެނީ އަޅުގަނޑަކީ ކެބިނެޓް މިނިސްޓަރަކަށް ވެފައި ދައުލަތުގެ އިދާރާތަކަށް ފަސޭހަކޮށް ދިނުމަކީ އަޅުގަނޑުގެ ޒިންމާއެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން."

މިނިސްޓަރު އަމީން މަޖިލީހަށް ޖަވާބުދާރީވަނީ: އޭނާ ދިރިއުޅޭ ގެ ބަލާފާސްކުރަން ކޯޓު އަމުރެއް ބޭނުން ނުވާނެ ކަމަށް ދަންނަވަން ސީޕީއަށް ގުޅުއްވި ކަމަށް ވިދާޅުވި

މިނިސްޓަރު އަމީން މަޖިލީހަށް ޖަވާބުދާރީވަނީ: އޭނާ ދިރިއުޅޭ ގެ ބަލާފާސްކުރަން ކޯޓު އަމުރެއް ބޭނުން ނުވާނެ ކަމަށް ދަންނަވަން ސީޕީއަށް ގުޅުއްވި ކަމަށް ވިދާޅުވި

އަމީން ވިދާޅުވީ މައްސަލައާ ގުޅިގެން ވަކި ކަމެއް ކުރަން ނުވަތަ ނުކުރަން އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާނެ ކަމަށާއި ފޯރުވަން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ. އަދި އޭނާ ވިދާޅުވީ ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކޮށްފައިވާއިރު، އެއީ ކޮން ނުފޫޒެއް ކަމެއް ވެސް ބުނެދެވިފައިނުވާ ކަމަށެވެ.

އަމީން ވިދާޅުވީ އަންހެން ކުއްޖާ ވެއްޓުނު މައްސަލައާ އޭނާގެ އާއިލާ މީހަކާ ގުޅުމެއް އޮތް ކަމަށް ބަހުސްގެ ބޭނުމަށް ބެލި ނަމަވެސް، އޭނާ ނުފޫޒު ފޯރުވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އެއީ އޭނާގެ ދަރިއެއް، އަންބެއް ނުވަތަ މައިންބަފައިން ނޫން ކަމަށާއި އެއީ އަމިއްލަ ޒިންމާ ނެގޭ ވަރުގެ މީހުން ކަމަށް އަމީން ވިދާޅުވި އެވެ.

ޔުމްނު ވެއްޓުނު ރޭ އެންމެ ފުރަތަމަ ޒުވާނުންތަކެއް ޕާޓީކޮށްފައިވަނީ އަމީން ދިރިއުޅޭ ގޭގެ ޓެރެސްގައި ކަމަށް މިހާރު ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކުން އެނގެ އެވެ. އެ ގެ ފުލުހުން ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން ބަލައި ފާސްކޮށްފައި ވާއިރު އެ މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައެއް ނުވެ އެވެ. އަދި އެ ގޭގެ ސީސީޓީވީ ފުޓޭޖް ވެސް ލިބިފައެއް ނުވެ އެވެ.

އެ މައްސަލަ ފެންމަތިވުމާ އެކު އަމީންއާ އާއިލީ ގުޅުން އޮންނަ މީހެއް ކަމަށްވާ އިޒްދިޔާން މުހައްމަދު މައުމޫން ވަނީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުން ވަކިކޮށްފަ އެވެ.

ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ހެންވޭރު ޕޮލިސް ސްޓޭޝަން ސަރަހައްދުގައި ކޮންމެ ރެޔަކު ސިލްސިލާ އެއްވުންތައް ބާއްވަމުންދާއިރު، އަމީންގެ އިސްތިއުފާއަކީ އެ އެއްވުމުގެ ބައިވެރިންގެ ޑިމާންޑެކެވެ.