Roadha Mihaaru

ޕޮލިސް ފްލެޓުތަކުގެ މަސައްކަތަށް ގެނައި ވެހިކަލްތަކުގެ ތަފްސީލު ހިއްސާކުރަން މަޖިލީހުން އެދިއްޖެ

ފުލުހުންގެ ފްލެޓުތަކުގެ މަސައްކަތަށް ގެނައި ވެހިކަލްތަކުގެ ތަފްސީލުތައް ހިއްސާކުރަން މަޖިލީހުން އެދިއްޖެ އެވެ.

ޕޮލިސް ފްލެޓަށް ގެނައި ވެހިކަލްތަކުގެ ތަފްސީލު ހޯދަނީ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

20 ފެބުރުއަރީ 2025

ފުލުހުންގެ ފްލެޓުތަކުގެ މަސައްކަތަށް ގެނައި ވެހިކަލްތަކުގެ ތަފްސީލުތައް ހިއްސާކުރަން މަޖިލީހުން އެދިއްޖެ އެވެ.

ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއަށް މަޖިލީހުން މިދިޔަ އަންގާރަ ދުވަހު ފޮނުވި ސިޓީގައި ވަނީ ބްލޫސް ހައުސިން ޕްރޮޖެކްޓުގެ މަސައްކަތްތަކަށް 2014-2017 އަށް ރާއްޖެއަށް އެތެރެކުރި އުޅަނދުތަކެއްގެ މައުލޫމާތުތައް، އަންނަ އަންގާރަ ދުވަހުގެ ކުރިން ހިއްސާކުރަން އެދިފަ އެވެ.

އޭގެ ތެރޭގައި 2014 ވަނަ އަހަރު އެތެރެކުރި ކްރޭނަކާއި ދެ ވައްތަރެއްގެ ދެ ވޭނަކާއި ޖެހިގެން އައި އަހަރު އެތެރެކުރި ދެ ސައިކަލު އަދި 2016 ވަނަ އަހަރު ގެނައި ކާރުގެ ތަފްސީލު ހިމެނެ އެވެ. ދެހާސް ސަތާރަ ވަނަ އަހަރު އެތެރެކުރި ސައިކަލަކާއި ތިން ޓަވަރު ކްރޭން އަދި 14 ކްރޭން ލޮރީގެ މައުލޫމާތުތައް ވެސް ހޯދަން އެދިފައިވެ އެވެ.

މަޖިލީހުން ހޯދަން އެދުނީ އެ އުޅަނދުތައް ރާއްޖެއަށް އެތެރެކޮށްފައިވާ ބޭނުމާއި އެ އުޅަނދުތައް ރަޖިސްޓްރީކޮށްފައިވާ ފަރާތް އަދި އެ އުޅަނދުތަކުގެ ތެރެއިން އެއްވެސް އުޅަނދެއް ފުލުހުންގެ އިދާރާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ނަމަ އެ އުޅަނދުތަކުގެ ތަފްސީލު ހިމެނެ އެވެ.

އެ އުޅަނދުތަކުގެ ތެރޭގައި ހިމެނޭ ކާރަކީ ކޮން ބޭނުމެއްގައި އެތެރެކޮށްފައިވާ ކާރެއްކަން އަދި އެ ކާރު އޮތީ ކޮން ފަރާތެއްގެ ބެލުމުގެ ދަށުގައިކަން އަދި އެ އުޅަނދުތަކުގެ ރަޖިސްޓްރީ ކޮޕީތައް ފޮނުވައިދިނުމަށް ވެސް އެދުނެވެ.

"ބްލޫސް ހައުސިން"ގެ ނަމުގައި ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯއިން ހުޅުމާލެ 1 ގައި އިމާރާތްކުރި ފްލެޓް މަޝްރޫއުގައި ގިނަ މައްސަލަތަކެއް ފާހަގަކޮށް އޮޑިޓު އޮފީހުން ވަނީ މިދިޔަ މަހު ރިޕޯޓު ނެރެފަ އެވެ.

ރިޕޯޓުގައިވާ ގޮތުން ފްލެޓް މަޝްރޫއުއަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައި ވާއިރު 355 މިލިއަނުގެ ގެއްލުން ވެފައިވެ އެވެ.

އޭގެ އިތުރުން މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކޮންޓްރެކްޓަރުންނާ އެކު ވެފައިވާ އެއްބަސްވުންތަކަށް އެކި ފަހަރު ބޮޑެތި ބަދަލުތައް ގެނައުމާއި ކޮންޓްރެކްޓަރުން ނިންމާ މަސައްކަތްތަކަށް ފައިސާ ދެއްކުމުގެ ބަދަލުގައި އެކި ނަންނަމުގައި ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކާފައިވާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

ފުލުހުންނަށް އަޅާ ފްލެޓްތަކުގެ މަސައްކަތް ފަށައިފައި ވަނީ 2013 ގަ އެވެ. އޭރު ރާއްޖޭގައި ހަރަކާތްތެރިވަމުން އައި ނޫމަޑި ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން އެ މަޝްރޫއު ކުރިއަށް ގެންދިޔައީ ނޫމަޑިން ކޮންޓްރެކްޓަ ފައިނޭންސް ކުރާ އުސޫލުންނެވެ. އެކަމަކު ސިޔާސީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއި ފައިސާގެ ދަތިކަމާ ހެދި ނޫމަޑީގެ އެގްރިމެންޓް ޖެނުއަރީ 27، 2016 ގައި ބާތިލް ކުރި އެވެ.

ދެން އެ މަޝްރޫއު ހިންގާފައި ވަނީ އައިލެންޑް އެކްސްޕާޓުންނެވެ. އެކަމަކު ކޮވިޑާ އެކު ކުންފުނި ބަނގުރޫޓުވެ، މަޝްރޫއު އިތުރަށް ކުރިއަށް ނުގެންދެވުމުން އެއްބަސްވުން އުވާލީ އެވެ. އޭގެ ފަހުން އެ ފްލެޓްތަކުގެ މަސައްކަތްކުރީ އަަމިން ކޮންސްޓްރަކްޝަނުންނެވެ. އެކަމަކު 2022 ގައި އެ މަޝްރޫއު އެއްކޮށް ނިންމަން އޮތަސް ފަހުން ނިންމީ މުއްދަތު އިތުރުކޮށްދީގެންނެވެ.

އެ މަޝްރޫއުގެ ދަށުން އިމާރާތް ކުރި ތިން ކޮޓަރީގެ 361 ފްލެޓުގައި މިދިޔަ އަހަރުން ފެށިގެން ފުލުހުން އަންނަނީ ދިރިއުޅެމުންނެވެ.