Roadha Mihaaru

ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހޯމް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހޯމް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ޝައުގުވެރިވާ މީހުން އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރު 12 ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެ މަގާމަށް ކުރިމަތިލެވޭނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށެވެ.

ޕޮލިސް ކޮމިޝަނަރު ކަމަށް ބޭފުޅަކު ކަނޑައަޅަނީ އެ މަގާމަށް ކުރިމަތިލާ މީހުންގެ ފެންވަރު ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުން ވަޒަންކޮށް ނުވަތަ އިންޓަވިއު ކުރުމަށް ފަހު، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި އަލީ ޝުޖާއު މިދިޔަ މަހުގެ 26 ގައި މަގާމުން އިސްތިއުފާ ދެއްވައި އަދި ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ މާލޭގެ އިމާރާތެއް މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގެ ތަހުގީގާ ގުޅިގެން ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.

ޝުޖާއު އިސްތިއުފާ ދެއްވުމުން ޕޮލިސް ކޮމިޝަނަރުގެ މަގާމު ވަގުތީ ގޮތުން ފުރަތަމަ ހަވާލު ކުރެއްވީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީއާ އެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ހޯމް މިނިސްޓްރީން ވަނީ އެ ނިންމުން ބަދަލުކޮށް، ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީންއާ މަގާމު ވަގުތީ ގޮތުން ހަވާލުކޮށްފަ އެވެ.