Roadha Mihaaru

ނަޒާހާތްތެރިކަމާ އެކު ފުލުހުންގެ ހިދުމަތް ކުރިއަރުވަން މަސައްކަތް ކުރާނަން: ސީޕީ ނަވީން

ފުލުހުންގެ ހިދުމަތުގެ ހަމަތައް ހިފަހައްޓައި، ނަޒާހާތްތެރިކަމާ އެކު އެ އިދާރާގެ ކަންކަން ބަލަހައްޓަވާނެ ކަމަށް އާ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން މިއަދު ވިދާޅުވެއްޖެ އެވެ.

ނަޒާހާތްތެރިކަމާއެކު ހިދުމަތް ކުރިއަރުވާނަން: ނަވީން
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

10 ޖޫން 2025

ފުލުހުންގެ ހިދުމަތުގެ ހަމަތައް ހިފަހައްޓައި، ނަޒާހާތްތެރިކަމާ އެކު އެ އިދާރާގެ ކަންކަން ބަލަހައްޓަވާނެ ކަމަށް އާ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ފުލުހުންގެ އިދާރާގެ އެންމެ އިސްވެރިއަކަށް 30 އަހަރަށް ވުރެ ގިނަ ދުވަހު ފުލުހުންގެ ހިދުމަތުގައި އުޅުއްވަމުން ގެންދަވާ ނަވީން މިއަދު އައްޔަން ކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު މިދިޔަ އޭޕްރީލް 26 ގައި އިސްތިއުފާ ދެއްވުމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ނަވީން އައްޔަން ކުރެއްވުމާ ގުޅިގެން ލިބިވަޑައިގަންނަވާ މެސެޖުތަކަށް ޝުކުރު އަދާކުރައްވަމުން ފޭސްބުކްގައި ނަވީން ވިދާޅުވީ، އިތުރު މަސްއޫލިއްޔަތުތަކަކާ އޭނާ ހަވާލުވެވަޑައިގަންނަވާ މި ދަނޑިވަޅުގައި އެ މެސެޖުތަކަކީ ކުރިއަށް ވަޑައިގަތުމަށް ލިބިވަޑައިގަންނަވާ ހިތްވަރެއް ކަމަށެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ނަވީން މިއަދު އައްޔަން ކުރެއްވުމަށް ފަހު، އޭނާއާ ރައީސް މުއިއްޒު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ނަވީން މިއަދު އައްޔަން ކުރެއްވުމަށް ފަހު، އޭނާއާ ރައީސް މުއިއްޒު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުގައި މިހާތަނަށް އައްޔަން ކުރެއްވި ދެވަނަ ޕޮލިސް ކޮމިޝަނަރު ނަވީން ވިދާޅުވީ، ފުލުހުންގެ ހަމަތައް ހިފަހައްޓައި، ނަޒާހާތްތެރިކަމާއި ހިދުމަތްތެރިކަމާ އެކު، އެ އިދާރާ ކުރިއެރުވުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށެެވެ.

ފުލުހުންގެ ހިދުމަތުގައި 31 އަހަރު މަސައްކަތް ކުރައްވާފައިވާ ނަވީން ވަނީ ލީޑާޝިޕް، ސްޓްރެޓެޖީ، ފައިނޭންސް އަދި އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާ އިން އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސަދަން ކްއީންސްލޭންޑް އިން ކިޔަވައި ވިދާޅުވެފަ އެވެ. އަދި މެލޭޝިއާ އާއި އިނގިރޭސި ވިލާތުގެ ޔުނިވާސިޓީއަކުން ކްރިމިނަލް ލޯގެ ދާއިރާ އިން ވެސް ކިޔަވައި ވިދާޅުވި އެވެ.

އާ ޕޮލިސް ކޮމިޝަނަރަކަށް ނަވީން އައްޔަން ކުރައްވައި އޭނާ އަށް ރައީސް މުއިއްޒު މަގާމުގެ ފަތްކޮޅު މިއަދު ދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އާ ޕޮލިސް ކޮމިޝަނަރަކަށް ނަވީން އައްޔަން ކުރައްވައި އޭނާ އަށް ރައީސް މުއިއްޒު މަގާމުގެ ފަތްކޮޅު މިއަދު ދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ނަވީން ވަނީ އޭޝިއާ ކައުންޓާ ޓެރަރިޒަމް ފޯރަމާއި އިންޓަޕޮލް ޖެނެރަލް އެސެމްބްލީ އާއި ޔުނައިޓެޑް ނޭޝަންސް ސެކިއުރިޓީ ފޯރަމްސްގައި ވެސް ބައިވެރިވެވަޑައިގެން އެކުގައި މަސައްކަތް ކުރައްވައިފަ އެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލި މުއްދަތު މިދިޔަ ހަފުތާގެ ހޯމަ ދުވަހު ހަމަވިއިރު، އެ މަގާމަށް ކުރިމަތިލެއްވީ އެ މަގާމުން ޝުޖާއު އިސްތިއުފާ ދެއްވުމުން އިދާރާ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ނަވީންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އަދި އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމެވެ

ގާނޫނުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވަނީ އެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުން ޕޮލިސް ބޯޑުން ވަޒަން ކުރުމަށް ފަހު، ހޯމް މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.