ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުން ވެސް އެ މަގާމަށް ޝަރުތު ހަމަވާ ކަމަށް ޕޮލިސް ބޯޑުން ނިންމައިފި އެވެ.
09 ޖޫން 2025
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުން ވެސް އެ މަގާމަށް ޝަރުތު ހަމަވާ ކަމަށް ޕޮލިސް ބޯޑުން ނިންމައިފި އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މިދިޔަ އޭޕްރީލް 26 ގައި އިސްތިއުފާ ދެއްވުމުންނެވެ. އެހެންވެ، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހޯމް މިނިސްޓްރީން މިދިޔަ މޭ މަހުގެ 27 ގައި ހުޅުވައިލުމުން އެޕްލިކޭޝަން ހުށަހެޅުއްވީ ފުލުހުންގެ އިދާރާ ހިންގުމާ މިހާރު ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީނާއި ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އަދި ސައުތު ޕޮލިސް ކޮމާންޑަރު، އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޝަމީމެވެ.
އެ ތިން ބޭފުޅުންނާ ޕޮލިސް ބޯޑުން އިންޓަވިއުކޮށް ވަނީ ނިންމާލައިފަ އެވެ. އެހެންވެ، އެ ބޯޑަށް ފެނުނު ކަންތައްތަކާއި މާކްސްތައް ހޯމް މިނިސްޓަރު އަލީ އިހުސާނަށް ވަނީ ފޮނުވައިފަ އެވެ.
އެ ބޯޑުގެ މެންބަރަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި ކުރިމަތިލެއްވި ތިން ބޭފުޅުންގެ ވެސް ޝަރުތު ހަމަވާ ކަމަށް ބޯޑުން ވަނީ ކަނޑައަޅައިފަ އެވެ. އެ ތިން ބޭފުޅުން އިންޓަވިއުކޮށް މާކްސް ދިނުމަށް ފަހު، އެ މިނިސްޓަރާ ހިއްސާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"ތިން ބޭފުޅުންނަކީ ވެސް ފުލުހުންގެ ހިދުމަތުގައި ވަރަށް ވަރުގަދަ ތިން ބޭފުޅުން، އެހެންވެ، އެ ބޭފުޅުންގެ ޝަރުތު ހަމަވާނެ. ގާބިލްކަމާއި ތަޖުރިބާ ހުންނާނެ،" ބޯޑުގެ މެންބަރު ވިދާޅުވި އެވެ.
ޕޮލިސް ކޮމިޝަނަރު ކަމަށް ބޭފުޅަކު ކަނޑައަޅަނީ އެ މަގާމަށް ކުރިމަތިލާ މީހުންގެ ފެންވަރު ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުން ވަޒަންކޮށް ނުވަތަ އިންޓަވިއު ކުރުމަށްފަހު، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސެވެ.
ފުލުހުންގެ ގާނޫނުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވާތާ 45 ދުވަހުގެ ތެރޭގައި އެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރަން ޖެހެ އެވެ. އެ މުއްދަތު މިއަދަށް ހަމަވާނެ އެވެ. އެހެންވެ، އެ ތާރީހުގެ ކުރިން އާ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭފުޅަކު އައްޔަން ކުރައްވަން ޖެހިވަޑައިގަންނަވަ އެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު ޝުޖާއު އިސްތިއުފާ ދެއްވީ މާލޭގެ އިމާރާތެއް މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގެ ތަހުގީގާ ގުޅިގެން ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ. އެކަމަކު، ޝުޖާއު ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވީ ނުވަތަ ރިޓަޔާ ކުރެއްވީ އަމިއްލަ ސަބަބުތަކާ ހެދި ކަމަށެވެ.
ޝުޖާއުގެ އިސްތިއުފާއާ އެކު، އެ މަގާމު ވަގުތީ ގޮތުން ފުރަތަމަ ހަވާލުކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދުއާ އެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ހޯމް މިނިސްޓްރީން އެ ނިންމުން ބަދަލުކޮށް، ޑެޕިއުޓީ ކޮމިޝަނަރު ނަވީންއާ އެ މަގާމު ވަގުތީ ގޮތުން ހަވާލުކުރި އެވެ.
ޕޮލިސް ކޮމިޝަނަރަކަށް ޝުޖާއު އައްޔަންކުރަން ލަފާދީފި
ފަސް އޮފިސަރަކު ވަކިކުރަން ނިންމީ ގޯސްކޮށް:ސިވިލް ކޯޓް
ޖަމްޝީދާއި ޓޫފޯ ވަކިކުރުން ސުޕްރީމް ކޯޓުން ނުހުއްޓުވި
ތިން އޮފިސަރަކު ވަކިކުރުން ހުއްޓުވައިފި
އޮފިސަރުން ވަކިކުރުން ފަސްކޮށް ނުދިނުމުން ހައި ކޯޓަށް
ޕޮލިސް ބޯޑުގެ ނިންމުމާ ދެކޮޅަށް އޮފިސަރުން ކޯޓަށް
ބޯޑުގެ ނިންމުން: އޮފިސަރުން ދެކެނީ ޓާގެޓެއް ކަމަށް
އޮފިސަރުން ވަކިކުރަން ލަފާ ދީފި، ތަންފީޒެއް ނުކުރޭ
ނަޒާހާތްތެރިކަމާއެކު ހިދުމަތް ކުރިއަރުވާނަން: ނަވީން
ޕޮލިސް ކޮމިޝަނަރަކަށް ނަވީން އައްޔަން ކުރައްވައިފި