Roadha Mihaaru
ޖަމްޝީދާއި ޓޫފޯ ވަކިކުރުން ސުޕްރީމް ކޯޓުން ނުހުއްޓުވި

ޖަމްޝީދާއި ޓޫފޯ ވަކިކުރި ނިންމުން ސުޕްރީމް ކޯޓުން ވެސް ފަސްކޮށެއް ނުދިން

28 އެޕްރީލް 2022

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު (ޓޫފޯ) ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން ވަގުތީ ގޮތުން ހުއްޓުވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު (ޓޫފޯ) ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން ވަގުތީ ގޮތުން ހުއްޓުވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.

ފުލުހުންގެ ގާނޫނުގެ ދަށުން އުފެއްދި ޕޮލިސް ބޯޑުން މިދިޔަ އަހަރު ވަޒީފާއިން ވަކިކުރަން ނިންމި ފަސް އޮފިސަރުންގެ ތެރޭގައި ހިމެނޭ ޖަމްޝީދާއި ޓޫފޯގެގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވާތީ އެ މައްސަލަ ނިމެންދެން، އެ ބޭފުޅުން ވަޒީފާއިން ވަކިކުރި ނިންމުން ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދުނެވެ. ސިވިލް ކޯޓާއި ހައި ކޯޓުން ވެސް އަމުރު ނެރެނުދިނެވެ.

އެ މައްސަލަ ޖަމްޝީދާއި ޓޫފޯގެެ ފަރާތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ހައި ކޯޓުން އަމުރު ނެރެނުދިނީ ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުމަކާ ޚިލާފަށް ކަމަށް އެ ދެ ބޭފުޅުންގެ ފަރާތުން ބުންޏަސް، އެ ނިންމުމާ ޚިލާފްވި ގޮތެއް ބުނެ ނުދެވޭ ކަމަށެވެ.

އެ ދެ ބޭފުޅުން ވަކިކުރަން އެޅި ފިޔަވަޅުތައް ބާތިލްކުރަން ސުޕްރީމް ކޯޓުގައި އެދިފައި އޮތަސް، އެކަމާ ގުޅިގެން ހުކުމުގައިވަނީ އެ އެދުމަކީ ދަށު ކޯޓުގައި އެދިފައިވާ ގޮތާ ތަފާތުކޮށް ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ވަގުތީ އަމުރަކީ މައްްސަލަ ނިމެންދެން ދެވޭ ވަގުތީ ފަރުވާއަކަށް ވާއިރު، ޖަމްޝީދާއި ޓޫފޯ ވަކިކުރުމުގެ ނިންމުން ބާތިލް ކުރުމަކީ އަސްލު މައްސަލަ ނުނިމެނީސް ވަގުތީ ގޮތުން ދެވޭނެ ފަރުވާއެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުން މައްސަލަ ބެއްލެވީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ.

ޕޮލިސް ބޯޑުގެ ނިންމުމާ އެކު ދެން ވަކިކުރަން ނިންމީ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދާއި ޗީފް ސުޕްރިޓެންޑެންޓް އަބްދުﷲ ޝަރީފާއި ސުޕްރިޓެންޑެންޓް އިސްމާއިލް ޝަމީމެވެ. އެ ބޭފުޅުން ވަކިކުރުމުގެ ނިންމުމަށް އަމަލުކުރުން ހައި ކޯޓުން ހުއްޓުވައި ދިނުމުން އެ ބޭފުޅުން ތިބީ ވަޒީފާގަ އެވެ.

ޖަމްޝީދާއި ޓޫފޯގެ މައްސަލާގައި ހައި ކޯޓުން އަމުރު ނުދިނީ އެ ކޯޓުން މައްސަލަ ނިމުމުގެ ކުރިން އެ ބޭފުޅުން ވަޒީފާއިން ވަކިކޮށްފައިވާތީ އެވެ.