Roadha Mihaaru
މައްސަލަ ކޯޓުގައި އޮއްވާ ޕްރޮމޯޝަން ދިނުމުން ސުވާލު

ވަކިކުރަން ނިންމި އޮފިސަރުންގެ މައްސަލަ ކޯޓުގައި އޮއްވާ ބައެއް މީހުންނަށް ޕްރޮމޯޝަން ދިނުމުން ސުވާލު އުފައްދައިފި

26 އޯގަސްޓް 2024

ޕޮލިސް ބޯޑުގެ ލަފައަށް ބިނާކޮށް ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ނިންމި އިސް އޮފިސަރުންގެ މައްސަލަ ހައި ކޯޓުގައި އޮއްވާ އޭގެ ތެރެއިން ބައެއް އޮފިސަރުންނަށް ޕްރޮމޯޝަން ދީފައިވާތީ އެކަމާ މެދު ހައި ކޯޓުގައި މިއަދު ސުވާލު އުފައްދައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޕޮލިސް ބޯޑުގެ ލަފައަށް ބިނާކޮށް ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ނިންމި އިސް އޮފިސަރުންގެ މައްސަލަ ހައި ކޯޓުގައި އޮއްވާ އޭގެ ތެރެއިން ބައެއް އޮފިސަރުންނަށް ޕްރޮމޯޝަން ދީފައިވާތީ އެކަމާ މެދު ހައި ކޯޓުގައި މިއަދު ސުވާލު އުފައްދައިފި އެވެ.

ޕޮލިސް ބޯޑުން ދިން ލަފައަކަށް ބިނާކޮށް 2021 ވަނަ އަހަރު ފުލުހުންގެ ވަޒީފާއިން ވަކިކުރީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދާއި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފްގެ އިތުރުން ސުޕްރިޓެންޑެންޓް މުހައްމަދު ދާއޫދާއި ސުޕްރިޓެންޑެންޓް އިސްމާއިލް ޝަމީމެވެ.

އެ އޮފިސަރުންނަށް އަލުން ވަޒީފާ ދޭން ސިވިލް ކޯޓުން ހުކުމް ކުރުމުން އެ މައްސަލަ ދައުލަތުން އޮތީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އޭގެ ތެރެއިން ޖަމްޝީދާއި އަހުމަދު މުހައްމަދު ފިޔަވައި ދެން ތިބި އޮފިސަރުން އަދިވެސް ތިބީ ފުލުހުންގެ ވަޒީފާގަ އެވެ. އަދި އެ މައްސަލަ ހައި ކޯޓުގައި އޮއްވާ އޭގެ ތެރެއިން އަބްދުﷲ ޝަރީފް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ ރޭންކަށް ދާދިފަހުން ވަނީ ޕްރޮމޯޓްކޮށްފަ އެވެ.

އެ މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރުމުގެ ފުރުސަތެއް ކުރިން ދިން ނަމަވެސް ހައި ކޯޓުގައި މިއަދުގެ ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ކޯޓުން ބޭރުގައި ހައްލަކަށް އާދެވިފައި ނުވާތީ އެ މައްސަލަ ހައި ކޯޓުގައި ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ.

ނަމަވެސް އެ އޮފިސަރުންގެ ވަކީލުން ބުނީ ހައި ކޯޓަށް މައްސަލަ ހުށަހެޅުމަށް ފަހު، ދައުލަތުން އަމަލުކުރި ގޮތަށް ބަލާއިރު އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެ މައްސަލާގައި، ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ބައެއް ކަމަށް ބުނެ ވަޒީފާ އިން ވަކިކުރަން ނިންމި އޮފިސަރުންގެ ތެރެއިން ބައެއް މީހުންނަށް މިހާރު ވެސް ޕްރޮމޯޝަން ދީފައިވާ ކަމަށާއި އެހެންވެ، ދައުލަތުން ބޭނުންވާ ގޮތް ސާފުނުވާ ކަމަށާއި އަދި މިއީ ކުޅޭ ކުޅިވަރަކަށް ވެފައިވާ ވަކީލުން ބުންޏެވެ.

ވަކީލުން ބުނިގޮތުގައި އެ މައްސަލަ ކާމިޔާބުވުމުގެ ފުރުސަތެއް ނެތް ނަމަ ޝަރީއަތް ހިންގުމެއް ނެތި މައްސަލަ ބޭރުކޮށްލަން ނިންމިދާނެ ކަމަށް މަދަނީ އިޖްރައާތުގައި ބުނެފައިވާ ކަމަށެވެ. މައްސަލަ ހުށަހެޅި ފަހުން ބައެއް އޮފިސަރުންނަށް ޕްރޮމޯޝަން ދީފައިވާތީ، އެކަމާ މެދު ގޮތެއް ކޯޓުން ނިންމަން ވަކީލުން އެދުނެވެ.

ދައުލަތުން ބުނީ ޝަރީއަތް ހިންގުމެއް ނެތި މައްސަލަ ބޭރުކޮށްލެވޭނީ ދަށު ކޯޓުގެ މަރުހަލާގައި ކަމަށެވެ. ޕްރޮމޯޝަން ދިނުމަކީ ފުލުހުންގެ ތެރޭގައި އޮންނަ އުސޫލުތަކުގެ ތެރެއިން ކުރާ ކަމެއް ކަމަށް ދައުލަތުން ބުންޏެވެ.

ނަމަވެސް ހަވާލާދޭ ގާނޫނީ ނައްސުގެ ތަފްސީލުތައް ނެތި އެކަން ފާހަގަ ކޮށްފައި އޮތުމުން ފަނޑިޔާރުން ބެންޗުން ނިންމެވީ މައްސަލަ ކުރިއަށް ގެންދިއުމަށެވެ. ފާހަގަކުރަން ބޭނުންވާ ކަންކަން ގާނޫނީ އުސޫލުތަކާ ހަވާލާ ދިނުމަށް ފަހު، ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ބެންޗުން ވިދާޅުވި އެވެ.

ދައުލަތުން އެދުނީ ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށް ދިނުމަށެވެ.

މިއަދުގެ އަޑުއެހުން ނިންމާލީ އިތުރު އަޑުއެހުމެއްް ފަހުން ބާއްވާނެ ކަން އިއުލާން ކުރެއްވުމަށް ފަހު އެވެ.

ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަފީއު އެވެ.