Roadha Mihaaru
ވަކިކުރަން ނިންމި ފުލުހުންގެ މައްސަލަ އަނބުރާ ގެންދަނީ

ވަކިކުރަން ނިންމި ފުލުހުންގެ މައްސަލަ ފުލުހުންގެ އާ ބޯޑުން އަނބުރާ ގެންދަނީ

26 ނޮވެމްބަރ 2023

ޕޮލިސް ބޯޑުގެ ލަފަޔަށް ފުލުހުންގެ އިސް ފަސް އޮފިސަރަކު ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި ވަނިކޮށް، ފުލުހުންގެ ބޯޑު މި ސަރުކާރުން އަލުން އެކުލަވާލުމާ އެކު މައްސަލަ އަނބުރާ ގެންދަން ނިންމައިފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ޕޮލިސް ބޯޑުގެ ލަފަޔަށް ފުލުހުންގެ އިސް ފަސް އޮފިސަރަކު ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި ވަނިކޮށް، ފުލުހުންގެ ބޯޑު މި ސަރުކާރުން އަލުން އެކުލަވާލުމާ އެކު މައްސަލަ އަނބުރާ ގެންދަން ނިންމައިފި އެވެ.

ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގެ ދަށުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެކުލަވާލި ޕޮލިސް ބޯޑުން ބައެއް މެންބަރުން ވަކިކޮށް، މިދިޔަ ހަފުތާގައި ވަނީ އާ މެންބަރުން އައްޔަންކޮށްފަ އެވެ. މި ބަދަލާ އެކު، ހަތް މެންބަރުންގެ ބޯޑުން މިހާރު ވަނީ ހައި ކޯޓުގައި އޮތް މައްސަލަ އަނބުރާ ގެންދަން ބަންޑާރަ ނައިބުގެ އޮފީހުގައި އެދިފަ އެވެ.

ޕޮލިސް ބޯޑުން އޮކްޓޫބަރު 2021 ގައި ހަތް އޮފިސަރަކު ވަކިކުރަން ލަފާ ދިނެވެ. އެ ނިންމުމާ އެކު ދެ އެސިސްޓެންޓް ކޮމިޝަނަރުން ކަަމަށްވާ މުހައްމަދު ޖަމްޝީދާއި އަހްމަދު މުހައްމަދު (ޓޫފޯ) ވަކިކުރަން ނޯޓިސް ދިނެވެ. އޭރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސޮއިކުރައްވައި ފޮނުއްވި ޗިޓުގައި ސަބަބެއް ކަމަށް އޮތީ މަގާމުން ވަކިކުރެއްވީ ފުލުހުންގެ އާ ގާނޫނުގެ ދަށުން ޕޮލިސް ބޯޑުން ބެލި މައްސަލައަކާ ގުޅިގެން މަގާމުގައި ބަހައްޓަން ނުފެންނާތީ ކަމަށެވެ.

އެ ދެ ބޭފުޅުންގެ އިތުރުން މިހާރު އެކްޓިން ޕޮލިސް ކޮމިޝަނަރަށް އައްޔަންކޮށްފައިވާ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އަދި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް ވެސް އޮތީ ވަކިކުރަން ލަފާ ދީފަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ފުލުހުންގެ އާ ބޯޑުން ވަނީ ކުރީގެ ނިންމުމާ ދެކޮޅަށް އޮފިސަރުން ކޯޓަށް ދިއުމުން އެ ބޭފުޅުންނާ އެއްކޮޅަށް ކުރި ހުކުމް ބޯޑުގެ އެދުމަށް އިސްތިއުނާފްކޮށްފައި ވާތީ އެ މައްސަލަ އަނބުރާ ގެންނަން ބަންޑާރަ ނައިބުގެ އޮފީހުގައި އެދިފަ އެވެ. ނަމަވެސް ބަންޑާރަ ނައިބުގެ އޮފީހުން އަދި އެކަމާ މެދު ވަކި ގޮތެއް ނުނިންމަ އެވެ.

އާ ޕޮލިސް ބޯޑުން ކުރީގެ ނިންމުން ބަދަލުކޮށްފައި ވާއިރު އާ ސަރުކާރާ އެކު ފުލުހުންގެ އިސް މަގާމުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި މުހައްމަދު ހަމީދު ރިޓަޔަކުރައްވާފައި ވާއިރު އެ މަގާމަށް ހަމަޖައްސާނީ ވަކިކުރަން ނިންމި ބޭފުޅުންގެ ތެރެއިން އޮފިސަރެއް ކަމަށް ވަނީ ބެލެވިފަ އެވެ.

ޑެޕިއުޓީ ކޮމިޝަނަރުން ކަމަށްވާ މަންނާން އަބްދުލްޔޫސުފާއި އަލީ ރަޝީދު ވެސް އިއްޔެ ވަނީ ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރައްވައިފަ އެވެ.