Roadha Mihaaru
އޮފިސަރުންނަށް ވަޒީފާދިނުން ހުއްޓުވި އަމުރު ބާތިލްނުކުރި

ވަކިކުރި އޮފިސަރުންނަށް ވަޒީފާ ދިނުން މަޑުޖައްސާލަން ނެރުނު އަމުރު މުރާޖާ ނުކުރެވޭނެ: ހައިކޯޓް

13 ޑިސެމްބަރ 2023

ޕޮލިސް ބޯޑުން ދިން ލަފައަކަށް ބިނާކޮށް ފުލުހުންގެ ވަޒީފާއިން ވަކިކުރި އިސް އޮފިސަރުންނަށް އަލުން ވަޒީފާ ދިނުން މަޑުޖައްސާލަން ހައި ކޯޓުން ނެރެފައިވާ ވަގުތީ އަމުރު މުރާޖާ ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޕޮލިސް ބޯޑުން ދިން ލަފައަކަށް ބިނާކޮށް ފުލުހުންގެ ވަޒީފާއިން ވަކިކުރި އިސް އޮފިސަރުންނަށް އަލުން ވަޒީފާ ދިނުން މަޑުޖައްސާލަން ހައި ކޯޓުން ނެރެފައިވާ ވަގުތީ އަމުރު މުރާޖާ ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ.

ޕޮލިސް ބޯޑުގެ ލަފައަކާ ގުޅިގެން ފުލުހުން ވަޒީފާއިން ވަކިކުރީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދާއި ޗީފް ސުޕްރިޓެންޑެންޓް އަބްދުﷲ ޝަރީފާއި ސުޕްރިޓެންޑެންޓް މުހައްމަދު ދާއޫދުގެ އިތުރުން ސުޕްރިޓެންޑެންޓް އިސްމާއިލް ޝަމީމެވެ. އެ އޮފިސަރުން ވަކިކުރަން ނިންމި ނިންމުން ސިވިލް ކޯޓުން ބާތިލްކުރި މައްސަލަ ދައުލަތުން އޮތީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

އިސްތިއުނާފް ނިމެންދެން، ސިވިލް ކޯޓުގެ ހުކުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރެއް ހައި ކޯޓުން ކުރިން އޮތީ ނެރެފަ އެވެ. އެ އަމުރު މުރާޖާކުރަން އެދުނީ ޖަމްޝީދާއި އަހުމަދު މުހައްމަދުގެ ފަރާތުންނެވެ. ދެން ތިބި އޮފިސަރުން އަދިވެސް ތިބީ ފުލުހުންގެ ވަޒީފާގަ އެވެ.

ހައި ކޯޓުން މިއަދު ނިންމި ނިންމުމުގައިވަނީ އެ އަމުރު ނެރުނުއިރު އޮތް ހާލަތަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށެވެ. އަދި ދެން ތިބި އޮފިސަރުން ވަޒީފާގައި ތިބިއިރު، ޖަމްޝީދާއި އަހުމަދު މުހައްމަދަށް ވަޒީފާ ނުލިބި އޮތުމަކީ އެ އަމުރު މުރާޖާ ކުރަންޖެހޭ ސަބަބެއް ނޫން ކަމަށް އެ ނިންމުމުގައިވެ އެވެ.

މީގެ އިތުރުން އެ މައްސަލަ އިސްތިއުނާފް ކުރަން ޕޮލިސް ބޯޑުން ކުރިން ނިންމި ނިންމުން އެ ބޯޑުން މިހާރު ބަދަލު ކޮށްފައި ވިޔަސް، ދައުލަތުން މިހާތަނަށް ވެސް އެ މައްސަލަ އަނބުރާ ގެންގޮސްފައި ނުވާ ކަން އެ ހައި ކޯޓުގެ ނިންމުމުގައި ފާހަގަ ކޮށްފައިވެ އެވެ.

އެކަންކަން ފާހަގަކޮށް، ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ އަމުރު މުރާޖާ ކުރާނެ ތަނެއް ނެތް ކަމަށެވެ.

އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި އިސް ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަފީއު އެވެ.