Roadha Mihaaru
އޮފިސަރުން ވަކިކުރުން ފަސްކޮށް ނުދިނުމުން ހައި ކޯޓަށް

ފުލުހުންގެ އިސް އޮފިސަރުން ވަކިކުރުން ފަސްކުރުމުގެ އަމުރު ނުދިނުމުން ހައި ކޯޓަށް

18 އޮކްޓޯބަރ 2021

ޕޮލިސް ބޯޑުގެ ލަފާގެ މަތިން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ފުލުހުންގެ އިސް އޮފިސަރުން ވަޒީފާއިން ވަކިކުރުން މަޑުޖައްސާލެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމުމުން އެ އޮފިސަރުންގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޕޮލިސް ބޯޑުގެ ލަފާގެ މަތިން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ފުލުހުންގެ އިސް އޮފިސަރުން ވަޒީފާއިން ވަކިކުރުން މަޑުޖައްސާލެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމުމުން އެ އޮފިސަރުންގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮޮށްފި އެވެ.

ފުލުހުންގެ ގާނޫނުގެ ދަށުން ޕޮލިސް ބޯޑުން ދިން ލަފައާ އެކު، ފުލުހުންގެ ވަޒީފާއިން ހަތް އޮފިސަރަކު ވަކިކުރަން ނިންމުމުން އޭގެ ތެރެއިން ފަސް އޮފިސަރަކު ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އެއީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދާއި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފްގެ އިތުރުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު އަދި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އިސްމާއިލް ޝަމީމެވެ.

އެ މައްސަލަ ސިވިލް ކޯޓުން ނިމެންދެން އެ މީހުން ވަޒީފާއިން ވަކިކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް އެ މީހުންގެ ފަރާތުން އެދުނަސް، އެ ކޯޓުން މިދިޔަ ހަފުތާގައި ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

އެ ނިންމުން އެ މީހުންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލާގެ ޝަރީއަތް މާދަމާ ފަށަން ހައި ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ.

އެ އޮފިސަރުން ވަކިކުރުން މަޑުޖައްސާލުމުގެ އަމުރު ނެރެ ނުދޭން ސިވިލް ކޯޓުން ނިންމިއިރު، އެ ކޯޓުން ވަނީ އެ މައްސަލާގެ ޝަރީއަތް ވެސް ސިއްރުކޮށްފަ އެވެ.