Roadha Mihaaru
ފަސް އޮފިސަރަކު ވަކިކުރަން ނިންމީ ގޯސްކޮށް:ސިވިލް ކޯޓް

ޕޮލިސް ބޯޑުގެ ލަފައާއެކު، ފަސް އޮފިސަރަކު ވަކިކުރަން ނިންމީ ގޯސްކޮށް: ސިވިލް ކޯޓް

21 ޑިސެމްބަރ 2022

ޕޮލިސް ބޯޑުގެ ލަފާގެ މަތިން ފުލުހުންގެ އިސް ފަސް އޮފިސަރަކު ވަޒީފާ އިން ވަކިކުރަން ނިންމި ނިންމުން ސިވިލް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޕޮލިސް ބޯޑުގެ ލަފާގެ މަތިން ފުލުހުންގެ އިސް ފަސް އޮފިސަރަކު ވަޒީފާ އިން ވަކިކުރަން ނިންމި ނިންމުން ސިވިލް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ޕޮލިސް ބޯޑުގެ ލަފައާ އެކު މިދިޔަ އަހަރު ވަޒީފާ އިން ވަކިކުރަން ނިންމި ހަތް އޮފިސަރުންގެ ތެރެއިން ކޯޓަށް މައްސަލަ ހުށަހެޅީ އޭގެ ތެރެއިން އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދާއި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމެވެ.

ޝަރީފާއި ދާއޫދާއި ޝަމީމް ވަކިކުރުމުގެ ނިންމުމަށް އަމަލުކުރުން ކޯޓުން ވަގުތީ ގޮތުން ހުއްޓުވާފައިވާތީ އެ ބޭފުޅުން އަދިވެސް ތިބީ ވަޒީފާގަ އެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ފުލުހުންގެ ގާނޫނުގެ ދަށުން ޕޮލިސް ބޯޑުގެ ނިންމުމަކުން އިސް އޮފިސަރަކު ވަކި ކުރެވޭނީ ތުހުމަތު ކުރެވޭ މައްސަލާގެ ބާވަތާއި ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބެލުމަށްފަހު ކަމަށް ގާނޫނުގައި ބުނެފައިވާއިރު، އެ ފަސް އޮފިސަރުންނަށް ނިސްބަތްވާ ގޮތަށް ޕޮލިސް ބޯޑުން އެފަދަ ނިންމުމެއް ނިންމާފައިވާކަން އެނގެން ނެތް ކަމަށެވެ.

ހުކުމުގައިވާ ގޮތުން ޕޮލިސް ބޯޑުގެ ނިންމުމެއް ކަމަށް ބުނެ ދައުލަތުން ކޯޓަށް ދެ ރިޕޯޓަކީ ވެސް އެ ފަސް އޮފިސަރުންނަށް ނިސްބަތްވާ ގޮތަށް ކަމެއް ނިންމާފައިވާ ރިޕޯޓެއް ކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި އެ ރިޕޯޓުތަކަކީ އެ އޮފިސަރުން ވަކިކުރަން ބޯޑުން ނިންމި ނިންމުމެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން ފުލުހުންގެ ގާނޫނަށް އަމަލުކުރަން ފަށާއިރު، ސުޕްރިޓެންޑެންޓް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށް ތުހުމަތު ކުރެވޭ ކަންކަމާއި އެ މީހުންގެ ތައުލީމީ ފެންވަރަށް ބަލަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައި އޮތަސް، އެއީ އެފަދަ އޮފިސަރުން ވަކިކުރުމުގެ ބާރު ލިބިދޭ މާއްދާއެއް ނޫނެވެ.

އެހެންކަމުން ޕޮލިސް ބޯޑުގެ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން ކަމަށް ބުނެ އެ ފަސް އޮފިސަރުން ވަކިކުރަން ނިންމާފައިވަނީ ފުލުހުންގެ ގާނޫނާ ޚިލާފަށް ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، އެ މީހުން ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން ބާތިލްކުރީ ކަމަށް ގާޒީ އަލީ އަބްދުﷲ ކުރެއްވި ހުކުމުގައިވެ އެވެ.