Roadha Mihaaru
ޕޮލިސް ބޯޑުގެ ނިންމުމާ ދެކޮޅަށް އޮފިސަރުން ކޯޓަށް

ޕޮލިސް ބޯޑުގެ ނިންމުމާ ދެކޮޅަށް އޮފިސަރުން ކޯޓަށް

06 އޮކްޓޯބަރ 2021

ފުލުހުންގެ މުއައްސަސާގެ އިސް ސަފުން އެއްފަރާތްކުރަން ބޯޑުން ނިންމުމުން އެކަމާ ދެކޮޅަށް އޮފިސަރުންގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ފުލުހުންގެ މުއައްސަސާގެ އިސް ސަފުން އެއްފަރާތްކުރަން ބޯޑުން ނިންމުމުން އެކަމާ ދެކޮޅަށް އޮފިސަރުންގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

އާ ގާނޫނާ އެކު އެކުލަވާލި ހަތް މެމްބަރުންގެ ބޯޑަށް މަތިކުރި އެއް ޒިންމާއަކީ ހަތަރު މަސް ތެރޭގައި ފުލުހުންގެ އިސް ސަފަށް ހަރުދަނާ ބަދަލުތައް ގެނައުމެވެ. އާ ގާނޫނުގެ 3 ވަނަ މާއްދާގެ (ނ) ތަންފީޒުކުރަން އެ ބޯޑުން ވަނީ ފުލުހުންގެ އިސް ސަފުން ހަތް އޮފިސަރަކު ވަކިކުރަން ނިންމައިފަ އެވެ.

ބޯޑުން ނިންމީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު އާއި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު އާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް އާއި ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު އާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދުގެ އިތުރުން ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް ވަކިކުރުމަށެވެ.

މީގެތެރެއިން ފަރުހާދާއި ޝުހާދު ފިޔަވައި ދެން ތިއްބެވި އޮފިސަރުންގެ ފަރާތުން ފަރާތުން މި މައްސަލަ ކޯޓަށް ހުށަހެޅީ ދިވެހި ޗެމްބާސްއިންނެވެ. ކޯޓުން ވަނީ އެ މައްސަލަ ބަލައިގެންފަ އެވެ.

ބޯޑުގެ ނިންމުން ތަންފީޒުކުރަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ލަފާ އެރުވިތާ މަހަކަށް ވުރެން ގިނަ ދުވަސް ފަހުން އޭނާ ވަނީ ދެ އޮފިސަރަކު ވަކިކުރަން ނޯޓިސް ފޮނުއްވައިފަ އެވެ. އެއީ، ދެ އެސިސްޓެންޓް ކޮމިޝަނަރުންގެ ގޮތުގައި ތިއްބެވި އަހްމަދު މުހައްމަދާއި މުހައްމަދު ޖަމްޝީދަށެވެ.

އޮފިސަރުންގެ ފަރާތުން ވަކީލުން ނެރުއްވި ބަޔާނުގައި ބުނެފައި ވަނީ ފުލުހުންގެ މުއައްސަސާގައި ހިދުމަތްކުރުމުގައި ދިގު މާޒީއެއް އޮތް އޮފިސަރުން ވަކިކުރަން ނިންމުމުގައި ބޭއިންސާފު ކަންކަން ހިނގާފައިވާ ކަމަށެވެ. ދިފާއުގައި ބަސްބުނުމަށާއި ޖަވާބުދާރީވާން ފުރުސަތު ނުދީ ކަންކޮށްފައިވާ ގޮތުން ދުސްތޫރީ އަދި ގާނޫނީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

ވަކީލުންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އޮފިސަރުންނާ މެދު އަމަލުކުރި ގޮތުގައި ގާނޫނީ ގޮތުން ބޮޑެތި ފުށުއެރުންތަކެއް އިޖުރާއޫ ގޮތުން ހުރުމުންނެވެ.

އެ މައްސަލައިގައި ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން އޮފިސަރުން ވަޒީފާ އިން ވަކިކުރުމުގެ އެއްވެސް ކަމެއް ނުކުރުމަށާއި ވަޒީފާ އަދާކުރުމަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުންގެ ހިދުމަތާއި ޕޮލިސް ބޯޑު އަދި ކަމާގުޅޭ ހުރިހާ ފަރާތްތަކަށް އަމުރުކޮށްދިނުމަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.

އޮފިސަރުންގެ މައްސަލަތައް ބެލީ އިދާރާތަކުން މައުލޫމާތު ހޯދައިގެންނެވެ. ހަތް އޮފިސަރަކު ވަކިކުރަން ބޯޑުން ނިންމާފައި އޮތް އިރު، ކުރެވޭ ތުހުމަތުތަކެއް ސާފުކޮށެއް ނުދެ އެވެ.

ބޯޑުގެ ނިންމުން ދިފާކުރަން ނެރުނު ހަމައެކަނި ބަޔާނުގައި ބުނެފައި އޮތީ، ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިންޓެންޑެންޓުން ފެށިގެން މަތީ ރޭންކްތަކުގެ އޮފިސަރުން، ފުލުހަކަށް ވީތީ އެ މީހުންނަށް ލިބިދީފައިވާ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭތޯ ބަލާފައިވާ ކަމަށެވެ. ލާއިންސާނީ އަނިޔާވެރި އަމަލެއް އަދި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ވެސް ބެލި ކަމަށެވެ.