Roadha Mihaaru

ޖަޕާނުން ދިވެހި ފުލުހުންނަށް ފަސް ލޯންޗް ހަދިޔާކޮށްފި

ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ހަދިޔާކުރި ފަސް ލޯންޗް މިއަދު ހަވާލުކޮށްފި އެވެ.

ޖަޕާނުން ފުލުހުންނަށް ފަސް ލޯންޗް ހަދިޔާކޮށްފި
އިފްރާޒް އަލީ
އިފްރާޒް އަލީ

18 އޯގަސްޓް 2025

ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ހަދިޔާކުރި ފަސް ލޯންޗް މިއަދު ހަވާލުކޮށްފި އެވެ.

ކ. ދޫނިދޫގައި މިއަދު ބޭއްވި ހާއްސަ ރަސްމިޔާތުގައި އެ އުޅަނދުތައް ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީންއާ ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ އެވެ. އެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ޖަޕާން ސަރުކާރުގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ހަދިޔާކުރި ލޯންޗުތަކާ ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޖަޕާނުގެ ސަފީރާއާއެކު ފުލުހުންގެ އިސްވެރިން.-- ފޮޓޯ: ޕޮލިސް

ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ހަދިޔާކުރި ލޯންޗުތަކާ ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޖަޕާނުގެ ސަފީރާއާއެކު ފުލުހުންގެ އިސްވެރިން.-- ފޮޓޯ: ޕޮލިސް

މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ނަވީން ވަނީ ޖަޕާން ސަރުކާރުން ދިވެހި ފުލުހުންނަށް ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.

ޖަޕާނުން ހަދިޔާކުރި ފަސް ލޯންޗާ އެކު، ކަނޑުމަތީގެ ފުލުހުންގެ ގާބިލުކަން ވަރަށް ބޮޑަށް އިތުރުވާނެ ކަމަށާއި އަދި ކަނޑުމަތީގައި ގާނޫނު ތަންފީޒުކުރުމުގެ ގާބިލުކަން އިތުރުވެ، މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި ކުއްލި ހާލަތްތަކުގައި ފުލުހުން އެޓެންޑުވުން އިތުރަށް އަވަސްވާނެ ކަމަށް ނަވީން ވިދާޅުވި އެވެ.

ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ހަދިޔާކުރި ލޯންޗުތައް، ޖަޕާނުގެ ސަފީރު އިޝިގާމީ ރުމިކޯ، ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީންއާ ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ޕޮލިސް

ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ހަދިޔާކުރި ލޯންޗުތައް، ޖަޕާނުގެ ސަފީރު އިޝިގާމީ ރުމިކޯ، ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީންއާ ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ޕޮލިސް

ނަވީން ވިދާޅުވީ އެ އުޅަނދުތައް ހިދުމަތަށް ނެރޭއިރު، ރައްޔިތުންގެ މަސްލަހަތު ހުރި ކަންކަމަށް ޕްރޮފެޝަނަލް ކަމާއެކު ބޭނުންކުރާނެ ކަމަށެވެ.

ޖަޕާނުގެ ސަފީރު ވިދާޅުވީ އެ އުޅަނދުތަކުގެ ބޭނުމަކީ މެރިން ޕޮލިސްގެ ގާބިލްކަން އިތުރުކޮށް، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި ކަނޑުމަތީގައި ގާނޫނު ތަންފީޒުކުރުމަށް އެހީތެރިވެދިނުން ކަމަށެވެ. އަދި މި އެހީތެރިކަމުގެ ސަބަބުން، ދިވެހި ފުލުހުންނަށް ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލްކަން އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިވެހި ފުލުހުންގެ ކުރިއެރުމަށާއި ތަރައްގީއަށް ބޭނުންވާ އެކި ވަސީލަތްތައް ފޯރުކޮށްދިނުމުގައި ޖަޕާން ސަރުކާރުން ދޭ އެހީތެރިކަން ފާހަގަކޮށް، އެ ރަސްމިއްޔާތުގައި ފުލުހުންގެ ފަރާތުން ޖަޕާނު ސަރުކާރަށް ވަނީ ހަނދާނީ ފިލައެއް ދީފަ އެވެ.

ޖަޕާން ސަރުކާރުން މިދިޔަ އަހަރު ވަނީ ދިވެހި ފުލުހުންނަށް 54 ކާރާއި ހަތަރު ވޭން ވެސް ހަދިޔާކޮށްފަ އެވެ. އަދި އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އިތުރުން ޑްރަގް ފީލްޑް ޓެސްޓް ކިޓް އާއި ޕްރިކަސަ ފީލްޑް ޓެސްޓް ކިޓް އާއި ރަމަން ހޭންޑްހެލްޑް ފީލްޑް އައިޑެންޓިފިކޭޝަން ކިޓް އަދި އެހެނިހެން ބައެއް ތަކެތި ވެސް ހަދިޔާކޮށްފަ އެވެ. ޖަޕާނުން ކުރިން ވަނީ އެމްއެންޑީއެފް އާއި ކަސްޓަމްސްއަށް ވެސް ބައެއް އުޅަނދުތައް ހަދިޔާކޮށްފަ އެވެ.