Roadha Mihaaru
ސަލާންޖަހަން އުޅުނު ޖަޕާނު މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި

ސަލާން ޖަހަން އުޅުނު ޖަޕާނު މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި

16 ފެބުރުއަރީ 2023

މާލޭގެ މަގުމަތީގައި ސަލާން ޖަހައިގެން ފައިސާ ހޯދަން އުޅުނު ޖަޕާންގެ އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

މާލޭގެ މަގުމަތީގައި ސަލާން ޖަހައިގެން ފައިސާ ހޯދަން އުޅުނު ޖަޕާންގެ އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.

އެއީ މަގުމަތިން މީހުންނާ ބައްދަލުކޮށް، އެކި ފަހަރު އެކި ވާހަކަ ދައްކައިގެން ފައިސާ ހޯދާ މީހެކެވެ. ކުރިން ހުޅުމާލޭގައި ވެސް އުޅުނު އަދި މިހާރު އާންމުކޮށް މާލޭގެ މަގުމަތިން ފެންނަ މީހާގެ މައްސަލަ އިދާރާތަކުގެ ސަމާލުކަމަށް އައީ އޭނާގެ ވީޑިއޯއެއް މީހަކު ސޯޝަލް މީޑިއާގައި އާންމު ކުރުމުންނެވެ.

އެނގިފައިވާ ގޮތުގައި މިއަދު ފުލުހުން ވަނީ އެ އަންހެންމީހާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. މިހާރު އޭނާ އަނބުރާ ރާއްޖެ އިން ފޮނުވާލަން އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފަ އެވެ. އިމިގްރޭޝަނުން އެކަން "މިހާރު" އަށް ކަށަވަރުކޮށްދިނެވެ.

މިކަމާ ބެހޭ އިތުރު ތަފްސީލެއް އިމިގްރޭޝަނަކުން އަދި ނުދެ އެވެ.

އެ އަންހެން މީހާ ފައިސާ ހޯދަން ބޭނުންކުރި އެކި އުކުޅުތަކުގެ ވާހަކަތައް ސޯޝަލް މީޑިއާގައި މި ފަހުން އެކި މީސްމީހުން ކިޔައިދީފައި ހުއްޓެވެ. އެކި މީހުން ކައިރީގައި އޭނާ ވާހަކަ ދައްކާފައި ހުރީ އެކި ގޮތަށެވެ.

އޭނާ އަކީ ދިވެއްސަކާ އިނދެގެން އުޅޭ މީހެއް ކަމަށާއި އެ މީހާގެ ފަރާތުން އެހީއެއް ނުލިބޭ ކަމަށް ބައެއް މީހުން ގާތު ބުނެފައިވެ އެވެ. ކާނެ އެއްޗެއް ނެތިގެން ކަމަށް ބުނެ ފައިސާ ހޯދުމުގެ އިތުރުން ބޭސްފަރުވާއަށް ފައިސާ ބޭނުންވާ ކަމަށް ބުނެ ފައިސާ ހޯދާ ކަމަށް އޭނާއާ ބައްދަލުވި މީހުން ބުނެފައިވެ އެވެ.

ދިވެއްސަކާ އިނދެގެން އުޅޭ ކަމަށް ބައެއް މީހުން ގާތުގައި ބުންޏަސް، ވަރިކޮށްފައި ގެއިން ނެރެލުމުން ހާލުގައި ޖެހިގެން އުޅެނީ ކަމަށް ވެސް ބައެއް މީހުން ގާތު ބުނެ އެވެ.

އެ އަންހެން މީހާގެ އަމަލުތައް ހުންނަ ގޮތުން އޭނާ އަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހެއް ކަމަށް ވެސް އޭނާއާ ދިމާވި ބައެއް މީހުން ސޯޝަލް މީޑިއާގައި ތުހުމަތު ކުރި އެވެ.