Roadha Mihaaru
ޖަޕާނުން ރާއްޖެ އަށް 46 މިލިއަން ރުފިޔާ ދީފި

ސީއެމްބިއުލެންސްގެ ހިދުމަތް ހަރުދަނާކުރަން ޖަޕާނުން 46 މިލިއަން ރުފިޔާ ދީފި

04 އޮކްޓޯބަރ 2021

ސީއެމްބިއުލެންސްގެ ހިދުމަތް ހަރުދަނާ ކުރުން ހިމެނޭ ގޮތަށް، ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއަރުވަން ޖަޕާނު ސަރުކާރުން ރާއްޖެ އަށް 46.3 މިލިއަން ރުފިޔާ (ތިން މިލިއަން ޑޮލަރު) މިއަދު ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސީއެމްބިއުލެންސްގެ ހިދުމަތް ހަރުދަނާ ކުރުން ހިމެނޭ ގޮތަށް، ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއަރުވަން ޖަޕާނު ސަރުކާރުން ރާއްޖެ އަށް 46.3 މިލިއަން ރުފިޔާ (ތިން މިލިއަން ޑޮލަރު) މިއަދު ދީފި އެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެ ކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.

މި އެހީގެ ދަށުން ރާއްޖޭގެ ސިއްހީ ދާއިރާގެ ހިދުމަތްތައް ކުރިއެރުވުމުގެ މަސައްކަތްކުރާ އިރު، އޭގެ ތެރެއިން ޒަމާނީ ސީ އެންބިއުލެންސްތައް ގެނައުން ވެސް ހިމެނެ އެވެ. އަދި ކުއްލި ފަރުވާ ދޭންޖެހޭ ހާލަތުތަކުގައި އެކަމަށް ބޭނުންވާ މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޮވިޑާއެކު، ސީ އެމްބިއުލެންސްގެ ހިދުމަތް ދޭންޖެހޭ އަދަދު އިތުރުވެފައިވާ ކަމަށާއި އެ ހިދުމަތް ދިނުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކަށް މިހާރު ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށް، މިއަދުގެ ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރު ހަލީލު ވިދާޅުވި ކަމަށެވެ. އެހެންވެ، މިފަދަ ދަނޑިވަޅެއްގައި ޖަޕާނުން އެހީތެރިވުމަކީ މި ހިދުމަތް ދިނުމުގައި ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް ވެސް އޭނާއާ ހަވާލާދީ ފޮރިން މިނިސްޓްރީން ބުންޏެވެ.

ޖަޕާނުން ވަނީ މިދިޔަ މަހު ރާއްޖެ އަށް 112،000 ޑޯޒްގެ އެސްޓްރަޒެނެކާ ވެކްސިން ވެސް ހަދިޔާކޮށްފަ އެވެ. އެ ގައުމުން ވަނީ އެމްބިއުލާންސާއި ޕީޕީއީގެ އިތުރުން ސިއްހީ އެކި ސާމާނު މީގެ ކުރިން ވެސް ރާއްޖެ އަށް ދީފަ އެވެ.