ކުރީގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާ އެކު މިއަދު ރިޓަޔާކުރައްވައިފި އެވެ.
07 މެއި 2025
ކުރީގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާ އެކު މިއަދު ރިޓަޔާކުރައްވައިފި އެވެ.
ޝުޖާއު ރިޓަޔާކުރެއްވުމަށް މިއަދު އިސްކަންދަރު ބިލްޑިންގުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވި އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.
އެ ރަސްމިއްޔާތުގައިި ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރުން ކަމަށްވާ އިސްމާއީލް ނަވީން އާއި ފަރުހާދު ފިކުރީގެ އިތުރުން ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުން އަދި ޝުޖާއުގެ އާއިލާގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ ފުލުހުންގެ ހިދުމަތުގައި ޝުޖާއު ހޭދަކުރެއްވި ދުވަސްތަކުގައި އެކި މަސައްކަތްތަކުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން އެންމެނަށް، އެ ރަސްމިއްޔާތުގައި އޭނާ ޝުކުރު އަދާކުރެއްވި ކަމަށެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ހިދުމަތުން ރިޓަޔާކުރެއްވުމުން ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ޕޮލިސް
އެ ރަސްމިއްޔާތުގައި ޝުޖާއުއަށް ވަނީ ޝަރަފުގެ ހަނދާނީ ފިލަ އާއި ރިޓަޔަމަންޓް ކާޑު ވެސް އަރުވައިފަ އެވެ.
ޝަރަފުގެ ހަނދާނީ ފިލަ އަކީ ޝަރަފުވެރިކަމާ އެކު ރިޓަޔާކުރައްވާ ޕޮލިސް ކޮމިޝަނަރުންނަށް ދިވެހި ފުލުހުންގެ ފަރާތުން އަރުވާ ފިލައެކެވެ. އެ ހަނދާނީ ފިލާގައި ހިމެނެނީ ކޮމިޝަނަރަށް ލިބިވަޑައިގެންފައިވާ ކުލަތަކާއި މެޑަލްތައް އަދި ކޮމިޝަނަރުގެ ޔުނިފޯމުގައި ހިމެނޭ އައިޓަމްތަކުގެ އިތުރުން ފުލުހެއްކަން އަންގައިދޭ ކާޑެކެވެ.
ރިޓަޔަމަންޓް ކާޑަކީ ޝަރަފުވެރިކަމާ އެކު ރިޓަޔާކުރައްވާ ކޮންމެ ފުލުހަކަށް ވެސް އަރުވާ ކާޑެކެވެ. އެ ކާޑަކީ ފުލުހުންގެ މުއައްސަސާއިން ޝަރަފުވެރިކަމާ އެކު ރިޓަޔާކުރެއްވި ބޭފުޅެއްކަން އަންގައިދިނުމަށާއި ފުލުހުންގެ އިދާރާއަށް ވަދެވަޑައިގަންނަވާ ކޮންމެ ފަހަރަކު ވެސް ބޭނުންކުރެއްވޭނެ އައިޑެންޓިފިކޭޝަން ކާޑެކެވެ.
ޝުޖާއު ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ 2006 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އޭގެ ކުރިން ތައުލީމީ ދާއިރާއަށް އަށް އަހަރު ދުވަހު އޭނާ ހިދުމަތްކުރެއްވި އެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ހިދުމަތުން ރިޓަޔާކުރެއްވުމުން ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ޕޮލިސް
ފުލުހުންގެ ރޭންކުތަކުގެ ތެރެއިން ކޮމިޝަންޑް ރޭންކަށް ޝުޖާއު އިސްކުރެއްވީ 2008 ވަނަ އަހަރު އެވެ. އެއަށް ފަހު ފުލުހުންގެ ތަމްރީން، އޮޕަރޭޝަންސް، އިންޓެލިޖެންސް އަދި އިންވެސްޓިގޭޝަން ފަދަ ދާއިރާތަކުގައި އޭނާ މަސައްކަތް ކުރެއްވިި އެވެ. ފުލުހުންގެ ލީޑާޝިޕާއި މެނޭޖްމަންޓްގެ މަގާމުތައް ވެސް އަދާކުރެއްވި އެވެ. އަދި ގައުމީ ފެންވަރުގަ އާއި ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ޕްރޮފެޝަނަލް ފޯރަމްތަކުގައި ރާއްޖޭގެ ސަރުކާރާއި ފުލުހުން ތަމްސީލުކުރައްވާފައިވެ އެވެ.
ޑިސެމްބަރު 25، 2023 ގައި ޕޮލިސް ކޮމިޝަނަރު ކަމަށް އައްޔަންކުރެއްވި ޝުޖާއު އެ މަގާމުން އިސްތިއުފާދެއްވީ މިދިޔަ މަހު 26 ގަ އެވެ. އެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އޭނާ ވަނީ ފުލުހުންގެ ހިދުމަތުން ރިޓަޔާކުރައްވައިފަ އެވެ.
ޝުޖާއު މަގާމުން ވަކިވެވަޑައިގަތުމުން ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާ މިހާރު ވަނީ ހަވާލުކުރައްވައިފަ އެވެ.
އެސްއޯގެ އޮޕަރޭޝަންތަކަށް ސީޕީގެ ހާއްސަ ހުއްދައެއް!
ފުލުހުން ރޭ އަމަލުކުރި ގޮތް ރިވިއު ކުރަން އަންގަވައިފި
ސްޓިކާ ނުޖެހިޔަސް ބޭނުންހާ ގޮތަކަށް ޕާކްކޮށްގެން ނުވާނެ
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
މިއަހަރު ގިނަ ފުލުހުން ރަށްރަށަށް ބަދަލުކުރަނީ
ކުއްލި ހާލަތުގައި ދެން ގުޅަން ޖެހޭނީ 911 އަށް
ދޮގު ތުހުމަތުނުކޮށް މައްސަލަ ބަލަން ފައްޔާޒު އެދިއްޖެ
ވޭޕްގެ ނަމުގައި ޑްރަގް ގެނައުން:މީހަކު ހައްޔަރެއްނުކުރޭ
އަތުހަރު ގޮޅީގައި އުޅުނު ގޮތް ފެންނަ ވީޑިއޯ ދައްކައިފި
ކާރު ދުއްވި މީހާ އަލުން ހައްޔަރުކޮށްފި