Roadha Mihaaru

ނަޝީދުގެ ތައުރީފު ޝުޖާއުއަށް

ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ރޭ ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވުމުން އޭނާ އަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައުރީފު ކުރައްވައިފި އެވެ.

ނަޝީދުގެ ތައުރީފު ޝުޖާއުއަށް

ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ރޭ ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވުމުން އޭނާ އަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައުރީފު ކުރައްވައިފި އެވެ.

ޑިސެމްބަރު 25، 2023 ގައި ސީޕީގެ މަގާމަށް އައްޔަން ކުރެއްވި ޝުޖާއުގެ އިސްތިއުފާއާ އެކު، އެކްސްގައި ނަޝީދު ވިދާޅުވީ، ކަންކަމާ ޒިންމާ ނެގުމަށްޓަކައި ނުވަތަ އިތުރަށް މައްސަލަ ހޫނުވިޔަ ނުދިނުމަށްޓަކައި އިސްތިއުފާ ދިނުމަކީ އެންމެ ރިވެތި ޑިމޮކްރެޓިކް އުސޫލު ކަމަށެވެ.

"އަބަދުވެސް އިސްކަން ދޭން ޖެހޭނީ ރާއްޖޭގެ ރައްޔިތުންގެ ހެވާއި ލާބައަށް. ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އަށް މަރުހަބާ،" ރާއްޖޭގެ މަސްލަހަތަށްޓަކައި ކަމަށް ވިދާޅުވެ، ރައީސްގެ މަގާމުން ފެބްރުއަރީ 7، 2012 ގައި އިސްތިއުފާ ދެއްވި ނަޝީދު ވިދާޅުވި އެވެ.

އުމުރުން 52 އަހަރުގައި ޝުޖާއު ސީޕީގެ މަގާމުން އިސްތިއުފާ ދެއްވީ އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގާ މެދު ގިނަ ސުވާލުތަކެއް ފެންމަތިކޮށް، އޭނާގެ އިސްތިއުފާ އަށް ގޮވަމުންދާ ދަނޑިވަޅެއްގަ އެވެ.

ޝުޖާއުގެ އިސްތިއުފާއާ އެކު، ޕޮލިސް ކޮމިޝަނަރަކަށް ބޭފުޅަކު އައްޔަން ކުރައްވަންދެން އެ މަގާމުގެ މަސްއޫލިއްޔަތު ހޯމް މިނިސްޓަރު އަލީ އިހުސާން ހަވާލުކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީންއާ އެވެ.