Roadha Mihaaru

ވެއްޓިފައި އޮއްވައި ފެނުނު ކުއްޖާއާ އެކު އުޅުނު މީހުން ފުރުން މަނާކޮށްފި

ޒުވާން އަންހެނަކު ގުދަނެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގެ ތަހުގީގުގައި މިހާރު ވަނީ އޭނާއާ އެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ އެންމެންގެ ބަޔާން ނަގާފައި ކަމަށާއި އެ އެންމެން ފުރުން މަނާކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

ވެއްޓުނު ކުއްޖާއާ އެކު އުޅުނު މީހުން ފުރުން މަނާކޮށްފި

ޒުވާން އަންހެނަކު ގުދަނެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގެ ތަހުގީގުގައި މިހާރު ވަނީ އޭނާއާ އެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ އެންމެންގެ ބަޔާން ނަގާފައި ކަމަށާއި އެ އެންމެން ފުރުން މަނާކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އެ މީހުން އެރޭ ވަދެފައިވާ ގެތައް ވެސް ފާސްކުރަން ކޯޓު އަމުރު މިހާރު ލިބިފައިވާ ކަމަށެވެ. އަދި އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މއ. މާންދޫގޭ ދެކުނުގެ ޓެރަސް އާއި ދެ ވަނަ އަދި ހަތަރު ވަނަ ފްލޯގެ އިތުރުން ގ. ކަށިވެލިގެ ފާސްކުރުމުގެ އަމުރު ތަންފީޒުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ނަވީން ވިދާޅުވީ ކުއްޖާ ވެއްޓުނު ކަމަށް ބެލެވޭ ފެންލައިޓްގެ އެލުމިނިއަމް ފްރޭމުން ފޮރެންސިކް ސާމްޕަލްތައް ނަގައި، އެހެން މީހެއްގެ ބައިވެރިވުމެއް އޮތްތޯ ވެސް ބަލާނެ ކަމަށެވެ. އަދި ފެންލައިޓުން ވެއްޓުނުކަމާ މެދު އުފައްދާ ސުވާލުތަކާ އެކު، ތަހުގީގުގައި އެކަން ވެސް އިތުރަށް ކަށަވަރުކުރަން ސީން ރިކޮންސްޓްރަކްޓްކޮށްގެން ވެސް ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

ޕްރެސް ކޮންފަރެންސްގައި، މީގެ ކުރިން ނޫސްވެރިންނަށް ވަކިން ދެއްކި ވީޑިއޯ ފުޓޭޖްތައް އާންމުކޮށް ދައްކާފައި ވާއިރު ފުލުހުން ބުނި ގޮތުގައި އެ ވީޑިއޯތަކުން ވެސް ފެންނަ ގޮތަށް، ހާދިސާ ހިނގި ވަގުތު އެ ދެ ޒުވާނުން ނޫން މީހަކު ގޭތެރެއަކުން ނުފެނެ އެވެ. އޭގައި ފެންނަނީ އަންހެން ކުއްޖާ އާއި ފިރިހެން ކުއްޖާ ގޭތެރޭގައި ސިޑިން މައްޗަށް އަރައި ފައިބައި އުޅެނިކޮށާއި ގައިގޯޅިކޮށް އުޅުނު ބައެއް މަންޒަރުތަކެވެ.

ފުލުހުން ބުނި ގޮތުގައި މި ދެ މީހުންނާ އެކު ދެން އުޅުނު މީހުންނަކީ ކޮބައިތޯ ބެލި އިރު، އިތުރު ހަތް މީހަކު މި މީހުންނާ އެކު އެ ރޭ 12:00 ހާއިރު މާންދޫގެ ދެކުނު ބަޔަކަށް ވަންނަތަން ފެންނަ ކަމަށާއި އެ އެންމެން ދެނެގަނެ މިހާރު ބަޔާން ވަނީ ނަގައިފަ އެވެ. އަދި އެ އެންމެންގެ މައްސަލަ ބަލާނެ ކަމަށް ޕޮލިސް ކޮމިޝަނަރު ޝުޖާއު ވިދާޅުވި އެވެ.

ވެއްޓިފައި އޮއްވައި ފެނުނު ޒުވާނާއާ އެކު އެ ރޭ އުޅުނު ބައެއް މީހުން

ވެއްޓިފައި އޮއްވައި ފެނުނު ޒުވާނާއާ އެކު އެ ރޭ އުޅުނު ބައެއް މީހުން

ޕޮލިސް ކޮމިޝަަނަރު ވިދާޅުވީ ކުއްޖަކު ވެއްޓިފައި އޮއްވައި ރިޕޯޓް ލިބުނީ ހުކުރު ދުވަހު 7:30 ހާއިރު ކަމަށާއި ހޮސްޕިޓަލަށް ގެންދެވުނީ 8:00 ހާއިރު ކަމަށެވެ. އަދި ވެއްޓިފައި އޮތީ ކާކުކަން ދެނެގަތުމަށް ވެސް ވަގުތުތަކަށް ހޭދަވި ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.

އެތަނަށް މީހަކު ވެއްޓޭނީ ކޮން އިމާރާތަކުންތޯ ބަލައި، އެ ގޭގެ ފުޓޭޖްތައް ހޯދައިގެން ބެލި އިރު ވެއްޓުނު މީހާ އާއި ރައުދު އަހްމަދު ޒިލާލް، 21، އެ ގޭތެރޭ އުޅޭތަން ފެނުނު ކަމަށެވެ. އޭނާ ހައްޔަރު ނުކުރި ނަމަވެސް ފޯނާއި ޕާސްޕޯޓް ވެސް ހިފަހައްޓާފައިވާ ކަމަށް ވިދާޅުވި އެވެ. އެކަމަކު ޕްރެސްގައި ނަވީން ވިދާޅުވީ ޒިލާލްގެ ވާހަކަތަކުގައި ފުށުއެރުންތަކެއް ހުރުމުން، އޭނާ ހައްޔަރުކުރަން ނިންމައި ކޯޓު އަމުރު މިހާރު ހޯދާފައިވާ ކަމަށެވެ.

ސިޔާސީ ބޭފުޅުންނާ ގުޅުން އޮތް ބަޔަކު މި މައްސަލައިގެ ތެރެއިން ސަލާމަތްކުރަން މަސައްކަތްކުރާ ކަމުގެ ބޮޑެތި ތުހުމަތެއް އަމާޒުވެފައި ވާއިރު ކޮމިޝަނަރު ތަކުރާރުކޮށް ވިދާޅުވީ ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށެވެ.