Roadha Mihaaru

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭ ތަންތަަނަށް ކޮމިޝަނުން ޒިޔާރާތްކޮށް މައުލޫމާތު ސާފުކުރަން ފަށައިފި

މިދިޔަ މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އުފެއްދި ހާއްސަ ކޮމިޝަނުން އެ މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރާތްކޮށް، މައުލޫމާތު އެއްކުރަން ފަށައިފި އެވެ.

ޔުމްނު ވެއްޓުނު ހާދިސާ: މައުލޫމާތު އެއްކުރަން ފަށައިފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

11 މެއި 2025

މިދިޔަ މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އުފެއްދި ހާއްސަ ކޮމިޝަނުން އެ މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރާތްކޮށް، މައުލޫމާތު އެއްކުރަން ފަށައިފި އެވެ.

އުމުރުން 21 އަހަރުގެ ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގުކުރަން މިދިޔަ މަހުގެ 28 ގައި އުފެއްދި ފަސް މެމްބަރުންގެ އެ ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދާ ހަމައަށް އެ މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރާތްކޮށް، ގުޅުންހުރި އިދާރާތަކުގެ ކަމާބެހޭ މުވައްޒަފުންނާ ބައްދަލުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅުންހުރި ފަރާތްތަކުން މައުލޫމާތު ސާފުކުރަން ފަށާފައިވާ ކަމަށް ވެސް ބުންޏެެވެ.

އެކަމަކު މައުލޫމާތު ނެގި ތަންތަނުގެ އަދަދާއި ނެގީ ކޮން ތަންތަނުން ކަމެއް ހާމަކޮށްފައެއް ނެތެވެ.

ޔުމްނު ވެއްޓުނު މައްސަލަ ބަލަން ރައީސް މުއިއްޒު ހާއްސަ ކޮމިޝަނެއް އުފެއްދެވީ ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވުމުންނެވެ.

އެ މައްސަލާގައި ކޮމިޝަނުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ކޮމިޝަނުގެ ރައީސް، ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެފައިވަނީ ވަރަށް އަވަހަށް ކޮމިޝަންގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ވެއްޓުނު ހާދިސާގައި ޔުމްނުއަށް ލިބުނު އަނިޔާތަކަށް އޭނާއަށް މިހާރު ފަރުވާ ދެމުންދަނީ މެލޭޝިއާގެ ހޮސްޕިޓަލެއްގަ އެވެ. އާއިލާއިން ބުނެފައިވާ ގޮތުގައި ބައެއް ސާޖަރީތަކަށް ފަހު ޔުމްނުގެ ހާލު މަޑުމަޑުން އަންނަނީ ރަނގަޅުވަމުންނެވެ.

ޔުމްނު، އާއިލާއަށް ކިޔައިދީފައިވާ ގޮތުގައި އޭނާ ވެއްޓުނީ އަމިއްލައަކަށް ނޫނެވެ. ޔުމްނު ވެއްޓުނު އިރު އޭނާއާ އެކު އެވަގުތު ހުރި ރައުދު އަހުމަދު ޒިލާލު ވަނީ ހައްޔަރުކޮށްފަ އެވެ. އާއިލާއިން ޔުމްނުއާ ހަވާލާދީ ބުނެފައިވަނީ ރައުދުގެ އިތުރުން އެހެން ބަޔަކު ވެސް ޔުމްނުއާ އެކު އުޅުނު ކަމަށެވެ.