Roadha Mihaaru

ޔުމްނު ވެއްޓުނު ތަހުގީގުގައި ފުލުހުންގެ އިހުމާލުތަކަށް ފިޔަވަޅު އަޅަން ކޮމިޝަނުގެ ލަފާ

މާލޭގެ އިމާރާތަކުން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަހުގީގުކުރުމުގައި ފުލުހުންގެ އިހުމާލުތައް ގިނަ ކަމަށާއި، އެކަމުގައި ފަރުވާކުޑަކުރި ވަކިވަކި ފުލުހުންގެ މައްސަލަ ބަލައި ފިޔަވަޅު އެޅުން މުހިންމު ކަމަށް އެ މައްސަލަ ތަހުގީގު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ހާއްސަ ކޮމިޝަނުން ބުނެފި އެވެ.

ޔުމްނުގެ ތަހުގީގުގައި ފުލުހުން ފަރުވާކުޑަ: ކޮމިޝަން

މާލޭގެ އިމާރާތަކުން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަހުގީގުކުރުމުގައި ފުލުހުންގެ އިހުމާލުތައް ގިނަ ކަމަށާއި، އެކަމުގައި ފަރުވާކުޑަކުރި ވަކިވަކި ފުލުހުންގެ މައްސަލަ ބަލައި ފިޔަވަޅު އެޅުން މުހިންމު ކަމަށް އެ މައްސަލަ ތަހުގީގު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ހާއްސަ ކޮމިޝަނުން ބުނެފި އެވެ.

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓި، އަނިޔާވި ޔުމްނުގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ކޮމިޝަނުން އެކުލަވާލި ރިޕޯޓް މިރޭ ރައީސް އޮފީހުން އާންމުކޮށްފައިވާއިރު އޭގައި ވަނީ، އެ ހާދިސާ ރިޕޯޓުކުރި ވަގުތުން ފެށިގެން، ފުލުހުންގެ އެކި ޑިޕާޓުމަންޓުތަކުން އަމަލު ކޮށްފައިވާ ގޮތުގެ މައްޗަށް ބަލައިފަ އެވެ.

އެ ހާދިސާ ރިޕޯޓު ކުރުމާ އެކު، ފުލުހުންގެ ކޮމާންޑް އެކަށީގެންވާ ވަގުތެއްގެ ތެރޭގައި ހެންވޭރު ޕެޓްރޯލް ބީޓަށް އަންގައި، އެ ހާދިސާ ހިނގި ހ. ފެންޓެނޯއީ ގެ އަށް ގޮސްފައިވާ ކަމަށާއި އަދި ޕެޓްރޯލް ފުލުހުން ދިން މައުލޫމާތުގެ އަލީގައި އެ ސަރަހައްދަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސް ފޮނުވި ކަމަށް ބުންޏެވެ.

ނަމަވެސް، އިންވެސްޓިގޭޓިވް އޮފިސަރަށް (އައިއޯ) އަށް ކޮމާންޑް ސެންޓަރުން މައުލޫމާތު ދީފައިވަނީ ގަޑިއެއްހާއިރު ފަހުން ކަމަށާއި އައިއޯ އަށް އެތަނަށް ދެވިފައިވަނީ ކުށުގެ ވެށިން ތަހުގީގަށް ނަގަންޖެހޭ ހެއްކާއި ގަރީނާ، ސީން އޮފް ކްރައިމް އޮފިސަރު ނަގައި ނިމުނު ފަހުން ކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެހެންކަމުން، ތަހުގީގަށް ބޭނުންވާ ފުރިހަމަ މައުލޫމާތާއި ހެކިތައް އެ ވަގުތު ހޯދިފައި ނުވާ ކަމަށް ރިޕޯޓުގައި ބުންޏެވެ.

ޕެޓްރޯލް ބީޓުން އެތަނަށް ދިޔަ ފުލުހުން، ކުށުގެ ވެށީގެ ބައުންޑްރީއެއް ކަނޑައަޅާފައި ނެތް ކަމަށާއި ކުށުގެ ވެށި ރަނގަޅަށް ރައްކާތެރި ކޮށްދީފައި ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ރިޕޯޓުގައި ބުނީ، އެތަނުގައި ހަރަކާތްތެރިވި ކްރައިމް ސީން އޮފިސަރު ސާޖަންޓް އަޒްހަދު ހަސަން މަނިކު، ފުލުހުންގެ މެނުއަލްއާ އެއްގޮތަށް، ކުށުގެ ވެށީގެ ހުރިހާ ސަރަހައްދެއް އެކަށީގެންވާ ގޮތެއްގައި ޕްރޮސެސް ކޮށްފައެއް ބެސް ނުވެ އެވެ.

އަދި ޔުމްނު އެ ރޭ ހ. ފެންޓެނޯއީ ހަތެއް، އަށެއް އަދި ނުވަ ވަނަ ފަންގިފިލާގައި އުޅުނު ކަން އެނގޭއިރު، އެ ތިން ފަންގިފިލާގެ އިތުރުން، ޔުމްނު ވެއްޓިފައި އޮތް ހ. މިޓާޒްގެ ފުރާޅުމަތި ވެސް ރަނގަޅަށް ނުބަލައި، ކުޑަވަގުތުކޮޅެއްގެ ތެރޭގައި އޭނާ ސީން ދޫކޮށްލާފައިވާ ދިޔަ ކަން އެނގޭ ކަމަށް ވެސް ރިޕޯޓުގައި ބުންޏެވެ.

އޭގެ ފަހުން، ތަހުގީގަށް ބޭނުންވާ އިތުރު ހެކި ހޯދަން، އެ ދުވަހުގެ ހަވީރު ފުލުހުން އެތަނަށް ދިޔަ ނަމަވެސް، މިޓާޒްގެ ފުރާޅުމައްޗަށް އަރައި، އެތަނުން ހެއްކެއް ލިބޭތޯ ވެސް ބަލާފައެއް ނުވެ އެވެ. އަދި ގުދަނެއް ހިންގައި މިޓާޒްގޭގެ އެތެރެއަކީ ވެސް މުހިންމު ތަނެއް ކަމަށް ކޮމިޝަނަށް ފާހަގަކުރެވޭއިރު، އެ ގުދަނުގެ އެތެރެ ވެސް ފުލުހުން ބަލާފައި ނުވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.

އެއާ އެކު، ރިޕޯޓުގައި ވަނީ ފުލުހުންގެ ފަރާތުން މިފަދަ އިހުމާލުތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އެ ޑިޕާޓުމަންޓުތަކުގެ އެސްއޯޕީއަށް އެ ފުލުހުން އަލުން އަހުލުވެރިކޮށް، އިތުރަށް ތަމްރީން ކުރަންޖެހޭ ކަމަށް ބުނެފަ އެވެ.

"...މި ހާދިސާގައި ފަރުވާކުޑަކުރި ފުލުހުންގެ މައްސަލަ ބަލައި، އިސްލާހީ ފިޔަވަޅު އެޅުން މުހިންމު ކަމަށް މި ކޮމިޝަނުން ދެކެމެވެ،" ރިޕޯޓުގައި ބުންޏެވެ.

ޔުމްނު ވަނީ ގަސްދުގައި ވައްޓާލާފައި ކަމަށް ނޫނީ އޭނާ އަމިއްލަ އިހްތިޔާރުގައި ފުންމާލާފައިވާ ކަމަށް ކަނޑައެޅެން ނެތް ކަމަށް އެ ރިޕޯޓުގައި އިތުރަށް ބުންޏެވެ.

ރިޕޯޓުގައި ބުނީ، ޔުމްނު ވެއްޓުނު ވަގުތުގެ ސީސީޓީވީ ފުޓޭޖް އެ ފަންގިފިލާގައި ކެމެރާ ނެތުމުގެ ސަބަބުން ލިބެން ނެތް ކަމަށާއި ޔުމްނުގެ ބަހެއް ހޯދަން ކޮމިޝަނުން ކުރި މަސައްކަތް ކާމިޔާބު ނުވި ކަމަށެވެ.

އަދި އެ ރޭ ޔުމްނުއާ އެކު އުޅުނު ރައުދު، އެ ރޭ ހިނގި ކަންކަން ހަނދާނުގައި ނެތް ކަމަށް ބުނެ ކޮމިޝަނަށް ބަޔާން ދީފައިވާތީ، އެ ކަންކަމުގެ މައްޗަށް ބަލައި ކޮމިޝަނުން ބުނީ، ސިޑި ގޮޅީގައިވާ ކުޑަދޮރުން ރައުދު ގަސްދުގައި ޔުމްނު ވައްޓާލީ ކަން ނުވަތަ ނޫން ކަން ކަނޑައެޅެން ކޮމިޝަނަށް ނެތް ކަމަށެވެ.

ނަމަވެސް، ކޮމިޝަނަށް ފާހަގަކުރެވުނު ކަންކަމަށް ބަލާއިރު ޔުމްނު ވައްޓާލުމުގެ ފުރުސަތު ހަނިކަމަށް ކޮމިޝަނަށް ފެންނަ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.