Roadha Mihaaru

މަސްތުގެ ހާލަތުގައި ހިނގި ކަންކަމުގެ ޒިންމާ ޔުމްނު އާއި ރައުދު ވެސް އުފުލަން ޖެހޭނެ: ކޮމިޝަން

މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި މަސްތުގެ ހާލަތަށް ދިޔުމުގެ ސަބަބުން ހިނގި ކަންކަމުގެ ޒިންމާ އަމިއްލަ އިހްތިޔާރުގައި އެ ހާލަތަށް ދިޔަ މީހުން އުފުލަން ޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ހާއްސަ ކޮމިޝަނުން ބުނެފި އެވެ.

މަސްތުގެ ހާލަތުގައި ހިނގިކަންކަމުގެ ޒިންމާ ނަގަންޖެހޭނެ
ނާޒިމް ހަސަން
ނާޒިމް ހަސަން

17 ޖޫން 2025

މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި މަސްތުގެ ހާލަތަށް ދިޔުމުގެ ސަބަބުން ހިނގި ކަންކަމުގެ ޒިންމާ އަމިއްލަ އިހްތިޔާރުގައި އެ ހާލަތަށް ދިޔަ މީހުން އުފުލަން ޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ހާއްސަ ކޮމިޝަނުން ބުނެފި އެވެ.

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓި، އަނިޔާވި ޔުމްނުގެ މައްސަލާގައި ފުލުހުންގެ ތަހުގީގާ މެދު އާންމުންގެ ފާޑުކިޔުންތައް ބޮޑުވުމުން އެ މައްސަލަ ބެލުމަށްޓަކައި ހާއްސަ ރިޔާސީ ކޮމިޝަނެއް ރައީސް މުއިއްޒު އުފެއްދެވީ އެ މަހުގެ ފަހުކޮޅު އެވެ. ގާތްގަނޑަކަށް ދެ މަސްދުވަހު އެ ކޮމިޝަނުން ހިންގި ތަހުގީގަށް ފަހު ތައްޔާރުކުރި ރިޕޯޓް މިއަދު ވަނީ އާންމުކޮށްފަ އެވެ.

އެ ރިޕޯޓްގައި ބުނީ ހާދިސާ ހިނގި ރޭ ޔުމްނުގެ އަމަލުތައް ހުރި ގޮތުންނާއި އޭނާއާ އެކު އުޅުނު ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލު ތިބީ މަސްތުގެ ހާލަތުގައި ކަން އެނގޭ ކަމަށާއި އެމީހުންގެ ލޭގެ ތަހުލީލު ރިޕޯޓުން ވެސް އެކަން އެނގޭ ކަމަށެވެ.

ރައުދާއު ޔުމްނު މަސްތުގެ ހާލަތަށް ދިޔައީ އެ ދެ މީހުންގެ އަމިއްލަ އިހްތިޔާރުގައި ކަމަށްވާތީ، އޭގެ ސަބަބުން ދިމާވާ ކަންކަމުގެ ޒިންމާ އެ ދެ މީހުން އުފުލަން ޖެހޭނެ ކަމަށް ކޮމިޝަނުން ބުންޏެވެ.

ހާދިސާ ހިނގި ރޭ ޔުމްނުއާ އެކު މަސްތުގެ ހާލަތުގައި އުޅުނީ ރައުދު ކަމަށްވެފައި، ޔުމްނު ސިޑިގޮޅީގެ ކުޑަދޮރުން ވެއްޓުމުގައި ރައުދުގެ އިހުމާލު އޮތް ކަމަށް ކޮމިޝަނަށް ބުރަވެވޭ ކަމަށް ވެސް ރިޕޯޓްގައި ބުންޏެވެ.

ރޭ ޔުމްނުއާ އެކު އުޅުނު ރައުދު، އެ ރޭ ހިނގި ކަންކަން ހަނދާނުގައި ނެތް ކަމަށް ބުނެ ކޮމިޝަނަށް ބަޔާން ދިނެވެ. އެ ކަންކަމުގެ މައްޗަށް ބަލައި ކޮމިޝަނުން ބުނީ ސިޑި ގޮޅީގައިވާ ކުޑަދޮރުން ރައުދު ގަސްދުގައި ޔުމްނު ވައްޓާލީ ކަން ނުވަތަ ނޫން ކަން ކަނޑައެޅެން ކޮމިޝަނަށް ނެތް ކަމަށެވެ.

ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --

ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --

ނަމަވެސް، ކޮމިޝަނަށް ފާހަގަކުރެވުނު ކަންކަމަށް ބަލާއިރު ޔުމްނު ވައްޓާލުމުގެ ފުރުސަތު ހަނިކަމަށް ކޮމިޝަނަށް ފެންނަ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ. އެގޮތުން ހަތަރު ކަމެއް ރިޕޯޓްގައި ފާހަގަކުރި އެވެ؛

- ރައުދާއި ޔުމްނުއާ ދެމެދު ހަމަނުޖެހުމެއް ނުވަތަ ރުޅިވެރިކަމެއް އެ ރޭ ހިނގާފައިނެތް ކަމަށާއި ޔުމްނު ވެއްޓުނު ގޭގެ ނުވަނަ ފަންގިފިލާއަށް އެރީ ވެސް އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިހްތިޔާރުގައި ކަން

- ޔުމްނު ވެއްޓުނު ގެއަށް އޭނާ ދިޔައީ އަމިއްލަ އިހްތިޔާރުގައި ކަމުން، އޭނާއަށް އަނިޔާއެއް ދިނުމުގެ މަގުސަދުގައި ރައުދު އެ ގެއަށް އޭނާ ގެންދިޔަކަން ފުޓޭޖުތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން ނެތް ކަން

- ޔުމްނު ވެއްޓުމުން ރައުދު އޭނާ ހޯދަން މަސައްކަތްކޮށް، އެހެން މީހުންނަށް ގުޅައި ތަންތަން ތަކުރާރުކޮށް ބެލިކަން ވެސް އެނގޭ އޮންނަ ކަން

- ޔުމްނު ފުރާޅުމަތީގައި ޖެހުމާ ގުޅިގެން ނޫން ގޮތަކަށް އެހެން އަނިޔާއެއް ލިބިފައިނުވާ ކަމަށާއި މީހަކު ގަދަކަމުން ވައްޓާލުމަށް މަސައްކަތް ކުރުމުގެ އެއްވެސް ނިޝާނެއް ޔުމްނުގެ ހަށިގަނޑުން ފެންނަން އޮތް ކަން މެޑިކަލް ރިޕޯޓްތަކާއި ހެކިންގެ ހެކިބަހުން އެނގެން ނެތް ކަން

އެހެންވެ، ޔުމްނު ވެއްޓިފައިވަނީ ސިޑިގޮޅީގެ ކުޑަދޮރުން ކަމަށް ބެލެވޭ ކަމަށާއި އެކަމުގައި އެހެން މީހެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށް ރިޕޯޓްގައިވެ އެވެ. އަދި ރައުދު ގަސްދުގައި ޔުމްނު ފުރާޅުމައްޗަށް ވައްޓާލިކަމަށް ވެސް ނުފެންނަ ކަމަށް ރިޕޯޓްގައި ބުންޏެވެ.

ނަމަވެސް، ސިޑިގޮޅިން ޔުމްނު ފުންމާލީ އޭނާގެ އަމިއްލަ އިހްތިޔާރު ކަމަށް ކަނޑައެޅެން ނެތް ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ. ރިޕޯޓްގައި ބުނީ ޔުމްނު އެއްވެސް ކަމަކާ ދެރަވެގެން އަމިއްލަ ނަފުސަށް އަނިޔާއެއް ދޭން އުޅޭ ކަން ސީސީޓީވީ ފުޓޭޖުތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން ނެތް ކަމަށެވެ. އެހެންވެ ޔުމްނު އަމިއްލަ އިހްތިޔާރުގައި ފުންމާލީ ކަމަށް ބެލެވެން ނެތް ކަމަށެވެ.

ކޮމިޝަނުން ހިންގި ތަހުގީގަށް ފަހު އެ ކޮމިޝަނަށް ބުރަވެވެނީ ޔުމްނު ސިޑިގޮޅީގެ ކުޑަދޮރުން ވެއްޓުނީ ކަމަށް ކަން ރިޕޯޓްގައި ފާހަގަކުރި އެވެ. އެއީ، ޔުމްނު ވައްޓާލީ ކަމަށް އަދި ފުންމާލީ ކަމަށް ބެލެވެން ނެތުމުން ކަމަށާއި އެ އެރޭ ޔުމްނުގެ އަމަލުތައް ހުރި ގޮތުންނާއި އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށްވުމުން ކަމަށް ރިޕޯޓްގައި ބުންޏެވެ.

ޔުމްނު ވެއްޓުމުގައި ރައުދުގެ އިހުމާލު އޮތް ކަމަށް ކޮމިޝަނުން ކަނޑައެޅިއިރު، ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާ އުފުލައިފަ އެވެ. އޭނާ މިހާރު ހުރީ ބަންދުން ވެސް ދޫކޮށްލައިފަ އެވެ.

ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

ރައުދަށް އެ ދައުވާކުރަނީ ޔުމްނު ވެއްޓުނުކަން އެނގި ހުރެ، އޭނާއަށް އެހީތެރިކަންދީފައި ނުވާތީ އާއި އޭނާއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުން ހުރި އެއްވެސް އިދާރާއަކަށް ވެސް ރިޕޯޓު ކޮށްފައި ނުވާތީ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

ޔުމްނު ވެއްޓުނު މައްސަލާގައި ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވުމުން ރައީސް އުފެއްދެވި ކޮމިޝަންގައި ތިއްބަވަނީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދާއި ޑރ. މޫސާ މުރާދާއި ޖަބީން މުހައްމަދާއި އައިމިނަތު އީނާސް އެވެ. ކޮމިޝަންގެ ރައީސަކީ މުނައްވަރެވެ.