Roadha Mihaaru

ޔުމްނު ވެއްޓުނު މައްސަލަ ބަލައި ނިމެންދެން ކޮމިޝަން ދެމިއޮންނާނެ

ހައްވާ ޔުމްނު ރަޝީދު އިމާރާތެއްގެ މަތިން ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުން މަސައްކަތްތައް ނިންމަން ވަކި މުއްދަތެއް ނެތް ގޮތަށް ގަވައިދު ހަދައި އިއްޔެ އާއްމުކޮށްފި އެވެ.

ވެއްޓުނު މައްސަލަ ބަލައި ނިމެންދެން ކޮމިޝަން އޮންނާނެ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

15 މެއި 2025

ހައްވާ ޔުމްނު ރަޝީދު އިމާރާތެއްގެ މަތިން ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުން މަސައްކަތްތައް ނިންމަން ވަކި މުއްދަތެއް ނެތް ގޮތަށް ގަވައިދު ހަދައި އިއްޔެ އާއްމުކޮށްފި އެވެ.

އެ ކޮމިޝަނުން ގެޒެޓްކުރި ގަވައިދުގައި ބުނާ ގޮތުން، ފަސް މެމްބަރުން ހިމެނޭ ކޮމިޝަންގެ މަސްއޫލިއްޔަތަކީ މިދިޔަ މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތިން ޒުވާނަކު ވެއްޓުނު މައްސަލައިގެ މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް އެ ހާދިސާގެ ހަގީގަތް ހޯދުން ކަމަށެވެ.

އޭގެ އިތުރުން އެ ހާދިސާއާ ގުޅޭ ގޮތުން މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ބަލައި ފިޔަވަޅުތައް އަޅައި އަދި އެ ކަމުގައި ކަން ހިނގާފައިވާ ގޮތް އިންސާފުވެރިކަމާއި އަދުލުވެރިކަމާ އެކު ތަހުގީގުކޮށް ރައީސަށް ލަފާއެރުވުމަކީ ވެސް މަސްއޫލިއްޔަތެވެ.

ކޮމިޝަންގެ ބާރުތަކުގެ ތެރޭގައި ތަހުގީގުތަކަށް އެހީތެރިވާން ރާއްޖެއިން ބޭރުގެ ކަމާގުޅޭ ފަރާތްތައް ގެނައުމާއި ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުން ހިމެނެ އެވެ. އޭގެ ތެރޭގައި، މީހުން ހައްޔަރުކުރުމާއި ޖިނާއީ ތަހުގީގުތަކާ ގުޅޭ ކޯޓު އަމުރުތަކަށް އެދެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ކޮމިޝަން ނޫން އެހެން ފަރާތަކުން އެ މައްސަލަ ތަހުގީގުކޮށްފައިވާ ނަމަ އެ ތަހުގީގަކުން ނުވަތަ އެ ނޫން ވެސް ގޮތަކުން ހޯދާފައިވާ ހޯދުންތަކާއި އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔުންތަކާއި ހެއްކާއި ގަރީނާތަކާއި އެ ނޫން ވެސް މައުލޫމާތު ހޯދުމަކީ އެ ކޮމިޝަނަށް ދީފައިވާ ބާރުތަކެވެ.

ހަވާލުކޮށްފައިވާ މަސައްކަތްތައް ވީ އެންމެ އަވަހަކަށް ނިންމުމަކީ މެމްބަރުންގެ މަސްއޫލިއްޔަތުގައި ހިމެނޭ ކަމެކެވެ. އަދި ކޮމިޝަންގެ މަސައްކަތް ނިމޭނީ އެ ގަރާރުން ކޮމިޝަނާ މަތިކޮށްފައިވާ މަސައްކަތް ނިމުމުންނެވެ. އެހެންވެ، ގަވައިދުގައި އެކަމަށް ވަކި މުއްދަތެއް ނެތެވެ.

އެ ކޮމިޝަންގެ މަސައްކަތްތައް ފަށައި، ކޮމިޝަނަށް މައުލޫމާތު ހިއްސާކުރަން މިހާރު ވަނީ ޕޯޓަލް އެއް ގާއިމްކޮށްފަ އެވެ.

ޔުމްނު ވެއްޓުނު މައްސަލަ ބަލަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ތިން މެމްބަރުންގެ ހާއްސަ ކޮމިޝަނެއް އުފެއްދެވީ ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވުމުންނެވެ. އެ ކޮމިޝަންގައި ފުރަތަމަ ހިމެނި ތިން ބޭފުޅުންގެ ތެރެއިން ކަށީގެ ޑޮކްޓަރު މުހައްމަދު ހަބީބު އިސްތިއުފާ ދެއްވުމުން، އިތުރު ދެ މެމްބަރުންނާ އެކު ފަހުން ވަނީ ކޮމިޝަން އެކުލަވާލައިފަ އެވެ. ކޮމިޝަންގައި މިހާރު ހިމެނެނީ؛

- ކުރީގެ ބަންޑާރަ ނައިބު، ޑރ. މުހައްމަދު މުނައްވަރު، ގ. ހަސަންކާރި (ކޮމިޝަންގެ ރައީސް)

- ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަހުމަދު މުހައްމަދު، ވ. އަލްމާން

- ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641

- ޖަބީން މުހައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ

- އާމިނަތު އީނާސް، ހ. ރަބަރުގެ

ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގައި ވަނީ އޭނާއާ އެކު އެންމެ ފަހުން އުޅުނު ރައުދު އަހްމަދު ޒިލާލް ހައްޔަރުކޮށްފަ އެވެ. ޔުމްނު އާއި ރައުދު ފެންޓޯނިއާގެއަށް ދިއުމުގެ ކުރިން މއ. މާންދޫގެ ދެކުނުގެ އަށް އެ ރޭ ދަންވަރު ގޮސް އުޅުނެވެ. އޭގެ ފަހުން ފެންޓެނޯއީގެ އަށް ދިއުމުގެ ކުރިން ހ. ކަށިވެއްޔަށް ވެސް ވަދެ އެވެ.

އެ ރޭ ޔުމްނު އާއި ރައުދުއާ އެއްކޮށް އުޅުނު ކަމަށް ފުލުހުން ބުނާ މީހުންނަކީ އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް، އިޒުދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ، ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގޭދެކުނުގެ، ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒު، އާމިނަތު ޖުނެއިނާ ޖަމްޝީދު، މ. ތިލަފަޅު، ހުސެއިން ހަމީސް އަލީ، ނ. ވެލިދޫ، އަހި، އިޖާޖާ ޖާއިޒް، ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، އޭޕްރީލް އެވެ.

ޔުމްނު ވެއްޓުނުތާ އެތައް އިރެއް ފަހުން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު މިދިޔަ މަހުގެ ފަހުކޮޅު ވަނީ އިތުރު ފަރުވާއަށް މެލޭޝިޔާއަށް ގެންގޮސްފަ އެވެ. އެކަމަށް، އެންސްޕާއިން 25،000 ޑޮލަރު (385،500ރ.) ހަމަޖައްސައިދީފައި ވާއިރު ޓިކްޓޮކް ލައިވެއްގައި ވެސް އާއްމުން ވަނީ ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ޔުމްނުގެ ފަރުވާއަށް ހަދިޔާކޮށްފަ އެވެ.