މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގަށް ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން ދާއޫދު އަހުމަދު ދޮގު ބަޔާން ދިން މައްސަލާގައި އޭނާ އިއްޔެ މަގާމުން ވަކިކޮށްފި އެވެ.
19 ޖޫން 2025
މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގަށް ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން ދާއޫދު އަހުމަދު ދޮގު ބަޔާން ދިން މައްސަލާގައި އޭނާ އިއްޔެ މަގާމުން ވަކިކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލަ ބެލި ރިޔާސީ ކޮމިޝަނުގެ ރިޕޯޓު ތަންފީޒު ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ދޮގު ބަޔާނެއް ދީފައިވާ ކަމަށް އެ ރިޕޯޓުގައި ފާހަގަކުރާތީ ދާއޫދު މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
2025 އޭޕްރީލު 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޚާއްޞަ ކޮމިޝަންގެ ރިޕޯޓް ތަންފީޒު ކުރެެއްވުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން، ތަޙުޤީޤަށް ދޮގު ބަޔާނެއްދީފައިވާކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާތީ،…
— Heena Waleed (@MvSpokesperson) June 18, 2025
ދާއޫދަކީ، ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ޔުމްނުއާ އެކު އެ ރޭ އުޅުނު ފިރިހެން މީހާ ކަމަށްވާ ރައުދު އަހްމަދު ޒިލާލްގެ އެއްބަނޑުއެއްބަފާ ބޭބެ އެވެ. އެ ހާދިސާ ހިނގައި، އެ މައްސަލައިގެ ތަހުގީގާ މެދު އާންމުން ސުވާލު އުފައްދަމުން ދަނިކޮށް ރައީސް އޮފީހުގެ މަގާމުން ދާއޫދު ހުރީ މިހާތަނަށް ސަސްޕެންޑުކޮށްފަ އެވެ.
މިދިޔަ އޭޕްރީލް 24 އިން ފެށިގެން މުސާރަ ނުލިބޭ ގޮތަށް ދާއޫދު މަގާމުން ސަސްޕެންޑްކުރީ ވެސް ފުލުހުންގެ ތަހުގީގަށް އޭނާ ނުފޫޒު ފޯރުވާފައިވާ ކަމަށް އޭރު ބޭއްވި އެއްވުންތަކުގައި ތުހުމަތުކުރަމުން ދަނިކޮށެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ހަމައަށް ދާއޫދަކީ "ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ"ގެ ރައީސް ވެސް މެ އެވެ. އެކަމަކު، ޔުމްނު ވެއްޓުމުގެ ހާދިސާއާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ އެކު، ދާއޫދު އެ މަގާމުން އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވުމުން އޭޕްރީލް 24 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ކޮމިޓީން ދާއޫދު ވަކިކުރެއްވީ އެވެ.
ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުން، ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭ މައްސަލަ ފުލުހުން ތަހުގީގު ކުރަނިކޮށް ދާއޫދު ވަނީ ހޯމް މިނިސްޓަރު އަލީ އިހުސާނަށް ތަކުރާރުކޮށް ގުޅައިފަ އެވެ. ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ދާއޫދު ވެސް ވަނީ ބަޔާން ދީފަ އެވެ. އޭނާ ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން ސަރުކާރުގެ އެއްވެސް އިސް ބޭފުޅަކާ މުއާމަލާތު ކޮށްފައި ނުވާނެ ކަމަށާއި ޔުމްނު ވެއްޓުމާ ގުޅޭ އެއްވެސް ވާހަކައެއް ރައުދު އޭނާ ކައިރީގައި ބުނެފައި ނުވާ ކަމަށެވެ.
ނަމަވެސް، ހާދިސާ ހިނގި ދުވަހުގެ އެކި ވަގުތުތަކުގައި ހޯމް މިނިސްޓަރު އިހުސާނާ، ދާއޫދޫ މުއާމަލާތުކޮށް ވާހަކަ ދައްކާފައިވާ ކަމަށް ކޮމިޝަނުން މިދިޔަ އަންގާރަ ދުވަހު ނެރުނު ރިޕޯޓްގައި ބުންޏެވެ. އަދި، ހާދިސާއަަށް ފަހު ރައުދު ގެއަށް ގެނައުމުން އޭނާ ބަލައި ފޭބީ ދާއޫދު ކަމަަށް ވެސް ރިޕޯޓްގައިވެ އެވެ.
ރިޕޯޓްގައި ބުނީ ދާއޫދު މައްސަލައިގެ ތަހުގީގަށް ފުލުހުންނަށް ދިން ބަޔާނާއި ކޮމިޝަނަށް ދިން ބަޔާނުގައި ވެސް ފުށުއެރުންތަކެއް އެބަހުރި ކަމަށެވެ. އެހެންވެ، އޭނާ ތަހުގީގަށް ދޮގު ބަޔާނެއް ދީފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށް ރިޕޯޓްގައިވެ އެވެ.
ދާއޫދާއި އެ ދުވަހު ރައުދުއާ ދިމާވި ދާއޫދުގެ ރައްޓެހިންގެ ބަޔާންތަކުގައި ވެސް ފުށުއެރުންތަކެއް ހުރި ކަމަށާއި އެހެންވެ އެ މީހުން ތަހުގީގަށް ކަމެއް ސިއްރުކުރާ ކަމަށް ފާހަގަކުރެވޭ ކަމަށް ކޮމިޝަނުން ބުންޏެވެ. ޔުމްނު ވެއްޓުނު ފަހުން އޭނާ ހޯދަން ރައުދު މަސައްކަތް ކޮށްފައިވާ ކަން ފުޓޭޖުތަކުން އެނގޭ ކަމަށާއި ނަމަވެސް، އޭގެ ފަހުން ދާއޫދާއި އޭނާގެ ރައްޓެހިންނާ ރައުދު ދިމާވި ފަހުން އެ ރޭގެ އެއްވެސް ކަމެއް ހަނދާން ނެތް ކަމަށް ރައުދު ބުނަމުން ގޮސްފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ.
ރިޕޯޓްގައި ބުނީ ހާދިސާއަށް ފަހު ރައުދު، ދާއޫދާ ބައްދަލުވެ ވާހަކަ ދައްކާފައިވާއިރު، ޔުމްނުގެ ވާހަކަ ވެސް ދައްކާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި ނަމަވެސް، އެކަން އިދާރާތަކަށް އަންގާފައި ނެތް ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޔުމްނު ފުރާޅުމައްޗަށް ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާ ނުލިބި އޮންނަން ޖެހުމަކީ އިންސާނިއްޔަތުގެ ނަޒަރަކުން ބަލާއިރު ވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ކޮމިޝަނުން ބުންޏެވެ.
އެހެންވެ، ރައުދުއާ އެއްވަރަށް އެކަން ކަމާ ބެހޭ އިދާރާތަކަށް ނާންގައި ތިބުމުގައި އޭނާގެ ބޭބެ ދާއޫދާއި ރައްޓެހިންގެ ބައިވެރިވުން ހިމެނޭ ކަމަށް ފެންނާތީ، އެ ކަން އިދާރާތަކުން އިތުރަށް ތަހުގީގު ކުރަން ކޮމިޝަނުން ވަނީ ލަފާ ދީފަ އެވެ.
ބްރޯޑްކޮމް އަށް ޒަމްއަތު އައްޔަންކޮށްފި
ރިޔާސީކޮމިޝަންގެ ރިޕޯޓް އާންމުކުރަން ރައީސް އަންގަވައިފި
ޔުމްނުގެ މައްސަލާގައި ރިޔާސީ ކޮމިޝަންގެ ރިޕޯޓް ރައީސަށް
ފައިނޭންޝަލް ޑިސްޓްރިކްޓްގެ ނަމުގައި އިތުރު ކުންފުންޏެއް
ދެ ހަފުތާ ތެރޭގައި ރިޕޯޓު ރައީސަށް އެރުވޭނެ: ކޮމިޝަން
ރައީސްގެ ހާއްސަ މަންދޫބަކަށް ޑރ. ވަހީދު
ވޭޕް މަނާކުރުމުގެ ހެޔޮ ނަތީޖާ އެބަ ފެނޭ: ރައީސް
ވެއްޓުނު މައްސަލަ ބަލައި ނިމެންދެން ކޮމިޝަން އޮންނާނެ
ޑިޖިޓަލް ކުރުމުން ނުފޫޒު ފޯރުވުމުގެ ފުރުސަތު ކުޑަވާނެ
ރިޔާސީ ކޮމިޝަނާ މައުލޫމާތު ހިއްސާކުރަން ޕޯޓަލްއެއް