Roadha Mihaaru

އެމެރިކާ ސިފައިންގޭގައި އުޅުނު މީހަކު އައިއެސްގެ އެދުމަށް ހަމަލާއެއް ދޭން އުޅުނު

އެމެރިކާގެ މިޝިގަންގެ އަސްކަރީ މަރުކަޒެއްގައި ބަޑިން ހަމަލާދީ އެއްފަހަރާ ގިނަ ބަޔަކު މަރާލުމުގެ ހަމަލާއެއް އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ފަރާތުން ދޭން ރޭވި ކަމުގެ ތުހުމަތުގައި އެމެރިކާގެ އަސްކަރިއްޔާގެ ނޭޝަނަލް ގާޑުގެ ކުރީގެ މެމްބަރަކު ހައްޔަރުކޮށްފައިވާ ކަމަށް ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފި އެވެ.

އެމެރިކާ ސިފައިންގެ މީހަކު އައިއެސްގެ ހަމަލާއެއް ރޭވި

އެމެރިކާގެ މިޝިގަންގެ އަސްކަރީ މަރުކަޒެއްގައި ބަޑިން ހަމަލާދީ އެއްފަހަރާ ގިނަ ބަޔަކު މަރާލުމުގެ ހަމަލާއެއް އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ފަރާތުން ދޭން ރޭވި ކަމުގެ ތުހުމަތުގައި އެމެރިކާގެ އަސްކަރިއްޔާގެ ނޭޝަނަލް ގާޑުގެ ކުރީގެ މެމްބަރަކު ހައްޔަރުކޮށްފައިވާ ކަމަށް ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފި އެވެ.

އުމުރުން 19 އަހަރުގެ އައްމާރު އަބްދުލްމާޖިދު-މުހައްމަދު ސައީދުގެ މައްޗަށް އުފުލާފައިވަނީ ބޭރުގެ ޓެރަރިސްޓް ޖަމާއަތަކަށް [އިސްލާމިކް ސްޓޭޓް އޮފް އިރާގާއި އަލް ޝާމް] އަށް އެހީވުމުގެ ކުށުގެ ދައުވާ އާއި ގެއްލުން ދެވިދާނެ ޑިވައިސްއަކާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމުގެ ދައުވާ އެވެ.

ޖަސްޓިސް ޑިޕާޓްމަންޓުގެ ނޭޝަނަލް ސެކިއުރިޓީ ޑިވިޝަންގެ ހެޑް ސޫ ބާއީ ވިދާޅުވި ގޮތުގައި ސައީދުގެ މައްޗަށް ތުހުމަތުކުރަނީ އެމެރިކާ ތެރޭގައި، އައިއެސްގެ އެދުމަކަށް އަސްކަރީ މަރުކަޒަކަށް ނުރައްކާތެރި ހަމަލާއެއް ދޭން ރޭވި ކަމަށެވެ.

މި މައްސަލައިގައި ބުނެފައިވާ ގޮތުގައި މިޝިގަންގެ ވޮރެންގައި ހުންނަ އެމެރިކާގެ އަސްކަރިއްޔާގެ ޓޭންކް-އޮޓޯމޯޓިވް އެންޑް އާމަމެންޓްސް ކޮމާންޑް (ޓެކޮމް) ފެސިލިޓީގައި ބަޑީގެ ހަމަލާއެއް ދޭން ރާވައި އެކަމުގައި ބައިވެރިވާނެ ދެ މީހަކު ވެސް ސައީދު ވަނީ ރެކްރޫޓްކޮށްފަ އެވެ.

މި ދެ މީހުންނަކީ ލޯ އެންފޯސްމަންޓުގެ ސިއްރު ދެ އޮފިސަރުންނެވެ.

ސައީދު ވަނީ ހަމަލާ ދިނުމަށް ރެކްރޫޓްކުރި މީހުން ހަތިޔާރައި ވަޒަން ފޯރުކޮށްދީފަ އެވެ. އަދި ޓެކޮމް މަތިން ޑްރޯން ދުއްވައިގެން އެ ސަރަހައްދު ބަލާފައިވާ ކަމަށް ވެސް ކޯޓުގެ ލިޔުންތަކުގައިވެ އެވެ.

މިދިޔަ އަންގާރަ ދުވަހު ސައީދު ހައްޔަރުކޮށްފައި ވާއިރު އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ ކޮންމެ ދައުވާއަކަށް 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.