Roadha Mihaaru
އައިއެސް އަކީ އެމެރިކާ އުފެއްދި ބައެއް: ޚާމަނާއީ

އައިއެސް އަކީ އެމެރިކާ އުފެއްދި ބައެއް: ޚާމަނާއީ

13 ޖޫން 2017

ތެހެރާން (ޖޫން 13) - އިސްލާމިކް ސްޓޭޓް (އައިއެސް) އަކީ އެމެރިކާ އިން އުފެއްދި ބައެއް ކަމަށާއި އައިއެސްއާ ދެކޮޅަށް އެމެރިކާ ހަނގުރާމަ ކުރާ ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ތެހެރާން (ޖޫން 13) - އިސްލާމިކް ސްޓޭޓް (އައިއެސް) އަކީ އެމެރިކާ އިން އުފެއްދި ބައެއް ކަމަށާއި އައިއެސްއާ ދެކޮޅަށް އެމެރިކާ ހަނގުރާމަ ކުރާ ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.

"މެދުއިރުމަތީގެ ހަމަނުޖެހުމުގެ އަސްލަކީ އެމެރިކާ އާއި އެ މީހުންގެ އެޖެންޓުން. އައިއެސް އުފެއްދީ ކޮން ބައެއް؟ އެއީ އެމެރިކާ އިން ކުރި ކަމެއް. އައިއެސްއާ ދެކޮޅަށް އެމެރިކާ އިން ހަނގުރާމަ ކުރާ ކަމަށް އެ ގައުމުން ބުނާ ވާހަކަ އަކީ ދޮގެއް،" އީރާނުގެ އިސް އޮފިޝަލުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ޚާމަނާއީ ވިދާޅުވި އެވެ.

ރޯދަ މަސް ފެށުނު ފަހުން ޚާމަނާއީ ގެންދަވަނީ އެމެރިކާ އަށް ވަރުގަދަ ބަހުގެ ހަމަލާތައް ދެއްވަމުންނެވެ. އަދި ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެސް ގެންދަވަނީ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އީރާނާ ދެކޮޅަށް ހަރުކަށި ބަސްތައް ބޭނުން ކުރައްވަމުންނެވެ. އަދި ރައީސް ބަރަކް އޮބާމާގެ ސަރުކާރުން ގާއިމްކުރި ނިއުކްލިއާ އެއްބަސްވުން އުވާލައްވާނެ ކަމުގެ އިންޒާރު ވަނީ ދެއްވައިފަ އެވެ.

ޚާމަނާއީ ތުހުމަތު ކުރައްވާފައިވާ ގޮތުގައި އެމެރިކާ އާއި ސައުދީ އަރަބިއާ އިން ގެންދަނީ އައިއެސް ފަދަ ހަރުކަށި ޖަމާއަތްތަކަށް ފައިސާ ޚަރަދު ކުރަމުންނެވެ. އައިއެސް އިން އީރާނުގައި ފުރަތަމަ ދިން ހަމަލާގައި، މިދިޔަ ބުދަ ދުވަހު ވަނީ 17 މީހުން މަރާލައިފަ އެވެ.

އީރާނަށް 1979 ވަނަ އަހަރު ގެނައި އިސްލާމީ އިންގިލާބަށް ފަހު އެމެރިކާ އާއި އީރާނުގެ ސިޔާސީ ގުޅުން ވަނީ ކަނޑާލައިފަ އެވެ. ޚާމަނާއީ ވިދާޅުވީ އެމެރިކާއާ ގުޅުން ރަނގަޅު ކުރުމުގެ އެއްވެސް ޝައުގުވެރިކަމެއް އީރާނުން ނުގެންގުޅޭ ކަމަށެވެ.

"އެމެރިކާ އަކީ އަބަދުވެސް އިސްލާމިކް ރިޕަބްލިކް އޮފް އީރާނާ ދެކޮޅު ބައެއް. ދެ ގައުމުގެ މެދުގައިވާ ގިނަ މައްސަލަތައް ހައްލެއް ނުވާނެ. އެމެރިކާ އަކީ ޓެރަރިސްޓް އަދި ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއް. އެހެންވީމާ އެފަދަ ގައުމަކާ ގުޅުން ރަނގަޅެއް ނުކުރެވޭނެ." ޚާމަނާއީ ވިދާޅުވި އެވެ.