Roadha Mihaaru
"އީރާނަށް ނުރައްކާކުރާ ކޮންމެ ބަޔަކާ ކުރިމަތިލާނަން"

އީރާނުގެ ގައުމީ ސަލާމަތަށް ނުރައްކާ ކުރާ ކޮންމެ ގައުމަކާ ކުރިމަތިލާނަން: ޚާމަނާއީ

03 ޖެނުއަރީ 2020

ތެހެރާން (ޖެނުއަރީ 3) - އީރާނުގެ ގައުމީ ސަލާމަތަށް ނުރައްކާ ކުރާ ކޮންމެ ގައުމަކާ ދެކޮޅަށް ފާޅުގައި ކުރިމަތިލާނެ ކަމުގެ އިންޒާރު އެ ގައުމުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ ދެއްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ތެހެރާން (ޖެނުއަރީ 3) - އީރާނުގެ ގައުމީ ސަލާމަތަށް ނުރައްކާ ކުރާ ކޮންމެ ގައުމަކާ ދެކޮޅަށް ފާޅުގައި ކުރިމަތިލާނެ ކަމުގެ އިންޒާރު އެ ގައުމުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ ދެއްވައިފި އެވެ.

ޚާމަނާއީ މިހެން ވިދާޅުވީ އިރާގުގައި ހުންނަ އެމެރިކާ އެމްބަސީ އަށް ހަމަލާ ދިނީ އީރާނުން އަޑީގައި އޮވެގެން ކަމަށް ބުނެ އެމެރިކާ އިން ތުހުމަތުތަކެއް ކޮށްފައި ވަނިކޮށެވެ. ޚާމަނާއީ އެހެން ވިދާޅުވެފައި ވަނިކޮށް އެމެރިކާ އިން ހަމަލާދީ އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ މިއަދު ވަނީ އަވަހާރަކޮށްލައިފަ އެވެ.

އިރާގުގައި ހުންނަ، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ އެމެރިކާ އެމްބަސީގެ ބޭރުގެ ފާރަށް ބަޔަކު އަރައި ފާރުގެ ބައެއްގައި މިދިޔަ އަންގާރަ ދުވަހު ވަނީ އަލިފާން ޖަހައިފަ އެވެ. އެމްބަސީ އަށް ހަމަލާ ދިނީ އިރާގުގައި ހަރަކާތްތެރިވާ އީރާނުގެ މަދަދު ލިބޭ ކަމަށް ބުނާ ޝިއާއީ ޖަމާއަތެއް ކަމަށްވާ ކިތައިބް ހިޒްބުﷲ ގެ އަމާޒުތަކަށް އެމެރިކާ އިން ވައިގެ ހަމަލާދިނުމުން އެކަމުގެ ބަދަލު ހިފުމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މެދުއިރުމަތީގައި އެމެރިކާގެ އެއްވެސް އެއްޗަކަށް ގެއްލުމެއް ދީފި ނަމަ އީރާން ޒިންމާ ކުރުވާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.

ވެރިރަށް ތެހެރާނުގައި އޮތް އެއްވުމެއްގައި، ޓްރަމްޕަށް ރައްދު ދެއްވައި ޚާމަނާއީ ވިދާޅުވީ އީރާނުން ގައުމަކާ ކުރިމަތިލާ ނަމަ އެކަން ކުރާނީ ވަރަށް ފާޅުގައި ކަމަށެވެ.

"ކޮންމެ ބަޔަކަށް ވެސް އެނގޭނެ އީރާނުން ގައުމީ ސަލާމަތަށް ދޭ އިސްކަން. އީރާނުގެ ގައުމީ ސަލާމަތަށް ނުރައްކާ ކުރާ ކޮންމެ ބަޔަކާ ކުރިމަތިލާން އީރާން ފަހެއް ނުޖެހޭނެ،" ޚާމަނާއީ ވިދާޅުވި އެވެ.

އީރާނުގެ ޚާރިޖީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަވަށްޓެރި އިރާގުގައި ހިނގާ އެއްވެސް ކަމަކާ ތެހެރާނުން ނުބެހޭނެ ކަމަށެވެ. ސަބަބަކީ އިރާގަކީ ވެސް މިނިވަން ގައުމަކަށް ވާތީ ކަމަށް ބުނެފައިވެ އެވެ.