Roadha Mihaaru
ޚާމަނާއީގެ ފުރަތަމަ ޝަރުތު: ފިޔަވަޅުތައް އުވާލުން

ޚާމަނާއީގެ ފުރަތަމަ ޝަރުތު: ފިޔަވަޅުތައް އުވާލުން

08 ފެބުރުއަރީ 2021

ތެހެރާން (ފެބްރުއަރީ 8) - ނިއުކްލިއާ އެއްބަސްވުމަށް އީރާނުން އަމަލު ކުރުމުގެ ފުރަތަމަ ޝަރުތަކީ އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން ކަމަށް ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ތެހެރާން (ފެބްރުއަރީ 8) - ނިއުކްލިއާ އެއްބަސްވުމަށް އީރާނުން އަމަލު ކުރުމުގެ ފުރަތަމަ ޝަރުތަކީ އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން ކަމަށް ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.

"އީރާނުން ނިއުކްލިއާ އެއްބަސްވުމުގެ މާއްދާތަކަށް އަމަލު ކުރަން ބޭނުންވާ ނަމަ ފުރަތަމަ ފިޔަވަޅަކީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން. އެއީ އަނގަބަހުން ނުވަތަ ލިޔުމަކުން ނޫން. އަމަލުން އެކަން ދައްކަން ޖެހޭނެ،" ގައުމީ ޓީވީން ދުރަށް ދެއްކި ޚާމަނާއީގެ ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.

ދުނިޔޭގެ ބާރުތަކާ އެކު އީރާނުން 2015 ވަނަ އަހަރު ސޮއިކުރި ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވެފައި ވަނީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި 2018 ވަނަ އަހަރު އެވެ. ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް އަލުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. ރައްދުގައި އީރާނުން ވެސް ވަނީ ނިއުކްލިއާ އެއްބަސްވުމުގެ މުހިންމު މާއްދާތަކަށް އަމަލު ކުރުން ހުއްޓާލައިފަ އެވެ.

އެމެރިކާގެ އާ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ވަނީ ނިއުކްލިއާ އެއްބަސްވުމުގައި އަލުން ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ނަމަވެސް އޭގެ ކުރިން އީރާނުން އެއްބަސްވުމުގައިވާ ކަންކަން ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ބައިޑަން ވަނީ ވިދާޅުވެފަ އެވެ.

ޖެނުއަރީ 4 ވަނަ ދުވަހު އީރާނުން ވަނީ ޔުރޭނިއަމް ފައްކާ ކުރުން 20 ޕަސެންޓަށް އިތުރުކޮށްފައިވާކަން އިއުލާންކޮށްފަ އެވެ. އެކަމަކު ނިއުކްލިއާ އެއްބަސްވުމުން ހުއްދަކޮށްފައި ވަނީ 3.67 ޕަސެންޓަށް ޔުރޭނިއަމް ފައްކާކުރުމަށެވެ. މިއީ އެޓޮމިކް ބޮމެއް އުފައްދަން ބޭނުންވާނެ މިންވަރަށް ވުރެ މާދަށް އަދަދެކެވެ.

ޚާމަނާއީ ވިދާޅުވީ ނިއުކްލިއާ އެއްބަސްވުން ކުރިއަށް ގެންދިއުމަށް ޝަރުތު ކަނޑައެޅުމުގެ ހައްގު އީރާނަށް ލިބިފައިވާ ކަމަށެވެ. ސަބަބަކީ އެހެން ގައުމުތަކުން އެއްބަސްވުމާ ޚިލާފުވެފައިވާތީ އެވެ.