04 ފެބުރުއަރީ 2022
ސީރިއާ (ފެބްރުއަރީ 4) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫ އިބްރާހިމް އަލް ހާޝިމީ އަލް ގުރައިޝީ އެމެރިކާ އިން ހަމަލާދީ މަރާލައިފި އެވެ.
ސީރިއާ (ފެބްރުއަރީ 4) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫ އިބްރާހިމް އަލް ހާޝިމީ އަލް ގުރައިޝީ އެމެރިކާ އިން ހަމަލާދީ މަރާލައިފި އެވެ.
އައިއެސްގެ ކުރީގެ ލީޑަރު އަބޫބަރު އަލް ބަޣުދާދީ އެމެރިކާ އިން މަރާލި ފަހުން އެ ޖަމާއަތާ ހަވާލުވި ލީޑަރު ގުރައިޝީ މަރާލާފައި ވަނީ ސީރިއާގެ އުތުރުގައި އޭނާ ދިރިއުޅުނު ގެއިންނެވެ. ޚަބަރުތައް ބުނާ ގޮތުގައި އެމެރިކާގެ ސްޕެޝަލް ފޯސަސް އިން އޭނާގެ ގެ ވަށާލުމާ އެކު ގުރައިޝީ ވަނީ އޭނާގެ އަމިއްލަ ހަށިގަނޑާއި އާއިލާގެ މެންބަރުން ގޮއްވާލައިފަ އެވެ.
ގުރައިޝީ މަރާލަން އެމެރިކާ ސިފައިން ދިން ހަމަލާ ރައީސް ޖޯ ބައިޑަން ގެންދެވީ ވައިޓް ހައުސްގެ ސިޗުއޭޝަން ރޫމުން ވަގުތުން ބައްލަވަމުންނެވެ. ބައިޑަން ވިދާޅުވީ ގުރައިޝީ މަރާލުމުން، ދުނިޔެ އަށް ކުރިމަތިވެފައިވާ ޓެރަރިސްޓް ބޮޑު ބިރަކުން ސަލާމަތްވެއްޖެ ކަމަށެވެ.
ގުރައިޝީގެ މަރާ ގުޅޭ ގޮތުން އައިއެސް އިން އެއްވެސް ވާހަކައެއް އަދި ނުދައްކަ އެވެ. ވަނަމެއްގެ ގޮތުގައި "ޑެސްޓްރޯޔާ" ނުވަތަ ގެއްލުން ދޭ މީހާގެ ނަން ބޭނުން ކުރެ އެވެ. އޭނާގެ އަސްލު ނަމަކީ އާމިރު މުހައްމަދު ސައިދު އަބްދުއްރަހުމާން އަލް މައުލާ އެވެ. އޭނާ އަށް އައިއެސްގެ ލީޑަރުކަން ދިނީ އެ ޖަމާއަތުގެ ލީޑަރު ބަޣުދާދީ، އޮކްޓޯބަރު 2019 ގައި މަރާލުމާ ގުޅިގެންނެވެ. ގުރައިޝީ އުފަންވެފައި ވަނީ 1976 ވަނަ އަހަރު އިރާގުގެ މޫސަލްގަ އެވެ.
އައިއެސްގެ ލީޑަރު މަރާލަން އެމެރިކާގެ ޚާއްސަ ސިފައިން ޓާގެޓްކޮށްފައި ވަނީ އާއްމުން ވެސް ދިރިއުޅޭ ތިން ބުރީގެ ގެއެކެވެ. އެ ގެ ހުންނަނީ ސީރިއާގެ އުތުރުގެ އިދްލީބް ޕްރޮވިންސްގެ ރަށްބޭރު ޓައުނެއް ކަމަށްވާ އަތުމާގަ އެވެ. އެއީ ތުރުކީގެ ސަރަހައްދީ ރޮނގާ ކައިރި ސަރަހައްދެކެވެ.
އެތައް ދުވަހެއްގެ ޖާސޫސީ މައުލޫމާތަށް ފަހު އެމެރިކާ ސިފައިން ވަނީ އެ ގޭގައި ގުރައިޝީ އޭނާގެ އާއިލާއާ އެކު އުޅޭކަން ޔަގީންކޮށްފަ އެވެ. ގުރައިޝީ ދިރިއުޅުނީ އެ ގޭގެ ދެވަނަ ބުރީގަ އެވެ. ސީރިއާ އާއި އެނޫން ހިސާބުތަކުގައި އައިއެސްގެ ހަރަކާތްތައް ހިންގުމަށް ގުރައިޝީ އޯޑަރުތައް ނެރެނީ އެ ގެއިންނެވެ.
އަތުމާގައި ދިރިއުޅުނު ނަމަވެސް ގުރައިޝީ އެއްގޮތަކަށް ވެސް ގެއިން ބޭރަކަށް ނުދެ އެވެ. އޭނާ ހަމައެކަނި ކޯޓަރިން ވެސް ނުކުންނަނީ ގޭގެ ޓެރަސް އަށް އަރާލަން އެކަންޏެވެ. އެހެންވެ އާއްމުން ވެސް ދިރިއުޅޭ އެ ގެ އަށް ހަމަލާދީފި ނަމަ އާއްމުން މަރުވެދާނެތީ އެމެރިކާ ސިފައިންގެ ކަންބޮޑުވުން އޮތެވެ. އައިއެސްއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބެލެވޭ އާއިލާއެއް ވެސް އެ ގޭގެ އެންމެ ތިރީގައި ދިރިއުޅުނެވެ.
އެހެންވެ ބިމުން ހަމަލާއެއް ދީގެން ވެސް ގުރައިޝީ މަރާލަން އެމެރިކާ އިން އެތައް ދިރާސާއެއް ހަަދައި ރިސްކް އެސެސް ކުރަން ޕްރެކްޓިސްތަކެއް ކުރި އެވެ. އިމާރާތް ގޮއްވާލައިފި ނަމަ ލިބޭނެ ގެއްލުން އިންޖިނޭރުން ދިރާސާ ކުރި އެވެ. އެ އޮޕަރޭޝަންގެ ތަފްސީލްތައް ބައިޑަން އަށް ވަނީ ޑިސެމްބަރު މަހު ހިއްސާކޮށްފަ އެވެ.
ގުރައިޝީ މަރާލުމުގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމުގެ ހުއްދަ ބައިޑަން ދެއްވީ އަންގާރަ ދުވަހު އެވެ.
އެމެރިކާ ސިފައިން ހެލިކޮޕްޓަރުތަކުގައި އެ ގެއާ ކައިރިއަށް ދިޔަ އިރު ބަޑީގެ ހަމަލާތަކާ ކުރިމަތިލާން ޖެހުނު ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޕެންޓަގަންގެ ތަރުޖަމާން ޖޯން ކިރްބީ ވިދާޅުވީ އެމެރިކާ ސިފައިން އެ ގެއިން ވަނީ އާއްމުންގެ 10 މީހުން ނެރެފަ އެވެ. އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
އެމެރިކާ ސިފައިންގެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ގުރައިޝީގެ ނައިބަކާއި ނައިބުގެ އަންހެނުން ހިމެނެ އެވެ. އެމެރިކާ ސިފައިން ހަމަލާ ދިން ވަގުތު ގުރައިޝީ ވަނީ ގޭގެ ތިން ވަނަ ބުރިއަށް އަރައި އޭނާގެ ގައިގައި ހަރުކޮށްފައިވާ ގޮވާތަކެތި ގޮއްވާލައިގެން އަމިއްލަ އަށް މަރުވެފައިވާ ކަމަށް ޕެންޓަގަނުން ބުންޏެވެ. ގުރައިޝީގެ ހަށިގަނޑު ގޮއްވާލުމުން އޭނާގެ އަންހެނުންނާއި ދެ ދަރިން ވެސް ވަނީ މަރުވެފަ އެވެ.
ކިރްބީ ވިދާޅުވީ މަރުވެފައި ވަނީ ގުރައިޝީކަން ޔަގީންކުރީ އޭނާގެ އިނގިލީގެ ނިޝާނާއި ޑީއެންއޭ އެނަލިސިސް އިން ކަމަށެވެ.
ހަމަލާގައި އެމެރިކާ ސިފައިންގެ އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް ކިރްބީ ވިދާޅުވި އެވެ. ނަމަވެސް އެމެރިކާ ސިފައިންގެ ހެލިކޮޕްޓަރެއް ވަނީ ހަލާކުވެފަ އެވެ.
އެމެރިކާ ސިފައިން ވަށާލުމުން ބަޣުދާދީ އާއި އޭނާގެ އާއިލާ ވެސް މަރުވެފައި ވަނީ ގައިގައި ހަރުކޮށްފައިވާ ގޮވާތަކެތި ގޮއްވާލައިގެންނެވެ.
ގުރައިޝީގެ ބޮލަށް އެމެރިކާ އިން ވަނީ 10 މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ.
ޓެރަރިޒަމަށް ފަންޑުކުރާ 20 މީހަކާއި 29 ކުންފުނި
ގްރީސްއަށް ނުވެއްދި އައިއެސްމީހާ އެމެރިކާއާ ހަވާލުކުރަނީ
ބަޣުދާދީ މަރާލައިފި ކަމަށް އެމެރިކާ އިން ބުނެފި
އައިއެސް ދަނީ އަނެއްކާވެސް ބާރުގަދަ ކުރަމުން: އެމެރިކާ
"އައިއެސްގެ ސަލާމަތުން ތިބި ލީޑަރުން ބަލިކުރާނަން"
އައިއެސްއާ ގުޅުނު ކުއްޖާ އެމެރިކާއަށް ނުވެއްދުމުން ކޯޓަށް
އައިއެސް އަކީ އެމެރިކާ އުފެއްދި ބައެއް: ޚާމަނާއީ
އައިއެސްއާ ގުޅެން އުޅުނު އެމެރިކާ މީހަކު 35 އަހަރަށް ޖަލަށް
ބާރުގަދަ ބޮމުގެ ދިފާއުގައި އެމެރިކާއިން ވާހަކަ ދައްކައިފި
އައިއެސްއާ ދެކޮޅަށް އެޅި ބޮމުން އެތައް ބަޔަކު މަރުވި