Roadha Mihaaru
ބަޣުދާދީ މަރާލައިފި ކަމަށް އެމެރިކާ އިން ބުނެފި

ބަޣުދާދީ މަރާލައިފި ކަމަށް އެމެރިކާ އިން ބުނެފި

27 އޮކްޓޯބަރ 2019

ވޮޝިންޓަން (އޮކްޓޯބަރު 27) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫބަކުރު އަލް ބަޣުދާދީ މަރާލައިފި ކަމަށް އެމެރިކާގެ އަސްކަރީ އޮފިޝަލަކު ޔަގީންކޮށްދީފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (އޮކްޓޯބަރު 27) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫބަކުރު އަލް ބަޣުދާދީ މަރާލައިފި ކަމަށް އެމެރިކާގެ އަސްކަރީ އޮފިޝަލަކު ޔަގީންކޮށްދީފި އެވެ.

ބަޣުދާދީ މަރާލުމަށް އެމެރިކާ އިން އިއްޔެ ދިން ހަމަލާތަކުގެ ތަފްސީލް އަދި ހާމައެއް ނުކުރެ އެވެ. ބަޣުދާދީ މަރާލި ގޮތުގެ ތަފްސީލްތައް ހާމަކުރާނީ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ދެއްވާ ނޫސް ކޮންފަރެންސެއްގަ އެވެ. ޓްރަމްޕް ނޫސް ކޮންފަރެންސް ދެއްވާނީ ވައިޓް ހައުސްގެ ޑިޕްލޮމެޓިކް ރިސެޕްޝަން ރޫމްގަ އެވެ. އެ ތަން އާއްމުކޮށް ބޭނުން ކުރަނީ ބޮޑެތި ކަންތައްތައް އިއުލާން ކުރުމަށެވެ.

އެމެރިކާގެ އަސްކަރީ އޮފިޝަލުންނާ ހަވާލާދީ ނިއުސްވީކުން ބުނީ އިއްޔެގެ ހަމަލާތަކުގައި ބަޣުދާދީ މަރާލާފައިވާކަން ޔަގީންވާ ކަމަށެވެ. އެމެރިކާގެ އޮފިޝަލުން އެސޯސިއޭޓް ޕްރެސް އަށް ބުނެފައި ވަނީ ބަޣުދާދީ މަރާލަން ހަމަލާ ދިނީ ސީރިއާގެ އިދްލީބަށް ކަމަށެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވަނީ "ބޮޑު ކަމެއް ހިނގައިފި ކަމަށް" ވިދާޅުވެފަ އެވެ.

ބަޣުދާދީގެ ޚަބަރެއް ނުވާތާ ގިނަ ދުވަސްތަކެއް ވެއްޖެ ނަމަ އޭނާ މަރުވެފައިވާ ކަމަށް މީގެ ކުރިން ވެސް ވަނީ އަޑުތައް ފަތުރައިފަ އެވެ. މިދިޔަ މެއި މަހު ބަޣުދާދީ ވަނީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅޭ ގޮތުން 18 މިނިޓުގެ ވީޑިއޯއެއް ނެރެފަ އެވެ.

ބަޣުދާދީ އަކީ ކާކު؟

އިރާގު ސަރުކާރުގެ ރަސްމީ ލިޔުންތަކުގައިވާ ގޮތުން ބަޣުދާދީ ނުވަތަ އަސްލު ނަމުން ނަމަ އިބްރާހިމް އަވާދު އަލް ބަދްރީ އުފަންވެފައި ވަނީ 1971 ވަނަ އަހަރު ސަމައްރާގަ އެވެ. އެމެރިކާ އިން 2003 ވަނަ އަހަރު އިރާގަށް އެރުމުގެ ކުރިން ބަޣުދާދީ އަކީ މިސްކިތުގެ އިމާމެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ބައެއް މީހުން ބުނާ ގޮތުގައި ބަޣުދާދީ އަކީ އިރާގުގެ ކުރީގެ ރައީސް ސައްދާމު ހުސޭންގެ ވެރިކަމުގެ ދުވަސްވަރު ޖިހާދީ ހަނގުރާމަވެރިއެކެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި ހަރުކަށި ޚިޔާލުގެ މީހަކަށް ބަޣުދާދީ ބަދަލުވީ އިރާގުގެ ދެކުނުގައި އެމެރިކާގެ ޖަލެއްގައި ބަޣުދާދީ ގެންގުޅުނު ހަތަރު އަހަރު ދުވަހު އެވެ. އެ ތަނުގައި އަލްގައިދާގެ އެހެން ކޮމާންޑަރުން ވެސް ބަންދުކޮށްގެން ގެންގުޅުނެވެ. ބަޣުދާދީ ފަހުން ވަނީ އިރާގުގައި އައިއެސްގެ ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވެފަ އެވެ. އައިއެސް އަކީ އަލްގައިދާއާ ވަކިވެގެން 2010 ވަނަ އަހަރު އުފެއްދި ޖަމާއަތެކެވެ.

ބަޣުދާދީގެ ފުރަތަމަ އަނބި މީހާ އަށް ހަތަރު ކުދިން ލިބިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އެއީ ދެ އަންހެން ކުދިންނާއި ދެ ފިރިހެން ކުދިންނެވެ. އިރާގުގެ އިންޓަލިޖެންސް ރިޕޯޓްތައް ބުނާ ގޮތުގައި އިސްލާމިކް ސްޓަޑީޒް އިން ބަޣުދާދީ ވަނީ ޕީއެޗްޑީ ނަގައިފަ އެވެ. އަދި ތިކްރީތު ޔުނިވާސިޓީގެ ޕްރޮފެސަރުކަން ވެސް ކޮށްފައިވެ އެވެ.

ބަޣުދާދީ އަކީ ޓެރަރިސްޓެއް ކަމަށް އެމެރިކާ އިން ކަނޑައެޅީ އޮކްޓޯބަރު 2011 ގަ އެވެ. ބަޣުދާދީގެ ބޮލަށް އެމެރިކާ އިން ވަނީ 25 މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ.