Roadha Mihaaru

ހުތުބާ ކިޔުމުގެ ހުއްދަ ކައުންސިލަރުންނަށް ދޭން ކޯހެއް ފަށަނީ

ހުތުބާ ކިޔުމުގެ ހުއްދަ ރަށު ކައުންސިލަރުންނަށް ލިބޭނެ ގޮތް ހަމަޖައްސަން އެ މީހުންނަށް ހާއްސަކޮށް ކޯހެއް ފަށަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ހުތުބާ ކިޔުމުގެ ހުއްދަ ކައުންސިލަރުންނަށް ދޭން ކޯހެއް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

12 މެއި 2025

ހުތުބާ ކިޔުމުގެ ހުއްދަ ރަށު ކައުންސިލަރުންނަށް ލިބޭނެ ގޮތް ހަމަޖައްސަން އެ މީހުންނަށް ހާއްސަކޮށް ކޯހެއް ފަށަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް، އެ މިނިސްޓްރީގެ މީޑިއާ ގްރޫޕްގައި ވިދާޅުވީ އެއީ ހުތުބާ ކިޔާނެ މީހުން ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ހުތުބާ ކިއުމުގެ ހުއްދަ ދިނުމަށް، ކައުންސިލަރުންގެ ތެރޭގައި އެކަމަށް ޝައުގުވެރިކަން ހުރި މީހުންނަށް ޚަތީބު ކަމުގެ ތިން މަސް ދުވަހުގެ ކޯހެއް ގުރުއާން ބެހޭ މަރުކަޒު މެދުވެރިކޮށް ހިންގަން ނިންމާފައިވާ ކަމަށެވެ.

ކޮންމެ ބުރެއްގައި 50 ކައުންސިލަރުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ އެ ކޯހުގައި ޚަތީބު ކަމަށް ބޭނުންވާ ފިގުހާއި ގުރުއާނާއި އަގީދާ އަދި ހަދީސް ކިޔަވައިދޭނެ ކަމަށާއި އެ ކޯހުގައި ގުރުއާން ފިޔަވައި އެހެން މާއްދާތައް ކިޔަވައިދޭނީ އޮންލައިންކޮށް ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

"ގުރުއާން ކިޔަވައިދޭނީ ކައުންސިލަރުން މާލެެ އައިސްގެން. ނުވަތަ އަތޮޅުތަކުގައި ގުރުއާން މަރުކަޒުގެ ގޮފިތައް މެދުވެރިކޮށް. ޕްރޮގްރާމުގައި ކިޔަވައިދެއްވާނީ ފުންނާބު އުސް އިލްމުވެރިން،" މިނިސްޓަރު ވިދާޅުވި އެވެ.

ރަށްރަށުގެ ކައުންސިލަރުންނަށް ހާއްސަކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެ ކޯހުގައި ބައިވާން ހުޅުވާލަން ނިންމާފައި ވަނީ އަންނަ މަހު 1 ގަ އެވެ.

މިދިޔަ އަހަރު މިނިސްޓްރީން ވަނީ އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ސްކޫލު ކުދިންނަށް ލިބޭ ޕްރޮގްރާމެއް ވެސް ފަށައިފަ އެވެ.