ކަނޑަށް ގެއްލޭ މީހުންގެ ކަށުނަމާދު ބޭއްވޭނީ އެ މީހެއްގެ މަރާ މެދު ގާޒީން ގޮތެއް ކަނޑައެޅުމުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.
10 އެޕްރީލް 2025
ކަނޑަށް ގެއްލޭ މީހުންގެ ކަށުނަމާދު ބޭއްވޭނީ އެ މީހެއްގެ މަރާ މެދު ގާޒީން ގޮތެއް ކަނޑައެޅުމުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.
މާލެއަށް ދަތުރުކުރަނިކޮށް ރޯވި "ހޮޅުދޫ ބޯޓު" އިން މިދިޔަ ހަފުތާގައި ގެއްލުނު އަލީ މުޝްފިގު މުހައްމަދު ޝަރީފުގެ މައްޗަށް އޭނާގެ އުފަން ރަށް، ލ. މާވަށުގައި މާދަމާ ޣައިބަށް ކަށުނަމާދުކުރަން ނިންމުމާ ގުޅިގެން، ޝަހީމް ވިދާޅުވީ މިފަދަ ހާލަތުގައި އެ މީހާ ގެއްލުމާއި މަރާ މެދު އޮތް މައްސަލަ ހުށަހަޅަން ޖެހޭނީ ގާޒީއަށް ކަމަށެވެ.
ކަން ހިނގައި ދިޔަގޮތް ބަލައި. އޭނާ މަރުވެއްޖެކަން ގާޒީ ކަނޑައަޅައިފި ނަމަ އެ މީހެއްގެ މައްޗަށް ކަށުނަމާދު ކުރުން ހުއްދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މާވަށު ކައުންސިލުން މިއަދު ނެރުނު ދެންނެވުމުގައި ވާ ގޮތުން، 25 އަހަރުގެ ޒުވާނާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރާނީ ހުކުރު ނަމާދަށްފަހުގަ އެވެ. އަދި އެ ނަމާދުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ކައުންސިލުން ވަނީ އެދިފަ އެވެ.
ކައުންސިލްގެ ރައީސް އަހުމަދު މޫސާ "މިހާރު" އަށް ވިދާޅުވީ މުޝްފިގު ގެއްލުނުތާ ހަފުތާއެއް ފަހުން ކަށުނަމާދު ބާއްވަނީ އާއިލާއިން ބޭނުންވެގެން ކަމަށެވެ.
މުޝްފިގު ހޯދަން ސިފައިން ކުރި މަސައްކަތުން މިހާތަނަށް ވެސް އޭނާގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާތީ އާއިލާއިން ގަބޫލުކުރަނީ މުޝްފިގު މަރުވީ ކަމަށެވެ. އެކަމަކު މުޝްފިގު ހޯދުމުގެ މަސައްކަތް ވެސް އަދި ހުއްޓައެއްނުލަ އެވެ.
"މުޝްފިގުގެ ކޮއްކޮއަށް އެނގޭ އޭނާ އަޑިއަށް ދިޔައީކަން. މިހާތަނަށް ބަލައިގެން ވެސް ނުފެނުނީމާ އާއިލާއިން 100 ޕަސެންޓު ގަބޫލުކުރަނީ މުޝްފިގު ދިރިހުއްޓާ ނުފެންނާނެކަން،" އަހުމަދު ވިދާޅުވި އެވެ.
ނަމަވެސް މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި އެފަދަ މައްސަލަތަކުގައި ގާޒީގެ ހުކުމެއް އޮންނަން ޖެހެނީ މަރަކީ ޝަރުއީ ވަރަށް ގިނަ ކަންކަން އެ ކަމެއްގެ މައްޗަށް ތަރުތީބުވެފައިވާ ކަމަކަށް ވާތީ އެވެ. އޭގެ ތެރޭގައި ވާރުތަ މުދަލާއި އިއްދައިގެ ކަންކަން ހިމެނެ އެވެ.
"މިސާލަކަށް ގެއްލިފައިވާ މީހަކު ނަމަ އެ މީހާ އަކީ މީހަކާ އިނދެގެން އުޅޭ މީހަކު ކަމުގައި ވެސް ވެދާނެ އެވެ. ނުވަތަ ދަރީން ތިބި މީހަކު ކަމުގައި ވެސް ވެދާނެ އެވެ. ނުވަތަ މައިންބަފައިންނާއި އެއްބަނޑު މީހުން ތިބި މީހެއްކަމުގައި ވެދާނެ އެވެ. އެ މީހުންނަކީ އޭނާގެ ވާރުތަ ވެރިންނެވެ. އޭނާއަކީ އެ މީހުންގެ ވާރުތަ ވެރިއެކެވެ. މަރުވެއްޖެ ކަމަށް ކަނޑައެޅިއްޖެ ނަމަ މި ހުރިހާ ކަމެއްގެ ހުކުމްތަކަށް ޝަރުއީ ގޮތުން އަސަރުކުރާނެ އެވެ. ވަރަށް ބޮޑެތި ބަދަލުތައް އަންނާނެ އެވެ،" ޝަހީމް ވިދާޅުވި އެވެ.
"އޭނާގެ އަނތްބަކު ވާނަމަ، އެކަނބުލޭގެ އިއްދަ ހަމަކޮށް އެހެން މީހަކާ އިނުން ހުއްދަވީ އެވެ. ގެއްލުނުމީހާ ވުޖޫދުގައި ނެތް މީހަކަށްވީ އެވެ."
ގެއްލިގެން ހޯދަނީ މީހަކާ ނީނދެ ހުރި މީހަކަށް ވިއަސް އޭނާގެ މަރާ މެދު ގޮތެއް ނިންމަން ވާނީ ގާޒީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ގާޒީގެ ހުކުމަށްފަހު، ގެއްލުނު މީހާ ދުވަސްތަކެއް ފަހުން އެނބުރި އަޔަސް އެ ދެމެދުގައި ހިނގާފައިވާ ކަންކަން ސައްހަވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ. އެގޮތުން، މީހަކާ އިނދެގެން ހުއްޓާ ގެއްލި އަދި އަނބުރާ ދިޔައިރު އޭނާގެ އަނބިމީހާ ވެސް އެހެން މީހަކާ އިނދެގެން ހުއްޓަސް އެ ފިރިހެން މީހާގެ ކައިރިއަށް ދިއުމެއް ނެތް ކަމަށް މިނިސްޓްރީން ބުންޏެވެ.
"ވީމާ ކަނޑަށް ވެއްޓި ގެއްލި ހޯދައި ނުފެނިފައިވާ މީހާއާމެދު ގޮތް ނިންމަންވާނީ ގާޒީ އެވެ. ގާޒީ ގޮތް ނިންމާނީ ގެއްލުނު ހާލަތުގެ މައްޗަށް ނަޒަރު ހިންގައި ހޯދަން ކުރި މަސައްކަތުގެ މައްޗަށް ބަލައި މުޅި މައްސަލައިގެ ހަ ފަރާތް ބެލުމަށް ފަހުގަ އެވެ،" ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގެއްލުނު މީހާ މަރުވި ކަމަށް ގާޒީ ކަނޑައަޅައިފި ނަމަ އެ މީހެއްގެ މައްޗަށް ކަށުނަމާދުކޮށް އަދި ވާރިސުންގެ މެދުގައި އޭނާގެ މުދާ ބެހޭނެ ކަމަށެވެ.
ގެއްލިފައިވާ މީހާއާ މެދު ހުކުމެއް ކަނޑައަޅަންވާނީ ގެއްލުނުތާ ހަތަރު އަހަރު ފަހުން ކަމަށް ބައެއް އިލްމުވެރިން ބަޔާންކުރާ ކަމަށް ޝަހީމް ވިދާޅުވި އެވެ. ނަމަވެސް ކަނޑަށް ވެއްޓި ގެެއްލިފައިވާ މީހާ، މަރުވެފައިވާ ކަމަށް ބޮޑަށް ބުރަވެވޭ ނަމަ ހަތަރު އަހަރު ނުވިޔަސް ގާޒީއަށް ގޮތެއް ކަނޑައެޅިދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި ވަޒީފާއަދާ ކުރާ ޒުވާނާގެ މައްޗަށް ޣައިބުގައި ކަށުނަމާދުކުރަން ނިންމިއިރު، އެމްއެންޑީއެފުން ބުނީ މުޝްފިގު ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކަމަށެވެ. އަދި ކަނޑާއި އެއްގަމުގެ ސަރަހައްދުތައް ވެސް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްގެ އިސް ވަފުދެއް ރާއްޖޭގައި
އުމްރާއަށް ނުގެންދިޔަ މައްސަލާގަ އަސްކޮއި ޖޫރިމަނާކޮށްފި
ނަޒީރުގެ މައްޗަށް ޣައިބަށް ކުރާ ކަށުނަމާދު މިރޭ
ހައްޖަށް ދާ ފުރަތަމަ ގްރޫޕް ފުރާނީ 26 ގައި
ހުތުބާ ކިޔުމުގެ ހުއްދަ ކައުންސިލަރުންނަށް ދޭން ކޯހެއް
ހައްޖަށް ދާއިރު ލުއިތައް ލިބޭ މައްކާ ރޫޓަށް ރާއްޖެ
ޚަތީބުންގެ ތިންވަނަ ބުރުގައި 283 ކުދިން
ފިކުރީ ބަލިމަޑުކަމަށް އޮތީ އިތުބާރު ހުރި އިލްމު ހޯދުން
ހުޅުމާލެ 2 ގައި މިސްކިތެއް އަޅަން ބިން ހަވާލުކޮށްފި
މަދީނާގެ ހަރަމްފުޅުގެ އިމާމު ރާއްޖެ ވަޑައިގަންނަވަނީ