އުމްރާއަށް ގެންދަން ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގުމަށް ފަހު އުމްރާއަށް ނުގެންދިޔަ މައްސަލާގައި މިދިޔަ މެއި މަހު ޖޫރިމަނާކުރި އަސްކޮއި އިން އަނެއްކާވެސް އެކަން ތަކުރާރުކުރި މައްސަލައެއް އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފި އެވެ.
17 ޖުލައި 2025
އުމްރާއަށް ގެންދަން ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގުމަށް ފަހު އުމްރާއަށް ނުގެންދިޔަ މައްސަލާގައި މިދިޔަ މެއި މަހު ޖޫރިމަނާކުރި އަސްކޮއި އިން އަނެއްކާވެސް އެކަން ތަކުރާރުކުރި މައްސަލައެއް އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަސްކޮއި ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައި، ފުރަން އޮތް ދުވަހު ނުފުރައި، ލަނޑުދީގެން އުޅޭ ކަމުގެ މައުލޫމާތު މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
"މި މައްސަލަ ފުލުހަށް ހުށަހަޅައި ގަވާއިދާ އެއްގޮތައް ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން،" ޝަހީމް ވިދާޅުވި އެވެ.
އަސްކޮއި ޓްރެވަލް ސާވިސްއަކީ ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމުގެ ހުއްދަ 2023 ވަނަ އަހަރު އިސްލާމިކް މިނިސްޓްރީން ދީފައިވާ ކުންފުންޏެކެވެ.
ކުންފުނިތަކުގެ ރަޖިސްޓްރީގައިވާ ގޮތުގައި، އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޑެޓުގެ ވެރިންނަކީ އަބްދުﷲ ރަޝީދާއި އަހްމަދު ސަނިލް ކިޔާ ބައެކެވެ.
އަސްކޮއިގެ ސަބަބުން ލަނޑު ލިބުނު މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އުމްރާގެ މަތިވެރި އަޅުކަމަށް ދިއުމަށް ފޮނި އުންމީދުތަކެއް ކުރަމުން އައި އެތައް ބައެއްގެ އަތުން ދުރާލައި ފައިސާ ނަގައި ފުރުމަށް ހަފުތާއަކަށް ވެފައި ވަނިކޮށް އުމްރާއަށް ނުދެވޭނެ ކަމަށް އަންގާފައިވާ ކަމަށެވެ.
އެ މީހުން ފުރަން ހަމަޖައްސާފައި އޮތީ މި މަހު 24 ގަ އެވެ.
އެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި، އެއީ ށ. ފޯކައިދޫން އުމްރާއަށް ދާ 28 މީހެކެވެ. އުމްރާއަށް ދިއުމަށް އެއިން ކޮންމެ މީހަކު ވަނީ އެ އެޖެންސީއަށް 25،500ރ. މިދިޔަ ފެބްރުއަރީ މަހު ދައްކައިފަ އެވެ.
އަސްކޮއިގެ ޚަބަރެއް ނުވާތީ މީގެ ތިން ދުވަސް ކުރިން ގުޅުމުން ދަތުރަށް ހުރިހާ ކަމެއް ތައްޔާރު ކަމަށާއި މި މަހު 24 ގެ ކުރިން މާލެ އަންނަން އެންގި ކަމަށް ވެސް އެ ޕޯސްޓުގައި ބުންޏެވެ.
ނަމަވެސް، މާލެއަށް އައުމަށް ހުރިހާ އެންމެން ޓިކެޓް ނަގައި ތައްޔާރުވެފައި ވަނިކޮށް، މިފަހަރު އުމްރާ ދަތުރު ނުދެވޭނެ ކަމަށް އަސްކޮއި އިން އިއްޔެ އެ މީހުންނަށް ވަނީ އަންގައިފަ އެވެ.
"އޭގެ ފަހުން ދެން ޚަބަރެއް ނުވެ. މެސެޖްކޮށް، ގުޅުމުން ވެސް ޚަބަރެއް ނުވެ. އެންމެ ފަހުން ފޯނު ނިއްވާލައި، ފަހުން ބުނެފި މިފަހަރު ދެވެން ނެތް ވާހަކަ،" އެ ޕޯސްޓުގައި ބުންޏެވެ.
މިދިޔަ ރޯދަމަހުގެ ފަހު 15 އާއި ޝައްވާލު މަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް އުމްރާއަށް ދިއުމަށް އަސްކޮއި ގްރޫޕަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ފައިސާ ދައްކަމުން ގޮސް މިދިޔަ ޖެނުއަރީ 24 ގައި އެއްކޮށް ފައިސާ ދައްކައި ނިންމި، ހަ މީހުންގެ އާއިލާއަކަށް ފަހު ވަގުތު ލަނޑުދީގެން، މިދިޔަ މެއި މަހު އިސްލާމިކް މިނިސްޓްރީން ވަނީ އަސްކޮއި ޖޫރިމަނާކޮށްފަ އެވެ.
އެ ފަހަރު އަސްކޮއިއަށް ފައިސާ ދެއްކީ މީހަކަށް 42،000ރ. ގެ ރޭޓުން ޖުމްލަ 252،000ރ. އެވެ. ފުރަން 10 ދުވަހަށް ވެފައި އޮއްވައި، ދަތުރު ކުރެވެން ނެތްކަން އެންގީ ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އެވެ. އޭރު އެ އާއިލާ ވެސް ތިބީ މާލެ އައުމުގެ އިންތިޒާމުތައް ހަމަޖައްސައިގެންނެވެ.
އެހެންވެ، ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާ ބެހޭ އުސޫލާ އަސްކޮއި އިން ހިލާފުވެފައި ވާތީ 130،000ރ. އިން ޖޫރިމަނާކޮށް، 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން މިނިސްޓްރީން އެންގި އެވެ. އަދި އުމްރާ ދަތުރަށް ފައިސާ ދައްކާފައިވާ މީހުންނަށް ރިފަންޑް ދޭން ވެސް އެންގި އެވެ.
ހައްޖާއި އުމްރާގެ މައުލޫމާތު ފަސޭހައިން ލިބޭ އެޕެއް
އުމްރާއަށް ނުގެންދިޔަ މައްސަލާގަ އަސްކޮއި ޖޫރިމަނާކޮށްފި
އުމްރާއަށް ނުގެންދިޔަ މައްސަލަ ބަލައި ފިޔަވަޅު އަޅާނަން
ފައިސާ ދެއްކިފަހުން އުމްރާއަށް ނުގެންދެވޭކަން އަންގައިފި
މިހާތަނަށް ޖޫރިމަނާ ދެއްކީ 3 ކުންފުނިން: މިނިސްޓްރީ
އުމްރާއަށް ދިޔަ 24 މީހަކު ރާއްޖެ ނާދެވިފައި
ހައްޖާއި އުމްރާ ކުންފުނިތަކަށް އެވޯޑް ދޭން ފަށަނީ
އަގު ހެޔޮ އުމްރާ ޕެކޭޖް ތައާރަފްކުރަން އެދިވަޑައިގެންފި
މަޝްއަރު ޓުއާސްގެ މައްސަލަތައް ފުލުހުންނަށް ހުށަހަޅައިފި
މަޝްއަރު ޓުއާސްގެ މައްސަލަ ފުލުހަށް ރިޕޯޓްކުރަނީ