Roadha Mihaaru

އިންޑިއާގެ 25 ޑްރޯން ވައްޓާލިން: ޕާކިސްތާން

އިންޑިއާއިން ޕާކިސްތާނަށް އިއްޔެ ރޭ ހަމަލާ ދިނުމަށް ފަހު ރޭ ވެސް އެކި ހިސާބުތަކަށް ޑްރޯން ފޮނުވި ކަމަށާއި އޭގެ ތެރެއިން 25 ޑްރޯނެއް ވައްޓާލާފައި ވާނެ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން މިއަދު ބުނެފި އެވެ.

އިންޑިއާގެ 25 ޑްރޯން ވައްޓާލިން: ޕާކިސްތާން

އިންޑިއާއިން ޕާކިސްތާނަށް އިއްޔެ ރޭ ހަމަލާ ދިނުމަށް ފަހު ރޭ ވެސް އެކި ހިސާބުތަކަށް ޑްރޯން ފޮނުވި ކަމަށާއި އޭގެ ތެރެއިން 25 ޑްރޯނެއް ވައްޓާލާފައި ވާނެ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން މިއަދު ބުނެފި އެވެ.

ޕާކިސްތާނުން ބުނީ ޑްރޯންތަކުން ދިން ހަމަލާތަކުގައި ޕާކިސްތާނު ސިފައިންގެ ހަތަރު މީހަކު ޒަހަމްވެ އަދި އާންމުންގެ އެކަކު މަރުވި ކަމަށެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުން އުފައްދާފައިވާ ހާރޯޕް ޑްރޯންގެ 25 ޑްރޯން މިހާތަނަށް ޕާކިސްތާނުގެ އެކި ސަރަހައްދުތަކުން ވައްޓާލާފައިވާ ކަމަށެވެ.

"ރޭ ވެސް އިންޑިއާއިން ވަނީ އެކި ހިސާބުތަކަށް ޑްރޯން ފޮނުވައިގެން ހަރުކަށިކަން ދައްކާފައި،" އަސްކަރިއްޔާގެ ތަރުޖަމާނު އަހްމަދު ޝަރީފް ޗައުދަރީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ތެރެއިން އެއް ޑްރޯން ލާހޯރާ ކައިރި ސަރަހައްދަކުން އަސްކަރީ އަމާޒުތަކަށް ހަމަލާ ދިނުމުގައި ކާމިޔާބު ހޯދި ކަމަށެވެ. އެ ހަމަލާގައި ސިފައިންގެ ހަތަރު މީހުން ޒަހަމްވި ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.

ޕާކިސްތާނުން އިއްޔެ ބުނި ގޮތުގައި އިންޑިއާއިން ހަމަލާ ދޭން ބޭނުންކުރި ހަނގުރާމަމަތީ ޖެޓްތަކުގެ ތެރެއިން ފަސް ޖެޓް ވެސް ވާނީ ވައްޓާލައިފަ އެވެ. އެކަމަކު އިންޑިއާއިން ބުނެފައިވަނީ އަސްކަރީ އެއްވެސް އެއާކްރާފްޓަކަށް އެއްވެސް ގެއްލުމެއްވެފައި ނެތް ކަމަށެވެ. އެކަމަކު ވައްޓާލި ކަމަށް ބުނާ ޑްރޯނެއްގެ ކައިރިއަށް އާންމުން ޖަމާވެ އެ ބަލަން އުޅޭ މަންޒަރު ވެސް ފެނިފައިވެ އެވެ.

ޕާކިސްތާނުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން މިއަދު ވަނީ ބޮޑު ތިން ސިޓީއެއްގެ އެއާޕޯޓްތައް އިރުއޮއްސި 6:00 އާ ހަމައަށް ބަންދު ވެސް ކޮށްފަ އެވެ.

"ކަރާޗީ، ލާހޯރު އަދި އިސްލާމްއާބާދު އެއާޕޯޓު ހަވީރު 6:00 އާ ހަމައަށް ބަންދުވާނެ،" އޭވިއޭޝަން އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ކަޝްމީރުގެ އިންޑިއާ ފަޅީގެ، ސްރީނަގަރުގެ ލާލް ޗޯކްގެ ފިހާރަތައް ބަންދުކޮށް މަގު ފަޅުވެފައި ވާއިރު އިންޑިއާގެ ޕެރަމިލިޓަރީ ސިފައިން މީހަކު މިއަދު ހަތިޔާރާ އެކު. -- ފޮޓޯ: އޭއެފްޕީ

ކަޝްމީރުގެ އިންޑިއާ ފަޅީގެ، ސްރީނަގަރުގެ ލާލް ޗޯކްގެ ފިހާރަތައް ބަންދުކޮށް މަގު ފަޅުވެފައި ވާއިރު އިންޑިއާގެ ޕެރަމިލިޓަރީ ސިފައިން މީހަކު މިއަދު ހަތިޔާރާ އެކު. -- ފޮޓޯ: އޭއެފްޕީ

އެ ބަޔާނުގައި މިކަމުގެ ސަބަބެއް ކަމަށް ބުނެފައިވަނީ އޮޕަރޭޝަނަލް ސަބަބުތަކާ ހުރެ ކަމަށެވެ.

އިންޑިއާއިން ޕާކިސްތާނަށް ހަމަލާދިނީ މިދިޔަ މަހު ކަޝްމީރުގައި އާންމުންގެ 27 މީހަކު ބަޑީގެ ހަމަލާތަކެއްގައި މަރާލި ހާދިސާއާ ގުޅުވައިގެންނެވެ. އިންޑިއާއިން ތުހުމަތުކުރާ ގޮތުގައި އެއީ ޕާކިސްތާނުގެ ތާއީދާ އެކު ދޭ ހަމަލާތަކެވެ. އެކަމަކު ޕާކިސްތާނުން ތަކުރާރުކޮށް ބުނަމުންދަނީ ހަމަލާއާ އެ ގައުމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. ކަޝްމީރުގައި ދިން ހަމަލާއަށް ފަހު ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) ހުރަސްކޮށް ދެ ގައުމުގެ ސިފައިން ކޮންމެ ރެޔަކު ގެންދަނީ ހަމަލާ ދެމުންނެވެ.

އެކި ހަމަލާތަކުގައި މިހާތަނަށް ޕާކިސްތާނުން 31 އަދި އިންޑިއާއިން 12 މީހަކު މަރުވެފައިވާ ކަމަށް އެ ދެ ގައުމުގެ އޮފިޝަލުން ވަނީ ބުނެފަ އެވެ.

ނިއުކްލިއާ ދެ ބާރުގެ މެދުގައި މަސްރަހު ހޫނުވެ އަލުން ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ބޮޑުވަމުން ދާތީ ގައުމުތަކުގެ ވެރިންނާއި ޑިޕްލޮމޭޓުން ގެންދަވަނީ ދެ ގައުމުން ވެސް މައްސަލަ އިތުރަށް ބޮޑު ނުކޮށް ސުލްހަޔަކަށް އިސްކަން ދިނުމަށް ގޮވާލަމުންނެވެ.