Roadha Mihaaru

އިންޑިއާއިން ޕާކިސްތާނަށް ހަމަލާދީފި، ޕާކިސްތާނުން ރައްދު ދޭން ތައްޔާރުވަނީ

އިންޑިއާއިން ކަޝްމީރުގައި ޕާކިސްތާނުން ކޮންޓްރޯލްކުރާ ސަރަހައްދަށް މިސައިލުން ހަމަލާދީ އެތައް ބަޔަކު މަރާލައިފި އެވެ.

އިންޑިއާއިން ޕާކިސްތާނަށް ހަމަލާދީ ބަޔަކު މަރާލައިފި

އިންޑިއާއިން ކަޝްމީރުގައި ޕާކިސްތާނުން ކޮންޓްރޯލްކުރާ ސަރަހައްދަށް މިސައިލުން ހަމަލާދީ އެތައް ބަޔަކު މަރާލައިފި އެވެ.

މިދިޔަ މަހު ކަޝްމީރުގެ އިންޑިއާ ފަޅީގައި ބަޑިން ހަމަލާދީ ބަޔަކު މަރާލި ހާދިސާ އަކީ ޕާކިސްތާނުގެ ތާއީދާ އެކު ހިންގި އަމަލެއް ކަމަށް ބުނެ އިންޑިއާއިން ދެމުން ދިޔަ އިންޒާރުތަކަށް ފަހު ހަމަލާ ދިނުމުން ޕާކިސްތާނުން މިހާރު ވަނީ ރައްދު ހަމަލާ ދޭނެ ކަމުގެ އިންޒާރު ދީފަ އެވެ.

ޕާކިސްތާނުން ބުނީ "އޮޕަރޭޝަން ސިންދޫރް" ގެ ނަމުގައި އިންޑިއާއިން ދިން ހަމަލާތަކުގައި އާންމުންގެ އަށް މީހަކު މަރުވެފައިވާ ކަމަށާއި ރައްދު ހަމަލާ ދިނުމުގެ ކަންކަން މިހާރު ފަށާފައިވާ ކަމަށެވެ. ޕާކިސްތާނުން ބުނި ގޮތުގައި މަދުވެގެން ފަސް ތަނަކަށް އިންޑިއާއިން ހަމަލާދީފައި ވާއިރު އެ ހަމަލާތަކުގައި ކުޑަކުއްޖަކު ވެސް މަރުވެފައިވާ ކަމަށެވެ.

"ރައްދު ހަމަލާ ދިނުމުގެ ކަންކަން މިހާރުވެސް ފެށިއްޖެ. އެކަމަށް ގިނަ އިރެއް ނުވާނެ،" މެންދަމުން އަލިވުމާ ގާތްވެފައި ވަނިކޮށް ދިން ހަމަލާއާ ބެހޭ ގޮތުން ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ މުހައްމަދު އާސިފް އޭއެފްޕީއަށް ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވި ފަހުން އިންޑިއާއިން ބުނި ގޮތުގައި ކަޝްމީރުގެ ބޯޑަރު ހުރަސްކޮށް ޕާކިސްތާނުން ބޮޑު ބަޑިން ދިން ހަމަލާތަކުގައި އާންމުންގެ ތިން މީހަކު ވަނީ މަރުވެފަ އެވެ.

ކަޝްމީރުގައި ޕާކިސްތާނުން ކޮންޓްރޯލްކުރާ ސަރަހައްދަށް އިންޑިއާއިން މިސައިލް ހަމަލާ ދިނުމާ އެކު އާންމުން މަގުތަކަށް ނުކުމެ ވާނުވާ ބަލަނީ. -- ފޮޓޯ: އޭއެފްޕީ

ކަޝްމީރުގައި ޕާކިސްތާނުން ކޮންޓްރޯލްކުރާ ސަރަހައްދަށް އިންޑިއާއިން މިސައިލް ހަމަލާ ދިނުމާ އެކު އާންމުން މަގުތަކަށް ނުކުމެ ވާނުވާ ބަލަނީ. -- ފޮޓޯ: އޭއެފްޕީ

ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނީ އިންޑިއާއިން ހަމަލާ ދިން ފަސް ތަނުގެ ތެރޭގައި ޕާކިސްތާނުގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ތިން ތަނަކާއި އެ ގައުމުގެ އެންމެ އާބާދީ ބޮޑު ޕްރޮވިންސް ކަމަށްވާ ޕަންޖާބުގެ ދެ ތަނެއް ކަމަށްވާ ބަހާވަލްޕޫރާއި މުރިދްކޭ ހިމެނޭ ކަމަށެވެ.

ނިއުކްލިއާ ދެ ބާރުގެ ދެމެދުގައި މި ފަހުން މައްސަލަ ގޯސްވީ ކަޝްމީރުގެ އިންޑިއާ ސަރަހައްދުގައި ބަޑިން ހަމަލާދީ 26 މީހަކު މަރާލި ހާދިސާއަށް ފަހުގަ އެވެ. އޭގެ ފަހުން އިންޑިއާއިން ޕާކިސްތާނަށް ތުހުމަތުކޮށް ސިފައިން ތައްޔާރީ ހާލަތަށް ގެނެސް ރައްދު ދޭނެ ކަމުގެ އިންޒާރު އައީ ދެމުންނެވެ.

އިންޑިއާގެ ހަމަލާ ވެފައިވަނީ 1947 ވަނަ އަހަރު އިނގިރޭސީންގެ ކިބައިން މިނިވަންކަން ލިބުނު ފަހުން އެތައް ހަނގުރާމައެއް ކޮށްފައިވާ ދެކުނު އޭޝިއާގެ އަވަށްޓެރި މި ދެ ގައުމުތަކުގެ މެދުގައި ނުތަނަވަސްކަން އިތުރު ނުރައްކަލަށް ގެންދިޔަ ކަމަކަށެވެ. އެކި ގައުމުތަކުން ގެންދަނީ ދެ ގައުމު ހަނގުރާމައަށް ނުގޮސް ސުލްހަވޭތޯ މަސައްކަތްކުރަމުންނެވެ.