Roadha Mihaaru

ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލަ ބަލައިނުގަންނަން ސުޕްރީމް ކޯޓުން ނިންމައިފި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކޯޓުން އަމުރު ކުރި މައްސަލަ ބަލައިނުގަންނަން ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.

ޝަމްއާންގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައެއް ނުގަތް
އިފްރާޒް އަލީ
އިފްރާޒް އަލީ

07 މެއި 2025

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކޯޓުން އަމުރު ކުރި މައްސަލަ ބަލައިނުގަންނަން ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.

ޝައްމާންގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އޭނާ ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރަށް ހައި ކޯޓުން ވެސް މިދިޔަ ހަފުތާގައި ތާއީދުކޮށްފައި ވާތީ އެވެ.

އެކަމަކު ސުޕްރީމް ކޯޓުން މިއަދު ނިންމީ އެ މައްސަލަ ބަލައިނުގަންނާށެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މެދުވެރިވެގެން އެ ބިދޭސީ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކޮށް، ޝަމްއާން ހައްޔަރުކުރީ މިދިޔަ މާޗު މަހު އެވެ.

އެ މައްސަލާގައި ޝަމްއާން 15 ދުވަހަށް ބަންދުކުރަން އަމުރު ކުރުމަށް ފަހު ކްރިމިނަލް ކޯޓުން ފަހުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ. އެ މައްސަލަ ޝަމްއާންގެ ފަރާތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ އޭނާ 15 ދުވަހަށް ބަންދުކުރަން ނެރުނު އަމުރާއި ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރު ވެސް ރަނގަޅު ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގު ހިންގުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ދައުރެއް ނެތި ފުލުހުން އަމިއްލައަށް ތަހުގީގު ހިންގާފައި ވާތީ އެއީ ޖިނާއީ އިޖުރައާތުގެ ގާނޫނާ ހިލާފު ކަމެއް ކަމަށް ޝަމްއާންގެ ފަރާތުން ފާހަގަކުރިޔަސް، ހައި ކޯޓުގެ ހުކުމުގައި ބުނީ އެއީ ގާނޫނާ ހިލާފު ކަމެއް ނޫން ކަމަށެވެ.

ހައި ކޯޓުގެ ހުކުމުގައި ބުނީ ފުލުހުންނަށް އެކަނި ވެސް ތަހުގީގު ކުރެވޭނެ ކަމަށެވެ. އަދި ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމި ނިންމުމާ ގުޅޭ ގޮތުން އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭ ފަދަ ގާނޫނީ ބަހުސެއް އޭނާގެ ފަރާތުން ދެއްކިފައި ނުވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ. އެހެންވެ، އޭނާ ބަންދުކުރަން ނެރުނު އަމުރުތަކަށް އެއްވެސް ބަދަލެއް ގެންނަން ޖެހޭ ކަމަށް ނުފެންނަ ކަމަށް އެ ހުކުމުގައި ބުނެފައިވެ އެވެ.

އެ މައްސަލާގައި ޝަމްއާންގެ އިތުރުން އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ވެސް އޭރު ހައްޔަރުކުރި އެވެ.