Roadha Mihaaru

ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރި އަމުރަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ބާތިލް ކުރާނެ ތަނެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަޣުލަބިއްޔަތުން މިއަދު ނިންމައިފި އެވެ.

ޝަމްއާންގެ ބަންދު އަމުރު ސުޕްރީމް ކޯޓުން ބާތިލެއްނުކުރި
ނާޒިމް ހަސަން
ނާޒިމް ހަސަން

18 ޖޫން 2025

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ބާތިލް ކުރާނެ ތަނެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަޣުލަބިއްޔަތުން މިއަދު ނިންމައިފި އެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު، އެ އިދާރާގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރާ މައްސަލައިގައި ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރި އެވެ.

ކްރިމިނަލް ކޯޓުގެ އެ އަމުރަށް ހައި ކޯޓުން ވެސް ވަނީ ތާއިދުކޮށްފަ އެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ އޭނާ އަދާކުރި މަގާމުގެ ގޮތުން ބާރާއި ނުފޫޒު އޮންނާނެތީ އާއި ހެކިބަސް ދޭން ތިބި މީހުންނާ ގާތް ގުޅުމެއް އޮތުމުގެ ސަބަބުން، ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށް ބުނެ އެވެ.

އެ އަމުރަށް ހައި ކޯޓުން ތާއިދުކުރި މައްސަލަ ސުޕްރީމް ކޯޓުގައި ޝަމްއާންގެ ފަރާތުން އިސްތިއުނާފް ކުރުމުން ޝަރީއަތް ހިންގުމަށްފަހު، މިއަދު ކުރި ހުކުމްގައި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސެއިން ޝަހީދު ކަނޑައެޅުއްވީ އެ ނިންމުން ގާނޫނާ ހިލާފުވި ގޮތެއް ޝަމްއާންގެ ފަރާތުން ބުނެދެވިފައިނުވާ ކަމަށެވެ.

ފަނޑިޔާރުގެ އެ ރައުޔަށް ދާދިފަހުން ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރު އަބްދުالله ހަމީދު ތާއީދު ކުރެއްވި އެވެ. ނަމަވެސް، އެ ބެންޗުގައި ދެން އިންނެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ރައުޔު ތަފާތެވެ.

ފަނޑިޔާރު ޝުޖޫން ވިދާާޅުވީ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތް ކަމަށް ދައުލަތުން ބުނާ ނަމަ، އެކަމަށް ބާރުދޭ ކަންކަން ދައުލަތުން ހުށަހަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް، އެ މައްސަލާގައި އޮތީ ދައުލަތުން ބުނާ ބުނުމެއް އެކަނި ކަމަށެވެ. އަދި އެންމެ ކުޑަމިނުން ޝަމްއާނާއި ހެކިވެރިންނާ އޮތް ގާތް ގުޅުމެއް ވެސް ބުނެ ނުދޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

އެހެންވެ، ދައުލަތުން ބުނާ ބުނުމުގެ މައްޗަށް އެކަނި ބަލައިގެން، ގާނޫނުއަސާސީގައި ބުނާ ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ ހާލަތެއް ވުޖޫދުވާ ކަމަށް ކަނޑަނޭޅޭނެ ކަމަށް ފަނޑިޔާރު ޝުޖޫންގެ ރައުޔުގައިވެ އެވެ.

ނަމަވެސް، ޝަމްއާން އެންމެ ފުރަތަމަ 15 ދުވަހަށް ބަންދުކުރަން ނެރުނު އަމުރު ބާތިލް ކުރާނެ ތަނެއް ނެތް ކަމަށް އެ ތިން ފަނޑިޔާރުން ވެސް އިއްތިފާގުވެވަޑައިގެންނެވި އެވެ.

ޝައްމާން 15 ދުވަހަށް ބަންދު ކުރަން އެދުނުއިރު، އޭނާގެ މައްޗަށް ކޮށްފައި އޮތީ ކޮރަޕްޝަންގެ ތުހުމަތެވެ.

ކޮރަޕްޝަންގެ ކުށްތައް ބެލުމުގެ އިހްތިސާސް އޮންނަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށެވެ. އެފަދަ ތުހުމަތެއް އޮތްނަމަ އެ މައްސަލައެއްގެ ތަހުގީގު ކުރިއަށް ގެންދަނީ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގަ އެވެ. ކޮރަޕްޝަންގެ ތުހުމަތެއް އެކަނި އޮތްނަމަ އެ މައްސަލައެއް ބެލޭނީ ހަމައެކަނި އޭސީސީއަށެވެ.

ނަމަވެސް، އެ މައްސަލާގައި އަމަލުކޮށްފައި ވަނީ އެގޮތަކަށް ނޫނެވެ. ޝަމްއާން ބަންދުކުރަން ފުލުހުން ކޯޓަށް ދިޔައިރު ތަހުގީގުގައި އޭސީސީން ބައިވެރިއެއް ނުވެ އެވެ. އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރިއިރު ޝަމްއާންގެ ފަރާތުން އެކަން ފާހަގަކުރި ނަމަވެސް، ހައި ކޯޓުން ނިންމީ އެކަމުގައި ގޯހެއް ނެތް ކަމަށެވެ.

އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅީ އެކަން ކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 74 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ.

އެގޮތަށް ކަނޑައެޅި ނަމަވެސް، ޝަމްއާން ބަންދުކުރީ ގޯސްކޮށް ކަމަށް ކަނޑައެޅެން ނެތް ކަމަށް ފަނޑިޔާރު ޝަހީދު ވިދާޅުވި އެވެ. އެއީ ޝަމްއާން ބަންދުކޮށްފައިވަނީ މަނީ ލޯންޑްރިންގެ ތުހުމަތުގައި ކަމަށްވާތީ އާއި އެ ބައި ތަހުގީގު ކުރުމުގެ ބާރު އޮތީ ފުލުހުންނަށް ކަމަށްވާތީ އެ މައްސަލައިގެ ތެރެއިން އޭނާ ބަންދުކުރަން އެދުމަށް ފުލުހުންނަށް ގާނޫނީ އެއްވެސް ހުރަހެއް ނެތުމުން ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށްފަހު، އެ މީހާ ބަންދުން ދޫކޮށްލި ކަމަށް ތުހުމަތުކުރާ މައްސަލައިގައި އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި ޝަމްއާންގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލައިފަ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލައިފަ އެވެ. ފުރަތަމަ ދައުވާއަކީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އެއީ ސާބިތުވެއްޖެނަމަ ތިން އަހަރާއި ދެ މަހާއި ދެ ދުވަހުގެ ޖަލު ހުކުމެއް އަންނަ ފަދަ ދައުވާއެކެވެ.

ދެވަނަ ދައުވާއަކަށް އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި ތިންވަނަ އަށް އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ދައުވާ އެވެ. އެއީ ފަސް އަހަރާއި 15 އަހަރާ ދެމެދު ހުކުމެއް އަންނަ އަދި ޖޫރިމަނާގެ ގޮތުގައި އެއް މިލިއަން ރުފިޔާއާ ހަމައަށް ދައުލަތަށް ދައްކަންޖެހޭ ގޮތަށް އަދަބު ކަނޑައެޅޭ ފަދަ ދައުވާއެކެވެ.