Roadha Mihaaru
"ޔާމީންގެ އިސްތިއުނާފް މިންގަނޑަށް ވާސިލެއް ނުވެވޭ"

ޔާމީން ހުށަހެޅުއްވީ އިސްތިއުނާފީ މިންގަނޑަށް ވާސިލް ނުވެވޭ މައްސަލައެއް: ދައުލަތް

30 މާޗް 2023

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާއާ ގުޅިގެން އެ މަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފްކުރީ އިސްތިއުނާފީ މިންގަނޑަށް ވާސިލްވެވޭ ވަރުގެ މައްސަލައެއް ނޫން ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާއާ ގުޅިގެން އެ މަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފްކުރީ އިސްތިއުނާފީ މިންގަނޑަށް ވާސިލްވެވޭ ވަރުގެ މައްސަލައެއް ނޫން ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.

އެހެން މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާކުރާ މައްސަލާގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ނިންމި ނިންމުންތަކެއް އެ މަނިކުފާނުގެ ފަރާތްޕުޅުން ވަނީ އިސްތިއުނާފްކޮށްފަ އެވެ.

ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ބައެއް ހެކިތައް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރިޔަސް، އިސްތިއުނާފީ މިންގަނޑާ ހަމައަށް ނާދެވޭ ކަމަށެވެ. ސަބަބަކީ ހެކި ބަލައިގަތުމާއި ނުގަތުމަކީ ފަނޑިޔާރުންގެ ތަގްދީރީ ބާރުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި ހެކި ބަލައިގަތަސް، އެ ހެކިތަކާ ބެހޭގޮތުން ކޯޓުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ފަހުގެ މަރުހަލާއެއްގައި އޮންނާނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާތީ ކަމަށް ދައުލަތުން ބުންޏެވެ.

ބައެއް ލިޔުންތައް ހެކީގެ ގޮތުގައި ހޯދަން ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ހުށަހެޅުން ވެސް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާތީ އެ ނިންމުން ވެސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފަށް ހުށަހަޅާފައިވެ އެވެ.

އެކަމާ ގުޅިގެން ދައުލަތުން ބުނީ އެ ލިޔުންތައް ހޯދަން އެދޭ ސަބަބެއް ޔާމީންގެ ފަރާތްޕުޅުން ދަށު ކޯޓުގައި ބުނެދީފައި ނުވާ ކަމަށެވެ. އެ ލިޔުންތައް މައްސަލައާ ގުޅުން ހުރި ގޮތެއް ނޭނގޭ ކަމަށާއި އަދި މުޅިން އެހެން މައްސަލަތަކާ ގުޅުން ހުރި ލިޔުންތައް ހޯދުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ދައުލަތުން ބުންޏެވެ.

އެކަންކަން ފާހަގަކޮށް، ދައުލަތުން އެދުނީ އެ މައްސަލައަކީ އިސްތިއުނާފީ މިންގަނޑަށް ވާސިލްނުވެވޭ މައްސަލައެއް ކަމަށް ނިންމައި ދިނުމަށެވެ. އަދި އެ މިންގަނޑަށް ވާސިލްވެވުނަސް، ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ނިންމައިދޭން ދައުލަތުން އެދުނެވެ.

ރައްދުގައި ޔާމީންގެ ވަކީލުން ވިދާޅުވީ އިސްތިއުނާފީ މިންގަނޑަށް ވާސިލް ނުވެވޭނެ ކަމަށް ބުނުން ފިޔަވައި އޭގެ އިތުރު ސަބަބެއް ދައުލަތަށް ނުދެއްކޭ ކަމަށެވެ. ހެކިތަކެއް ބަލައިނުގަންނަން ހުށަހެޅީ މައްސަލައާ ގުޅުމެއް ނެތް ހެކިތައް ހުށަހަޅައިގެން ކަންކަން ސާބިތުކުރަން އުޅޭތީ ކަމަށް ވަކީލުން ވިދާޅުވި އެވެ.

ހެކިތައް ބަލައިގަތަސް، ފަހުގެ މަރުހަލާގައި އެ ވާހަކަ ދެއްކުމުގެ ފުރުސަތު އޮންނާނެ ކަމަށް ދައުލަތުން ބުނެފައިވާތީ އޭގެ ރައްދުގައި ޔާމީންގެ ވަކީލުން ވިދާޅުވީ، އެ ފުރުސަތު ފަހުން އޮތުމަކީ މިހާރު އެ ހެކިތައް ބަލައިގަންނަންޖެހޭ ސަބަބެއް ނޫން ކަމަށެވެ.

ބައެއް ލިޔުންތައް ހޯދަން އެދުނު ސަބަބު ދަށު ކޯޓުގައި ބުނެދީފައިވާނެ ކަމަށް ޔާމީންގެ ވަކީލުން ވިދާޅުވި އެވެ. އަދި އެ ލިޔުންތައް ދިނުމަކީ ދައުލަތުން ކުރަންޖެހޭ ކަމެއް ކަމަށް ވަކީލުން ވިދާޅުވި އެވެ.

އެ މައްސަލާގައި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ.

ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު ދީބާނާޒް ފަހުމީ އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަފީއު އެވެ.

ޔާމީން މިވަގުތު ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވަނީ ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގަ އެވެ. އެ މައްސަަލަ އިސްތިއުނާފް ކޮށްފައި ވިޔަސް، އިސްތިއުނާފް މިހާތަނަށް ބަލައެއް ނުގަނެ އެވެ.