ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށް ފަހު، އެ މީހާ ބަންދުން ދޫކޮށްލި ކަމަށް ތުހުމަތު ކުރާ މައްސަލައިގައި އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދާއި އިމިގްރޭޝަންގެ އޮފިސަރުންތަކެއް މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ފަށައިފި އެވެ.
30 ޖޫން 2025
ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށް ފަހު، އެ މީހާ ބަންދުން ދޫކޮށްލި ކަމަށް ތުހުމަތު ކުރާ މައްސަލައިގައި އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދާއި އިމިގްރޭޝަންގެ އޮފިސަރުންތަކެއް މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ފަށައިފި އެވެ.
ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލައިފަ އެވެ. އެއީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާ އެވެ.
އޭނާގެ އިތުރުން ދެން ދައުވާ ކޮށްފައިވަނީ އިމިގްރޭޝަންގެ ތިން އޮފިސަރުން ކަމަށްވާ ގ. ހެޕީ ސައިޑް އިބްރާހީމް އަހުމަދާއި ތ. ބުރުނީ، މޫނިމާގޭ މުހައްމަދު އަލްސަން އިސްމާއިލް އަދި މ. ހަޒާރީވިލާގެ، އަހުމަދު ލައްސާންގެ މައްޗަށެވެ.
މީގެ ތެރެއިން މިއަދު ޝަރީއަތް ކުރިއަށް ގެންދިޔައީ ޝަމްއާނާއި އަލްސަންގެ މައްޗަށެވެ. އިބްރާހިމް އަހުމަދާއި ލައްސާންގެ ބައި ކުރިއަށް ގެންދަނީ ވަކިންނެވެ. މިއަދުގެ ޝަރީއަތުގައި ގާޒީ ވިދާޅުވި ގޮތުން ލައްސާންގެ ބައި ވަކިން ކުރިއަށް ގެންދަނީ އޭނާ ކުށަށް އިއުތިރާފުވެ، ދައުލަތާ އެކު އެއްބަސްވުމެއް ހަދާފައިވާތީ އެވެ. އިބްރާހިމްގެ ބައި ވަކިން ކުރިއަށް ގެންދާ ސަބަބެއް ގާޒީ ވިދާޅެއް ނުވެ އެވެ.
ޝަމްއާނާއި އަލްސަންގެ ބައިގެ އަޑުއެހުމެއް މިއަދު ބޭއްވި ނަމަވެސް، އެ އަޑުއެހުން ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ. މައްސަލައިގެ ލިޔުންތައް އަދިވެސް ދައުވާ ލިބޭ މީހުންނަށް ރައްދު ކޮށްދީފައި ނުވާތީ، ދައުވާ އިއްވުމަށާއި ޖަވާބުދާރީވުމަށް އެހެން އަޑުއެހުމެއް ވަނީ ތާވަލުކޮށްފަ އެވެ.
ޝަމްއާންގެ މައްޗަށް ދައުވާތައް އުފުލާފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނިގޮތުގައި، އިމިގްރޭޝަންގެ ރިސްކް ސެކްޝަނުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީ މީހާ ދޫކޮށްލަން އިރުޝާދު ދީ، އެ މީހާއާ އެކު، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ 500،000 ރުފިޔާ އަތުލުމަށް ޝަމްއާން އަންގާފައިވާތީ އެވެ.
އެ ފައިސާ ބިދޭސީ މީހާގެ އަތުން ނަގާފައިވަނީ އޭނާ ރާއްޖެ ދޫކޮށް ނުގޮސްފި ނަމަ ދަތިކުރުމަށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައި ވެ އެވެ.
ބިދޭސީ މީހާގެ އަތުން ފައިސާ ފޭރުމަށް ފަހު، އެ ފައިސާ މާޗު 13، 2025 ގެ މެންދުރުފަހު 3:00 ހާއިރު ޝަމްއާންގެ އަތަށް ގެންގޮސްދިނުމުން، އޭގެ ތެރެއިން 400،000 ރުފިޔާ ބަލައިގަނެ އަތުގައި ބަހައްޓާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ހަމަ އެ ދުވަހު އެ ފައިސާގެ ތެރެއިން ބައެއް ބޭނުން ކޮށްގެން، ޝަމްއާންގެ ނަމުގައި ނަގާފައިވާ ދެ ސްޓޫޑަންޓް ލޯނަކަށް ފައިސާ ދެއްކުމުގެ ގޮތުން ބޭންކު އޮފް މޯލްޑިވްސްގެ ލޯން އެކައުންޓަށް 149،491.46 ރުފިޔާ އާއި އެހެން ލޯނު އެކައުންޓަކަށް 110،345.59 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ވެސް ޝަމްއާނަށް ކުރި ދައުވާގައި ބުނެފައިވެ އެވެ.
ޝަމްއާންގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ
ޝަމްއާންގެ ބަންދު އަމުރު ސުޕްރީމް ކޯޓުން ބާތިލެއްނުކުރި
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް
އާޒިމާ އަށް އުފުލި ދައުވާގެ ލިޔުންތައް ހަވާލުކޮށްފި
އާޒިމާގެ މައްޗަށް ދައުވާކޮށް، ކޯޓަށް ފޮނުވައިފި
ޗެއިން އޮފް ކަސްޓަޑީ ގޯސްވެ، ބޮޑު ހުކުމަކުން ސަލާމަތް
ރައުދަށް މަސްތުގެ ދައުވާ ނުކުރީ އިޖުރާއަތު ގޯސްވުމުން
ޔާމީން އަންގައިގެން 17 މިލިއަން ނެރުނިން: ހެކި
ރައުދުގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
"އެފްއޭއެމްގެ ފައިސާ ކަންކަން އިސްކޮށް ބެލީ ބައްސާމް"