Roadha Mihaaru

އެއާޕޯޓް ޓެކްސީ ކިޔުގައި ހުރި އޮފިސަރެއްގެ މޫނުމަތީގައި ޖެހުމުން ޖޫރިމަނާގެ އަދަބެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓެކްސީ ކިޔު ބަލަހައްޓަން ހުރި އެމްއޭސީއެލްގެ މުވައްޒަފެއްގެ މޫނުމަތީގައި ޖެހި މީހަކަށް ޖޫރިމަނާގެ އަދަބެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.

އެއާޕޯޓް އޮފިސަރެއްގެ ގައިގާ ޖެހުމުން ޖޫރިމަނާގެއަދަބެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓެކްސީ ކިޔު ބަލަހައްޓަން ހުރި އެމްއޭސީއެލްގެ މުވައްޒަފެއްގެ މޫނުމަތީގައި ޖެހި މީހަކަށް ޖޫރިމަނާގެ އަދަބެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.

މިދިޔަ އަހަރު ހިނގި އެ ހާދިސާއާ ގުޅިގެން އެމްއޭސީއެލްގެ މުވައްޒަފުގެ މޫނުމައްޗަށް އަނިޔާވެފައިވާއިރު، އެކަމާ ގުޅިގެން ތިން ދައުވާއެއް ދައުލަތުން ކުރީ ދިވެހި ފިރިހެނެއްގެ މައްޗަށެވެ. އެއީ އަނިޔާއެއް ދިނުމުގެ ދައުވާ އާއި ގައިގައި އަތްލުމުގެ ދައުވާ އަދި މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އެވެ.

އެ ތިން ދައުވާއަށް ވެސް އެ މީހާ ވަނީ އިއުތިރާފުވެފަ އެވެ. އެހެންވެ، ތިން ދައުވާ ވެސް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

އަތްލުމުގެ ދައުވާއާ ގުޅިގެން އިއްވާފައިވަނީ 3،600 ރުފިޔާގެ ޖޫރިމަނާގެ އަދަބެކެވެ. އަދި އަނިޔާއެއް ދިނުމުގެ ދައުވާއާ ގުޅިގެން އިއްވީ ހަތަރު ދުވަހަށް ޖަލަށްލުމަށާއި 13،600 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އަދަބެކެވެ. އަދި އޭނާ ކުރިން ބަންދުގައި ބަހައްޓާފައިވާތީ، ހަތަރު ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރަން ނުޖެހެ އެވެ.

މުދަލަށް ގެއްލުން ދިނުމުގެ ދައުވާއާ ގުޅިގެން އިއްވާފައިވަނީ ހަ ދުވަހަށް ޖަލަށްލުމަށާއި 9،600 ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ އަދަބެކެވެ. އަދި ކުރިން ބަންދުގައި ހުރި މުއްދަތު އުނިކުރުމުން، ހަ ދުވަހުގެ ޖަލު ހުކުމް ވެސް ތަންފީޒު ކުރާކަށް ނުޖެހެ އެވެ.

މީގެކުރިން ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އެތަނުގެ މުވައްޒަފަކަށް ހަމަލާދިން ބިދޭސީއަކު ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.