Roadha Mihaaru

ކާރެއްގެ ދަށުވެ، މީހަކު މަރުވި މައްސަލާގައި ކުރި ދައުވާތަކަށް އިންކާރުކޮށްފި

ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ކާރު ދަށުވެ، މީހަކު މަރުވި މައްސަލާގައި ކާރު ދުއްވި މީހާގެ މައްޗަށް ދައުލަތުން ކުރާ ދެ ދައުވާއަށް އޭނާ މިއަދު އިންކާރުކޮށްފި އެވެ.

އެކްސިޑެންޓެއްގައި މީހަކު މަރުވުން: ދައުވާއަށް އިންކާރު
ނާޒިމް ހަސަން
ނާޒިމް ހަސަން

04 ފެބުރުއަރީ 2025

ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ކާރު ދަށުވެ، މީހަކު މަރުވި މައްސަލާގައި ކާރު ދުއްވި މީހާގެ މައްޗަށް ދައުލަތުން ކުރާ ދެ ދައުވާއަށް އޭނާ މިއަދު އިންކާރުކޮށްފި އެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ހުޅުމާލޭގައި ހުންނަ އުރީދޫ ބިލްޑިންގެ ހުޅަނގަށް އޮންނަ މަގުގައި ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެ އެކްސިޑެންޓްގައި، ސައިކަލްގައި ތިބި ބަންގްލަދޭޝް ދެ މީހުން ކަމުގައިވާ ޝެއިހް ޝުވައިބް އާއި މަސްއޫދު ރަނާ އަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އޭގެ ތެރެއިން ކާރު ދަށުވެގެން މަރުވީ ސައިކަލު ދުއްވަން އިން މަސްއޫދެވެ.

އެ މައްސަލާގައި، ކާރު ދުއްވަން އިން ކ. ކާށިދޫ ކެތި، މައުސޫމް ހަލީމްގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް އުފުލައިފަ އެވެ. އެގޮތުން މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި އަނިޔާއެއް ދިނުމުގެ ދައުވާ އާއި މުދަލަށް ގެއްލުން ދިނުމުގެ ދައުވާއެއް ދައުލަތުން ކުރެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނިގޮތުގައި ފަރުވާ ކުޑަ އަމަލަކުން މީހަކު މަރުވުމުގެ ދައުވާ އާއި އަނިޔާއެއް ދިނުމުގެ ދައުވާކުރީ ކާރުން ސިގްނަލް ނުދީ ގޯޅި އެޅި ވަގުތު، ކާރު އޯވަޓޭކް ކުރަން އުޅުނު ސައިކަލުގައި ޖެހި އެކްސިޑެންޓްވުމުން ކާރުގެ ދަށުގައި މަސްއޫދު ތާށިވެފައި އޮއްވާ އޭނާގެ ހަށިގަނޑު މަތިން ބާރު ސްޕީޑްގައި ކާރު ފަހަތަށް ޖެއްސުން އޭނާއަށް އަނިޔާ ވެފައިވާތީ އާއި އެ އަނިޔާތަކުގެ ސަބަބުން އޭނާ މަރުވެފައިވާތީ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި އަނިޔާއެއް ދިނުމުގެ ދައުވާއަށް މައުސޫމް ހަލީމް މިއަދު ވަނީ އިންކާރުކޮށްފަ އެވެ. އޭނާ އެ ދެ ދައުވާއަށް އިންކާރު ކުރާ ސަބަބެއް ކަމަށް ވަކީލް ވިދާޅުވީ އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ އޭނާ ކުރި އަމަލެއްގެ ސަބަބުން ކަމަށް ނުވާތީ، އެކަމުގެ ޖިނާއީ ޒިންމާ އޭނާ ނަގަން ނުޖެހޭނެތީ ކަމަށެވެ.

އެކްސިޑެންޓް ހިނގަން މެދުވެރިވީ ކާރު ސިގްނަލް ނޭޅުމުގެ ސަބަބުން ނޫން ކަމަށާއި އެ އެކްސިޑެންޓް ހިނގީ ސައިކަލް ނުބައި ފަޅިއަކުން ގޯޅި އެޅުމުގެ ސަބަބުން ކަމަށް ވަކީލް ވިދާޅުވި އެވެ.

އެމައްސަލާގައި އެހެން ކާރަކަށް ގެއްލުންތަކެއް ވެފައިވާތީ އެކަމާ ގުޅިގެން އުފުލާފައިވާ މުދަލަށް ގެއްލުން ދިނުމުގެ ދައުވާ ރިވިއު ކުރަމުންދާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެއީ އެ ކާރަށް ލިބުނު ގެއްލުންތަކަށްވާ ގިނަ ފައިސާ މައުސޫމް ދައްކާފައިވާ ކަމަށް އެ ކާރުގެ ވެރިމީހާ އެ އޮފީހަށް އަންގާފައިވާތީ އެވެ.

އެހެންވެ އެ ދައުވާއަށް ޖަވާބުދާރީވުން އެހެން ދުވަހަކަށް ގާޒީ ވަނީ ފަސް ކުރައްވައިފަ އެވެ.

ހުޅުމާލޭގައި އެކްސިޑެންޓްތައް އިތުރުވަމުންދާ މައްސަލާގައި ފުލުހުން ވަނީ ފިޔަވަޅުތަކެއް އަޅަން ފަށައިފަ އެވެ. ދާދިފަހުން ވެސް ނުރައްކާތެރި އެކްސިޑެންޓްތަކެއް މާލެ ސަރަހައްދުގައި ހިނގާފައިވާއިރު، ހުޅުމާލޭގައި ބާރު ސްޕީޑްގައި ދުއްވި ސްޕޯޓްސް ކާރެއްގައި ޖެހިގެން ޒުވާނަކު ވެސް މިދިޔަ އަހަރު ވަނީ މަރުވެފަ އެވެ.

އެ ކާރު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވާއިރު، މިދިޔަ އަހަރު ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއް ކޮންޓްރޯލް ނުވެ މީހެއްގެ ގައިގާ ޖެހުނު މައްސަލައެއްގައި ވެސް ތިން މީހަކު ހައްޔަރުކޮށް ދައުވާ އުފުލާފައިވެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ހެނދުނު ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ވެސް ބިދޭސީއަކު މަރުވެފައިވެ އެވެ. އެ އެކްސިޑެންޓްގައި ނިޔާވި މީހާ ވެއްޓިފައި އޮއްވާ އެމީހާގެ ގައި މަތިން އެހެން ސައިކަލެއް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ އާންމުވެފަ އެވެ.