ހުޅުމާލޭގައި ބާރު ސްޕީޑްގައި ދުއްވި ސްޕޯޓްސް ކާރަކުން ޖެހި މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލާގައި ކާރު ދުވި އިބްރާހިމް އިކްރާމްގެ މައްޗަށް ތިން މަހުގެ ޖަލު ހުކުމެއް އިއްވައި، 70،000ރ. އިން ޖޫރިމަނާކޮށްފި އެވެ.
12 ޖެނުއަރީ 2025
ހުޅުމާލޭގައި ބާރު ސްޕީޑްގައި ދުއްވި ސްޕޯޓްސް ކާރަކުން ޖެހި މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލާގައި ކާރު ދުވި އިބްރާހިމް އިކްރާމްގެ މައްޗަށް ތިން މަހުގެ ޖަލު ހުކުމެއް އިއްވައި، 70،000ރ. އިން ޖޫރިމަނާކޮށްފި އެވެ.
ހުޅުމާލޭގެ ދެވަނަ ފޭސްގައި މިދިޔަ އަހަރުގެ ޖުލައި މަހު ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއް ކޮންޓްރޯލް ނުވެ ގޮސް، މަގުމަތީގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހި އެ މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އެ މައްސަލާގައި ހައްޔަރުކުރީ ކާރު ދުއްވަން އިން މ. ލޭންޑް އޮފް ގާޑެން އިބްރާހިމް އިކްރާމާއި ކާރުގައި އެވަގުތު ތިބި ހ. ނޫރަންމާގެއާގޭ އިކްރާމުއްރަހްމާނާއި ގއ. ކަނޑުހުޅުދޫ އާޒާދުގޭ ޖިނާހު އިސްމާއިލް އެވެ. އެ ކާރަކީ ޖިނާހުގެ ބެލުމުގެ ދަށުގައި އޮތް ކާރެކެވެ.
މި މައްސަލާގައި އިކްރާމް ވަނީ އޭނާގެ މައްޗަށް އުފުލި ދައުވާތަކަށް އިއުތިރާފުވެ، ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފަ އެވެ. އެހެންވެ، އޭނާގެ މައްޗަށް އަވަސް ނިޔާގެ ދަށުން ހުކުމް ކުރަން މިއަދު ކްރިމިނަލް ކޯޓުން އަޑުއެހުމެއް ބޭއްވި އެވެ.
އެ އަޑުއެހުމުގައި އިކްރާމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އަދަބެއްގެ ގޮތުން އިއްވީ ތިން މަހުގެ ޖަލު ހުކުމެކެވެ. އަދި ޖޫރިމަނާގެ ގޮތުގައި 70،000ރ. ދައްކަން ހުކުމްކުރި އެެވެ.
މި މައްސަލައިގެ ބަންދުގައި އިކްރާމް ތިން މަހަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާތީ، ހުކުމްގެ ދަށުން އިކްރާމް ބަންދުގައި ހުންނާކަށް ނުޖެހޭނެ އެވެ.
މިއަދުގެ އަޑުއެހުމުގައި އިކްރާމް އަދި ދައުލަތުން ވެސް ބުނެފައިވާ ގޮތުގައި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް 118،000ރ. މިހާތަނަށް އިކްރާމް ވަނީ ދައްކައިފަ އެވެ.
އިކްރާމްގެ މައްޗަށް ކުރި ދައުވާ އާއި އިއްވި އަދަބު:
- މީހަކު ފަރުވާލެއް ނެތި ކުރާ އަމަލެއްގެ ސަބަބުން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުމުގެ ކުށުގެ ދައުވާ: ތިން މަސް ދުވަހަށް ޖަލަށްލުމާ އެކު 19،200ރ. އަށް މަސް ތެރޭ ދައްކަން
- އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ: ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކޮށް 44،800ރ. އަށް މަސް ތެރޭ ދައްކަން
- އެކްސިޑެންޓްވުމުން އެ ކަމުގެ ރިޕޯޓް ނުކުރުމުގެ ކުށުގެ ދައުވާ: 5،400ރ. ޖޫރިމަނާގެ ގޮތުގައި އަށް މަސް ތެރޭ ދައްކަން
- އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ: 600ރ. އަށް މަސް ތެރޭ ދައްކަން
- މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދެ ދައުވާ: ބޭސްފަރުވާއަށް 24،000ރ. އަދި ސައިކަލަށް ލިބުނު ގެއްލުންތަކަށް 95،000ރ. އިކްރާމް ދައްކާފައިވާތީ ދެ ދައުވާ އަނބުރާ ގެންދިޔަ
އެކްސިޑެންޓާ ގުޅިގެން އިކްރާމް ދައުވާއަށް އިއުތިރާފްވީ ނަމަވެސް، އަނެއް ދެ މީހުން ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. ދައުލަތުން ވަނީ އެ ދެ މީހުންނާ ދެކޮޅަށް ހެކި ވެސް ހުށަހަޅައިފަ އެވެ.
އިކްރާމުއްރަހްމާންގެ މައްޗަށް ކުރަނީ އަނިޔާއެއް ދިނުމުގައި ބައިވެރިވުމުގެ ދައުވާ އާއި އެކްސިޑެންޓްވުމުން ރިޕޯޓް ނުކުރުމުގެ ދައުވާ އާއި އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީ ފޯރުކޮށް ނުދިނުމުގެ ދައުވާ އާއި ފަރުވާލެއް ނެތި ކުރާ ކަމަކުން އެހެން މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތި ކުރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ދެ ދައުވާ އެކެވެ.
ޖިނާހުގެ މައްޗަށް ކުރަނީ ހަތަރު ދައުވާއެކެވެ. އެއީ އަނިޔާއެއް ދިނުމުގައި ބައިވެރިވުމުގެ ދައުވާއަކާއި ފަރުވާލެއް ނެތި ކުރާ ކަމަކުން އެހެން މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތި ކުރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ދެ ދައުވާއެކެވެ.
އެ މައްސަލާގައި ތިން މީހުން ވެސް ހައްޔަރުކުރީ އެކްސިޑެންޓް ހިނގުމުން އެ ސަރަހައްދު ދޫކޮށް ދިޔަ ފަހުންނެވެ. އޭގެ ތެރެއިން އިކްރާމް ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ހުއްޓައި ހައި ކޯޓުން އޭނާ ކުރިން ދޫކޮށްލި އެވެ. ނަމަވެސް ފަހުން އެހެން އަމުރެއްގެ ދަށުން އޭނާ ވަނީ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފަ އެވެ.
އެކްސިޑެންޓެއްގައި މީހަކު މަރުވުން: ދައުވާއަށް އިންކާރު
މަސްތުވާ ކަމަށް އެއްބަސް، ދައުވާތަކަށް އިންކާރު
ސްޕޯޓްސް ކާރު ދުއްވި އިކްރާމް ދައުވާތަކަށް އިއުތިރާފް
ކާރެއްގެ ދަށުވެ،މީހަކު މަރުވި މައްސަލާގައި ދައުވާކޮށްފި
ސްޕޯޓްސް ކާރު އެކްސިޑެންޓާ ގުޅިގެން ގިނަ ދައުވާތަކެއް
އެކްސިޑެންޓް މައްސަލާގައި ތިން މީހުން ވެސް ބަންދަށް
ހަފީޒަށް އަނިޔާވި އެކްސިޑެންޓް: ދުއްވި މީހާ ޖަލަށް
ހަފީޒުގެ އެކްސިޑެންޓުގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި
ލޮލުގެ ފެނުން ގެއްލުނު އެކްސިޑެންޓް: އައީ ޖޫރިމަނާއެއް
ކުއްޖަކު މަރުވި އެކްސިޑެންޓް: އެއް މިލިއަންގެ ދިޔައެއް