Roadha Mihaaru
ހަފީޒުގެ އެކްސިޑެންޓުގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި

ހަފީޒުގެ އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހާ ވެހިކަލް ނުދުއްވަން ޝަރުތުކޮށް ދޫކޮށްލައިފި

03 އޯގަސްޓް 2023

ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ އަލީ ހަފީޒްގެ އެކްސިޑެންޓާ ގުޅިގެން ހައްޔަރު ކުރި މީހާ ވެހިކަލް ނުދުއްވަން ޝަރުތުކޮށް އިއްޔެ ބަންދުން ދޫކޮށްލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ އަލީ ހަފީޒްގެ އެކްސިޑެންޓާ ގުޅިގެން ހައްޔަރު ކުރި މީހާ ވެހިކަލް ނުދުއްވަން ޝަރުތުކޮށް އިއްޔެ ބަންދުން ދޫކޮށްލައިފި އެވެ.

އެ މައްސަލާގައި ހައްޔަރުކުރީ ލެގޫން ވިއު، ރ. އިނގުރައިދޫ، ޝަމްއާން އަބްދުލްޝަކޫރު، 22 އެވެ.

މިދިޔަ މަހުގެ 19ގައި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ދިން 15 ދުވަސް ހަމަވީ އިއްޔެ އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން އެ މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ނިންމެވީ، ފުލުހުންގެ އެދުމާ އެއްގޮތަށް ޝަރުތުކޮށްފައި އޭނާ ދޫކޮށްލުމަށެވެ.

އެނގިފައިވާ ގޮތުގައި، ވެހިކަލް ނުދުއްވުމުގެ އިތުރުން އޭނާގެ މައްޗަށް ޝަރުތުކުރީ ފުލުހުން އަންގާ ގަޑިއެއްގައި ތަހުގީގަށް ހާޒިރުވުމަށާއި މާލެއިން ބޭރަށް ދަތުރުކުރާ ނަމަ ލިޔުމުން ހުއްދަ ހޯދައިގެން ނޫނީ ނުދިއުމަށެވެ.

އެ ޝަރުތުތަކަށް އޭނާ ވަނީ ކޯޓުގައި އެއްބަސްވެފަ އެވެ.

ވެހިކަލް ނުދުއްވަން ޝަރުތުކުރި އިރު، އޭނާ އަކީ އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސަން ވެސް އޮންނަ މީހެއް ނޫނެވެ.

ހަފީޒް އެކްސިޑެންޓުވީ އޭނާ ފަތިސް ނަމާދުން ފައިބައިގެން މަޖީދީ މަގު ހުރަސް ކުރައްވަނިކޮށް މަގުމަތިން ބާރު ސްޕީޑުގައި ދުއްވި، ޝަމްއާން އަބްދުއްޝަކޫރުގެ ސައިކަލުން ޖެހި އެވެ.

ހަފީޒްގެ ހާލު ސީރިޔަސްވެ ފުރާނައަށް ނުރައްކާވިއިރު، ޝަމްއާން އަބްދުއްޝަކޫރު ހައްޔަރުނުކޮށް ދޫކޮށްލާފައި ހުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ފުލުހުން ވަނީ އޭނާ ހައްޔަރުކޮށް މައްސަލައިގެ ތަހުގީގު ފަށައިފަ އެވެ.

އޭނާ ފުރަތަމަ ފަހަރަށް ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ކޯޓުގައި ބުނީ ސައިކަލު އަންނަ ތަން ފެނިގެން ހަފީޒް "ޕެނިކް ވެގެން ސައިކަލާ ދިމާލަށް ދުއްވައިގަތީ" ކަމަށެވެ.

ހަފީޒަށް އަންނަނީ އިންޑިއާގައި ފަރުވާދެމުންނެވެ. އެންމެ ފަހުން އޭނާގެ އާއިލާ އިން މައުލޫމާތު ދިން ގޮތުގައި ދެ ސާޖަރީއަކަށް ފަހު މިހާރު އޭނާ ވެންޓިލޭޓަރުން ވަނީ ނަގައިފަ އެވެ.