Roadha Mihaaru
އެކްސިޑެންޓް މައްސަލާގައި ތިން މީހުން ވެސް ބަންދަށް

އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދަށް، އެކަކު 15 ދުވަހަށް ބަންދު

01 އޯގަސްޓް 2024

ހުޅުމާލެ 2 ގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓަށްފަހު، އެ އެކްސިޑެންޓްވި ސްޕޯޓްސް ކާރުގައި ތިބި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށް، ތިން ވަނަ މީހާ 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހުޅުމާލެ 2 ގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓަށްފަހު، އެ އެކްސިޑެންޓްވި ސްޕޯޓްސް ކާރުގައި ތިބި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށް، ތިން ވަނަ މީހާ 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފި އެވެ.

އެ އެކްސިޑެންޓް ހިނގީ ވިނަރެސް ފްލެޓު ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއް ކޮންޓްރޯލުން ނެއްޓި، އެ މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެންނެވެ.

އެ މައްސަލާގައި ހައްޔަރުކުރީ ހ. ނޫރަންމާގެއާގޭ އިކްރާމުއްރަހުމާނާއި މ. ލޭންޑްއޮފްގާޑަން އިބްރާހިމް އިކްރާމް އަދި ގއ. ކަނޑުހުޅުދޫ އާޒާދުގޭ ޖިނާހް އިސްމާއިލެވެ. އެއީ އެކްސިޑެންޓްވިއިރު ކާރުގައި ތިބި މީހުންނެވެ.

އޭގެ ތެރެއިން އިކްރާމުއްރަހްމާނާއި އިބްރާހިމް އިކްރާމްގެ ބަންދާ މެދު ގޮތެއް ނިންމަން ގެންދިޔައީ ކްރިމިނަލް ކޯޓަށެވެ. ކޯޓުން ވަނީ އެ ދެ މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ. އަނެއް މީހާ ގެންދިޔައީ ހުޅުމާލެ ކޯޓަށެވެ. އެ ކޯޓުން ނިންމީ އޭނާ 15 ދުވަހަށް ބަންދު ކުރުމަށެވެ.

ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ވީޑިއޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓުވުމުން ކާރުގައި ތިބި ދެ މީހުން ވެސް ކާރުން ފައިބައިގެން ގޮސް އަނިޔާވެފައި އޮތް މީހާ ކައިރީގައި މަޑުކުރެ އެވެ. އޭގެ އިރުކޮޅެއް ފަހުން ކާރު ދުއްވަން އިން މީހާ އެހެން މީހެއްގެ ސައިކަލު ފަހަތަށް އަރައިގެން އެކްސިޑެންޓް ހިނގި ސަރަހައްދުން ފިލައިގެން ދާ މަންޒަރު އެހެން ވީޑިއޯއަކުން ފެނެ އެވެ. ނަމަވެސް ފަހުން އެތަނުގައި ތިބުމަށްފަހު އެ މީހުން ފިލީ އެވެ. ނަމަވެސް ރޭ ފުލުހުން ވަނީ އެ މީހުން ހޯދައި ހައްޔަރު ކޮށްފަ އެވެ.

ހުޅުމާލޭގައި ކާރުން ޖެހި އެކްސިޑެންޓް ހިނގާފައި. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ހުޅުމާލޭގައި ކާރުން ޖެހި އެކްސިޑެންޓް ހިނގާފައި. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އެކްސިޑެންޓުގައި ކާރުން ޖެހުނުލެއް ބާރުކަމުން، ސައިކަލުގައި އިން މީހާ ވެއްޓެނީ ވިއްސައިގެން ގޮސް އެނބުރެމުން ގޮހެވެ. ސައިކަލްގެ މަޑި އާއި އެކި ބައިތައް ވެސް މާ ދުރަށް ބުރައިގެން ދިޔަ މަންޒަރު، ސީސީޓީވީ ފުޓޭޖުން ފެނެ އެވެ. ނަމަވެސް އައިޖީއެމްއެޗުގައި އޭނާ އޮތީ ސްޓޭބަލް ހާލަތެއްގައި ކަމަށް އެ ހޮސްޕިޓަލުން ރޭ ވަނީ ބުނެފަ އެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓުވި ކާރަކީ މާލެ ޒޯންގައި ދުއްވަން ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ވެސް ނޫނެވެ. ކާރުގެ ނަންބަރު ޕްލޭޓްގައި އިނީ ބީ ޒޯން [ނުވަތަ ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކުގައި] ދުއްވަން ރަޖިސްޓްރީކޮށްފަ އެވެ.