Roadha Mihaaru

ފުލުހުންނަށް ނާންގާ ކޯޓަށް ދާތީ ލަމްހާ ޖަލަށް ބަދަލުކުރަން ދައުލަތުން އެދެފި

އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ފުލުހުންނަށް ނާންގާ ކޯޓުތަކަށް ހާޒިރުވާ ކަމަަށާއި އަދި އެއީ އޭނާ ގޭބަންދަށް ބަދަލުކުރަން ނެރުނު އަމުރުގެ ޝަރުތާ ހިލާފުވުން ކަމަށް ބުނެ އޭނާ ޖަލަށް ބަދަލުކުރަން ދައުލަތުން މިއަދު އެދެފި އެވެ.

ފުލުހަށް ނާންގާ ކޯޓަށްދާތީ ލަމްހާ ބަންދުކުރަން އެދެފި
ނާޒިމް ހަސަން
ނާޒިމް ހަސަން

29 ޖެނުއަރީ 2025

އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ފުލުހުންނަށް ނާންގާ ކޯޓުތަކަށް ހާޒިރުވާ ކަމަަށާއި އަދި އެއީ އޭނާ ގޭބަންދަށް ބަދަލުކުރަން ނެރުނު އަމުރުގެ ޝަރުތާ ހިލާފުވުން ކަމަށް ބުނެ އޭނާ ޖަލަށް ބަދަލުކުރަން ދައުލަތުން މިއަދު އެދެފި އެވެ.

އޮކްޓޫބަރު، 2021 ގައި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ލަމްހާގެ މައްޗަށް ކުރާއިރު، ލަމްހާ މިދިޔަ އަހަރުގެ ނޮވެންބަރު މަހު ކްރިމިނަލް ކޯޓުން ވަނީ ޝަރުތުތަކާ އެކު ގޭބަންދަށް ބަދަލުކޮށްފަ އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ލަމްހާގެ ބަންދު މުރާޖައާ ކުރަން އަޑުއެހުމެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އެ އަޑުއެހުމުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ވަކީލާ އައިމިނަތު ޝާމާ ވިދާޅުވީ ޖަލުގައި ހުރިއިރު ގައިދީއަކަށް ލަމްހާ ބިރު ދެއްކި މައްސަލައެއްގެ ތުހުމަތު ވެސް އޭނާގެ މައްޗަށް މިހާރު އެބަ އޮތް ކަމަށާއި އެހެންކަމުން، އޭނާއަކީ ޖަލު ބަންދުގައި ހުންނަން ޖެހޭނެ މީހެއް ކަމަށް ދައުލަތުން ގަބޫލުކުރާ ކަމަށެވެ.

ލަމްހާ ގޭބަންދަށް ބަދަލުކުރަން ނެރުނު އަމުރުގައި ގެއިން ބޭރަށް ދާނަމަ، ފުލުހުންނަށް އަންގަން ޖެހޭނެ ކަމަށް ބުނާ ޝަރުތާ އޭނާ ހިލާފުވެފައިވުމަކީ ވެސް ބަންދާ މެދު އަލުން ގޮތެއް ކަނޑައަޅަން ޖެހޭ ކަމެއް ކަމަށް ވަކީލާ ވިދާޅުވި އެވެ. ވަކީލާ ވިދާޅުވި ގޮތުގައި މި ހަފުތާގެ ހޯމަ ދުވަހު ހައި ކޯޓުގައި އޮތް އަޑުއެހުމަށް އަދި މިއަދު ކްރިމިނަލް ކޯޓަށް ވެސް ލަމްހާ ދިޔައީ ފުލުހުންނަށް އެންގުމެއް ނެތި އެވެ.

އެކަމާ ގުޅިގެން ލަމްހާގެ ވަކީލް އަހުމަދު ޔާމީން ވިދާޅުވީ ލަމްހާ އަމިއްލަ ކަމެއްގައި ގެއިން ބޭރަށް ދާން ފުލުހުންގެ ހުއްދައަށް އެދުނު ކަމަށާއި ނަމަވެސް، ކޯޓަށް ދިއުމަށް ފުލުހުންނަށް އަންގާފައި ނުވަނީ ކޯޓަށް ހާޒިރުވުމަކީ ލަމްހާގެ މައްޗަށް އޮތް އަމުރަކަށް ވާތީ ކަމަށެވެ. އަދި އެ ހާލަތުގައި ލަމްހާ އިސްވެ ފުލުހުންނަށް އަންގަން ޖެހޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް ވަކީލް ޔާމީން ވިދާޅުވި އެވެ.

ލަމްހާ ގެއިން ބޭރަށް ނުކުތީ ކޯޓަށް ދިޔުމަށް ކަމަށާއި އޭނާ ކޯޓަށް ދިޔައީ މާލެ ވަށައި ދުއްވާފައި ނޫންކަން ވެސް ދިފާއީ ވަކީލް ފާހަގަ ކުރެއްވި އެވެ. އަދި އޭނާއާއެކު އާއިލާގެ މެންބަރުން ވެސް ކޯޓަށް އައި ކަމަށާއި އެހެންކަމުން ލަމްހާގެ ނިޔަތަށް ބަލަން ޖެހޭނެ ކަމަށް ވަކީލް ވިދާޅުވި އެވެ. ވަކީލް ވިދާޅުވީ ލަމްހާ ކޯޓަށް ހާޒިރުވާން ޖެހޭނަމަ، އެކަން ބަލައި އެ އިންތިޒާމް ހަމަޖެއްސުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ.

އެ މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒް ރަޝާދު ނިންމެވީ ގޭބަންދުގެ އަމުރުގެ ޝަރުތަކާ ލަމްހާ ހިލާފުވެފައިނުވާ ކަމަށެވެ. އެއީ އެ އަމުރުގައި ލަމްހާ ގެއިން ބޭރަށް ނުކުންނަ ނަމަ، ފުލުހަށް އަންގަންވާނެ ކަމަށް ބަޔާން ކުރާއިރު، އެހެން ޝަރުތެއްގައި ކޯޓަށް ހާޒިރުވާން ޖެހޭނެ ކަމަށް ބަޔާން ކޮށްފައިވާތީ އެވެ. އެކަމުން ލަމްހާ ފުލުހުންނަށް އަންގަން ޖެހޭނީ ކޯޓަށް ހާޒިރުވުން ފިޔަވައި އެހެން ކަންކަމުގައި ގެއިން ބޭރަށް ދާނަމަ ކަމަށް ގާޒީ ވިދާޅުވި އެވެ.

ނަމަވެސް، ގާޒީ ވަނީ އެ މާއްދާގެ އިބާރާތް ބަދަލުކުރަން ދައުލަތުން ބޭނުންވޭތޯ ސުވާލު ކުރައްވައިފަ އެވެ. އަދި ދައުލަތުން އެދުނީ ކޯޓަށް ހާޒިރުވާން ވެސް ފުލުހުންގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ބަދަލު ކުރުމަށެވެ. އެހެންވެ، ގާޒީ ވަނީ އެގޮތަށް އަމުރުގެ އިބާރާތް ބަދަލު ކުރައްވައިފަ އެވެ.

އެ އަމުރާ ގުޅޭ މައްސަލަ ހައި ކޯޓުން ވެސް މިހާރު ދަނީ ބަލަމުންނެވެ. ލަމްހާ ޖަލަށް ބަދަލުކޮށްދޭން ދައުލަތުން ހައި ކޯޓުގައި އެދިފައިވާއިރު، އެ މައްސަލާގައި ދެން އޮންނާނީ ހުކުމް އިއްވުމެވެ.

އެ މައްސަލާގައި މޭރީ މަރާލިކަމުގެ ދައުވާ ލިބޭ އޭނާގެ ފިރިމީހާ މާވިން އެސްވައި އާއި ލަމްހާގެ ޝަރީއަތުގެ އަޑުއެހުމެއް ވެސް މިއަދު އޮތެވެ. އެ އަޑުއެހުމަކީ ދައުލަތުން ހުށަހެޅި ހެއްކެއްގެ ހެކިބަސް ނަގަން ތާވަލުކުރި އަޑުއެހުމެއް ނަމަވެސް ދައުލަތުން ވަނީ އެ ހެކިވެރިޔާގެ ހެކިބަސް ނަގަން ބޭނުން ނުވާ ކަމަށް ބުނެފަ އެވެ. ދައުލަތުން ބުނިގޮތުގައި ޕޯސްޓްމޯޓަމް ސެޓްފިކެޓް ތައްޔާރުކުރި ވަގުތު އެތަނުގައި ހުރި ޑޮކްޓަރަކާއި އެ މައްސަލަ ތަހުގީގުކުރި ފުލުހުންގެ ދެ އޮފިސަރުންގެ ހެކިބަސް ނަގަން ބޭނުމެއް ނުވެ އެވެ.

ސަބަބެއްގެ ގޮތުގައި ދައުލަތުން ބުނީ އެ ހެކިވެރިންގެ ހެކިބަސް މިހާރު މުހިންމު ނުވާތީ އާއި ދައުލަތުން ސާބިތު ކުރަން ބޭނުންވާ ކަންކަން ސާބިތުކޮށްދެވޭ މިންވަރަށް ހެކިބަސް ލިބިފައިވުމެވެ. ދެން އެ މައްސަލާގައި އޮންނާނީ ދިފާއީ ހެކިވެރިންގެ ހެކިބަސް ނެގުމެވެ. އެކަމަށް އަންނަ މަހަށް އަޑުއެހުންތަކެއް ވަނީ ތާވަލުކޮށްފަ އެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލްގައި ނަރުހެއްގެ ގޮތުގައި ވަޒީފާ އަދާކުރަމުންދިޔަ ފިލިޕީންސްގެ ރައްޔިތެއް ކަމަށްވާ މޭރީ އަމިއްލައަށް ދަންޖެހިގެން މަރުވި ކަމަށް މާވިން ފުރަތަމަ ބުނި ނަމަވެސް، އެއީ ގަސްތު މަރެއްކަން ފަހުން ހާމަވުމުން މާވިން މައްޗަށް ދައުވާ ކޮށްފައި، ވާއިރު ލަމްހާގެ މައްޗަށް ތިން ދައުވާއެއް ކުރެ އެވެ.

ލަމްހާ: އޭނާގެ ގޭބަންދަށް ބަދަލެއް ނުގެންނަން ކްރިމިނަލް ކޯޓުން ނިންމި

ލަމްހާ: އޭނާގެ ގޭބަންދަށް ބަދަލެއް ނުގެންނަން ކްރިމިނަލް ކޯޓުން ނިންމި

މާވިންގެ ލޯބިވެރިޔާ ކަމަށް ބުނާ ލަމްހާގެ މައްޗަށް ކުރަނީ؛

● އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުން

● އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުން

● ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުން

ދައުވާތަކަށް ލަމްހާ އަދި މާވިން ވެސް އިންކާރުކޮށްފައި ވާއިރު، ދައުލަތުން ވަނީ އެ މައްސަލަ ސާބިތު ކުރަން ގިނަ އަދަދެއްގެ ހެކި ހުށަހަޅައިފަ އެވެ. އެގޮތުން ޖުމްލަ 110 ހެއްކެއް ދައުލަތުން ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި 74 ހެކިވެރިން ހިމެނެ އެވެ.

މޭރީ މަރުވި ގޮތާ ބެހޭގޮތުން މާވިން އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކާފައިވާކަން ފާހަގަކޮށް ދައުލަތުން ބުނީ، މޭރީ ދަންޖެހުނު ކަމަށް ބެލެވޭ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އަދި މޭރީ ދަންޖެހިގެން މަރުވި ކަމަށް ދައްކަން ސީންއެއް އުފެއްދި ކަމަށް ވެސް ދައުލަތުން ބުނެފައިވެ އެވެ. ނަމަވެސް، އޭނާ މަރުވެފައި ވަނީ ބޮލަށާއި ކަރަށް ދިން ހަމަލާތަކުންކަން ޕޯސްޓްމޯޓަމްއިން ހާމަވެފައިވާ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އެ މައްސަލާގައި ބޮޑެތި ތުހުމަތުތަކެއް އަމާޒުވާ ލަމްހާ ގޭބަންދަށް ބަދަލުކޮށްފައި ވާއިރު، މާވިން އަދިވެސް ހުރީ ޖަލު ބަންދުގަ އެވެ.