Roadha Mihaaru
މޭރީ މަރު:ހެކިބަސް ލަސްވުމުން ވަކީލުންގެ ކަންބޮޑުވުން

މޭރީގެ މަރު: ހާރިޖީ އާ އުސޫލެއްގެ ސަބަބުން މުހިންމު ހެކިބަސްތަކެއް ލަސްވެ، ވަކީލުންގެ ކަންބޮޑުވުން

10 ޖޫން 2024

ރާއްޖޭގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ރާއްޖެއިން ބޭރުގައި ތިބި ބޭރުގެ މުހިންމު ހެކިވެރިންތަކެއްގެ ހެކިބަސް ނެގުމުގައި ހާރިޖީ އާ އުސޫލެއްގެ ސަބަބުން ލަސްތަކެއް ކުރިމަތިވުމުން ދިފާއީ ވަކީލުން ކްރިމިނަލް ކޯޓުގައި މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ރާއްޖެއިން ބޭރުގައި ތިބި ބޭރުގެ މުހިންމު ހެކިވެރިންތަކެއްގެ ހެކިބަސް ނެގުމުގައި ހާރިޖީ އާ އުސޫލެއްގެ ސަބަބުން ލަސްތަކެއް ކުރިމަތިވުމުން ދިފާއީ ވަކީލުން ކްރިމިނަލް ކޯޓުގައި މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އޮކްޓޫބަރު، 2021 ގައި މޭރީ މަރުވި މައްސަލާގައި އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް މީހަކު މެރުމުގެ ދައުވާ ކުރާއިރު، އައިޖީއެމްއެޗްގެ ނަރުހެއް ކަމަށްވާ ލަމްހާގެ މައްޗަށް ދައުލަތުން ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. ދައުލަތުން ތުހުމަތު ކުރާގޮތުން މާވިން އާއި ލަމްހާ ލޯބީގެ ގޮތުން ގުޅިގެން އުޅެމުން އެ ދެ މީހުން ރާވައިގެން މޭރީ މަރާލީ އެވެ. އަދި ހޮސްޕިޓަލް ނޫން ތަނެއްގައި ބޭނުން ނުކުރެވޭނެ ބޭސްތަކެއް ލަމްހާގެ ގޭގައި ގެންގުޅުނު ކަމަށް ބުނެ އިތުރު ދެ ދައުވާއެއް ވެސް އޭނާގެ މައްޗަށް ކުރެ އެވެ.

އެ މައްސަލާގައި 15 ހެއްކެއްގެ ހެކިބަސް އަދިވެސް ނުނެގި އެބައޮތެވެ. އޭގެ ތެރޭގައި އެ މައްސަލާގައި މުހިންމު ރިޕޯޓްތަކެއް ތައްޔާރުކުރި ޑޮކްޓަރުން ވެސް ހިމެނޭތީ، ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އެ ޑޮކްޓަރުންގެ ހެކިބަސް ނުނެގި އޮތީ އެ މީހުންނަކީ އިންޑިއާގައި ތިބި އެ ގައުމުގެ ރައްޔިތުންތަކެއް ކަމަށްވާތީ މިހާރު އަމަލުކުރާ އުސޫލުތަކުގެ ދަށުން އޭގެ ކުރިން އިންޑިއާ ސަރުކާރުގެ ހުއްދަ ވެސް އެކަމަށް ހޯދަން ޖެހޭތީ އެވެ.

ދައުލަތުން ބުނިގޮތުގައި ކުރިން ރާއްޖެއިން ބޭރުގައި ތިބޭ ހެކިވެރިންގެ ހެކިބަސް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ރާއްޖޭގެ އެމްބަސީއަކަށް ހާޒިރުކޮށްގެން ނެގުނަސް، މިހާރު އޮންނަ އުސޫލަކީ އެމްބަސީ އަށް ހާޒިރު ކުރުމުގެ ކުރިން އެ ގައުމެއްގެ ސަރުކާރުގެ ހުއްދަ ވެސް ހޯދަން ޖެހުމެވެ. އެހެންވެ، މޭރީގެ މައްސަލާގައި ވެސް އެކަމުގައި ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ދައުލަތުން ބުންޏެވެ.

ލަމްހާ

ލަމްހާ

ލަމްހާގެ ވަކީލުން ބުނީ ދައުލަތުން ހަމަޖައްސަން ޖެހޭ އިންތިޒާމެއް ހަމަނުޖެއްސޭތީ މައްސަލަ ލަސްވެ، ލަމްހާ އެތައް ދުވަހެއް ވަންދެން ބަންދުގައި ހޭދަކުރަން ޖެހިފައިވާ ކަމަށެވެ. އެހެންވެ، ޑޮކްޓަރުން ރާއްޖޭގެ އެމްބަސީ އަށް ހާޒިރު ކުރުމުގައި ދަތިވާ ނަމަ އެ މީހުންގެ ހެކިބަސް ނެގުމަށްޓަކައި އެ މީހުން ރާއްޖެ ގެނައުމަކީ ވެސް ދައުލަތަށް ކުރެވިދާނެ ކަމެއް ކަމަށް ވަކީލުން ބުންޏެވެ. އަދި ހެކިބަސް ނަގަން އޮންނަ ދުވަހު ޓިކެޓް ދީގެން ކަމަށް ވިޔަސް، ހެކިން ގެނައުމަކީ ދައުލަތުން ކުރަންޖެހޭ ކަމެއް ކަމަށް ވަކީލުން ބުންޏެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދިނީ އައިޖީއެމްއެޗްގައި މޭރީ އަދި މާވިންއާ އެކު މަސައްކަތްކުރި ދެ ނަރުހުންނެވެ. އެ ދެ ނަރުހުން ވެސް ބުނީ މޭރީ މަރުވިކަމުގެ މައުލޫމާތު ލިބިގެން ހޮސްޕިޓަލަށް ދިޔައިރު، މޭރީގެ ހަށިގަނޑު ފެނުނު ކަމަށެވެ. އޭރު މޭރީގެ މޫނު އޮތީ ނޫފައިގެންފައި ކަމަށް އެ ދެ ނަރުހުން ބުންޏެވެ.

އެ ދެ ނަރުހުން ވެސް ބުނިގޮތުގައި އޭރު އެތަނުން މާވިން ވެސް ފެނުނެވެ. އަދި އޭގެ ތެރެއިން އެކަކު ބުނީ މާވިން އޭރު ލައިގެން ހުރި ޓީޝާޓު ތެމިފައި ހުރިކަން ފާހަގަ ކުރެވުނު ކަމަށެވެ.

މީގެ އިތުރުން ދައުލަތުން ވަނީ އެ މައްސަލާގައި ބާކީ ތިބި ހެކިންގެ ތެރެއިން ހަތަރު މީހެއްގެ ހެކިބަސް ނުނަގަން ދައުލަތުން ވަނީ ނިންމައިފަ އެވެ. އެއީ ޑީއެންއޭ ރިޕޯޓް ހެދި ފުލުސް މީހާ އާއި މޭރީގެ ސީޓީ ސްކޭން ހެދި މީހާގެ ހެކިބަހާއި މޭރީގެ ލޭގެ ތަހުލީލު ރިޕޯޓް ހެދި މީހާގެ އިތުރުން މާވިންގެ މަންމަ އެވެ. އެ މީހުންގެ ހެކިބަސް ނުނަގަން ނިންމީ ބައެއް މީހުންގެ ފަރާތުން އެ މައްސަލާގައި އެއްވެސް ކަމެއް ސާބިތު ކުރެވޭނެ ކަމަށް ނުބެލެވޭތީ ކަމަށާއި އަދި ދެން ތިބި މީހުންގެ ރާއްޖޭގައި ނެތުމުން ދައުލަތުން ބުންޏެވެ.

އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ އެ މައްސަލާގެ ހެކިބަސް ނެގުމުގެ މަރުހަލާ އަންނަ މަހު ނިންމާލަން މަސައްކަތް ކުރައްވާނެ ކަމަށެވެ.