Roadha Mihaaru
ލިޓަން މަރާލީ ފައިސާގެ ބޭނުމުގައި: ދައުލަތް

ލިޓަން މޫދަށް ވައްޓާލައިގެން މަރާލީ ފައިސާގެ ބޭނުމުގައި: ދައުލަތް

17 ޖުލައި 2024

ބޯޓެއްގައި މަސައްކަތް ކުރަމުން ދަނިކޮށް ގެއްލިފައިވާ ބިދޭސީއެއް ކަމަށްވާ މުހައްމަދު ލިޓަން މަރާލާފައިވާ ކަމަށާއި އެކަން ކުރީ އޭނާގެ އަތުގައި ހުރި ފައިސާތަކުގެ ބޭނުމުގައި ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބޯޓެއްގައި މަސައްކަތް ކުރަމުން ދަނިކޮށް ގެއްލިފައިވާ ބިދޭސީއެއް ކަމަށްވާ މުހައްމަދު ލިޓަން މަރާލާފައިވާ ކަމަށާއި އެކަން ކުރީ އޭނާގެ އަތުގައި ހުރި ފައިސާތަކުގެ ބޭނުމުގައި ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

ޑިސެމްބަރު، 2022 ގައި ވިލިމާލެއިން ފުރި ތެޔޮ ބޯޓެއްގައި ހުރި ބަންގްލަދޭޝަށް ނިސްބަތްވާ ލިޓަނާއި ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމް ބޯޓާ އެކު ގެއްލިފައި ވަނިކޮށް އެ ބޯޓު ފަހުން ފެނުނީ އޮޔާ ދަނިކޮށެވެ. އަދި ފަހުން ނިޒާމް މާލެއިން ފެނުނަސް، ލިޓަން ފެނިފައެއް ނުވެ އެވެ.

އެ މައްސަލާގައި ނިޒާމްގެ މައްޗަށް ދައުވާ ކުރަނީ ލިޓަން މޫދަށް ވައްޓާލައިގެން އޭނާ މަރާލި ކަމަށް ބުނެ އެވެ. ލިޓަންގެ ހަށިގަނޑު މިހާތަނަށް ފެނިފައެއް ނުވެ އެވެ. މިއީ ހަށިގަނޑު ނުފެންނަނީސް އެ މީހާ މަރާލި ކަމަށް ބުނެ ރާއްޖޭގައި މަރުގެ ދައުވާއެއް ކުރާ ފުރަތަމަ ފަހަރެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ލިޓަން ބޯޓުގައި ހުއްޓާ ކ. ގަލުފަޅު ކިޔާ ސަރަހައްދުން އޭނާ މޫދަށް ވައްޓާލައިގެން މަރާލާފައިވާ ކަމަށެވެ. އެކަން ނިޒާމް ކުރީ ފައިސާގެ ބޭނުމުގައި ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

ނިޒާމަށް ދައުލަތުގެ ހަރަދުގައި ހަމަޖައްސައިދީފައިވާ ވަކީލް ވިދާޅުވީ ދައުވާ ސާފުވެއްޖެ ކަމަށާއި އަދި ލިޔުންތައް ލިބުމުން ދައުވާއަށް ޖަވާބުދާރީވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި ނިޒާމް

މިއަދުގެ އަޑުއެހުމުގައި ނިޒާމް

މީގެ އިތުރުން ނިޒާމްގެ މައްޗަށް ވައްކަމުގެ ދައުވާ އާއި ޑައިމޯފިނުން މުއާމަލާތް ކުރުމުގެ ދައުވާއެއް ވެސް ދައުލަތުން ކުރެ އެވެ. ވައްކަމުގެ ދައުވާ ކުރަނީ ބޯޓުގައި ހުރި ލިޓަންގެ 51،000ރ. ނިޒާމް ވަގަށް ނެގި ކަމަށް ބުނެ އެވެ. އަދި ޑައިމޯފިނުން މުއާމަލާތް ކުރުމުގެ ދައުވާ ކުރަނީ އޭނާ ދިރިއުޅު ކޮޓަރިން މަސްތުވާތަކެތި ފެނުނު ކަމަށް ބުނެ އެވެ. ނަމަވެސް އެ ދެ ދައުވާއަށް ވެސް އިންކާރު ކުރާ ކަމަށް ނިޒާމް ބުންޏެވެ.

ނިޒާމް ބުނީ އެ މައްސަލާގައި ފުލުހުން އޭނާ ހޯދަމުންދާ ވާހަކަ ބުނުމުން ދެ ފަހަރު ފުލުސް އޮފީހަށް ދިޔަ ކަމަށާއި އެކަމަކު ފުލުހުން އޭނާއާ ހަވާލުވާން ދެކޮޅު ހެދި ކަމަށެވެ. ނަމަވެސް އޭނާ ބަންދުކުރީ ފިލައިގެން އުޅޭ ކަމަށް ބުނެ ކަމަށް ނިޒާމް ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ ޖަލުގައި މިހާރު ހުންނައިރު ޑޮކްޓަރަށް ދެއްކިޔަސް، ބޭސްތައް ލިބެނީ އެތައް ދުވަހެއް ފަހުން ކަމަށެވެ. އަދި ޝަރީއަތް ކުރިއަށް ގެންދަން ބޭނުންވަނީ ކޯޓަށް ހާޒިރުވެގެން ކަމަށް ވެސް އޭނާ ބުންޏެވެ.

އެ މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހް ވިދާޅުވީ ކޯޓަށް ހާޒިރުކޮށްގެން ޝަރީއަތް ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ނެތް ނަމަ އެގޮތަށް އަމަލު ކުރައްވާނެ ކަމަށެވެ.