Roadha Mihaaru
އަނަސްގެ މަރު:ކުށް ސާބިތު ނުވެ އެންމެން ސަލާމަތްވެއްޖެ

އަނަސްގެ މަރު: ކުށް ސާބިތު ނުވެ އެންމެން ސަލާމަތްވެއްޖެ

26 ފެބުރުއަރީ 2024

މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލި އެންމެންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލި އެންމެންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

އެ ހުކުމް މި އިއްވީ އަޑުއެހުންތައް ނިންމާލިތާ ވެސް 10 މަސް ފާއިތުވި ފަހުންނެވެ.

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި 2017 ގައި ގްރޫޕަކުން ގޮސް ހަމަލާދީ އަނަސް މަރާލި މައްސަލައިގައި ހަތް މީހަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރި އެވެ.

ގަސްދުގައި މީހަކު މަރާލުމުގެ ދައުވާކުރީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާ އަދި މ. ދިމިޝްގު އުސްމާން ޝަރީފްގެ މައްޗަށެވެ.

ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލީ ލ. ގަން ތުނޑި ނަންނާރިގޭ ޖުނައިހް އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.

އަނަސް މަރާލިތާ ހަތް އަހަރު ފަހުން ކޯޓުން އިއްޔެ އިއްވި ހުކުމްގައި ބުނީ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާތަކަށް ރިއާޔަތްކޮށް، އެ ހަތް މީހުން ކުށުގައި ބައިވެރިވާ ކަމަށް އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ.

މައްސަލާގައި ހުށަހަޅާފައިވާ ސީސީޓީވީ ފުޓޭޖްތަކާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުން ވެސް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައި ނުވާ ކަމަށް ކޯޓުގެ ގާޒީ އަލީ ނަދީމް އިއްވެވި ހުކުމްގައި ވެ އެވެ. ފުޓޭޖްތަކުގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުވާ ކަމަށް ވެސް ހުކުމްގައި ބުންޏެވެ.

ހުށަހަޅާފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަނީ ދައުވާ ލިބޭ ހަތް މީހުން ކަށަވަރު ކުރަން އިތުރު އެހެން އެއްވެސް ހެއްކެއް، ބާރު ދޭނެ ހެއްކެއް ވެސް ނެތް ކަމަށް ފާހަގަކޮށްފައި ވެ އެވެ.

ހެކިންނާއި ސިއްރު ހެކިވެރިންނާއި ހަބީރުންގެ ހެކިބަހުން ވެސް ކުށުގެ އަމަލު ހިންގާފައިވަނީ އެ ހަތް މީހުން ކަން ޝަރީއަތަށް ސާބިތުނުވާ ކަމަށް ހުކުމްގައިވެ އެވެ.

ހުކުމުގައި ބުނީ، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ކޯލް ރެކޯޑާއި ތަހުގީގީ ރިޕޯޓާއި އިންޓެލިޖެންސް ރިޕޯޓަށް ބުރަދަނެއް ދެވެން ނެތް ކަމަށެވެ. އެއީ އެ ރިޕޯޓްތަކަކީ ކުށް ސާބިތު ކުރަން ރިއާޔަތް ކުރެވޭނެ އެއްޗަކަށް ނުވުމާއި ކޯލް ރެކޯޑަކީ ފުލުހުން އަމިއްލަ އަށް ތައްުޔާރު ކޮށްފައިވާ އެއްޗެއްކަށް ވާތީ، އެއީ ހެއްކެއް ކަމަށް ބަލައިގަނެވެން ނެތުމުން ކަމަށް ހުކުމްގައި ބުންޏެވެ.

އަނަސްގެ މަރާ ގުޅިގެން ހަތް މީހުންގެ އިތުރުން ކުޑަކުއްޖަކަށް ވެސް ދައުވާ ކުރި އެވެ. ލޯންޗް ކެޕްޓަން އަނަސްގެ މަރާ ގުޅިގެން ކުޑަކުއްޖާގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް މިދިޔަ އަހަރު ހައި ކޯޓުން ވަނީ އިއްވައިފަ އެވެ.