Roadha Mihaaru

ޝަމްއާންގެ ބަންދާ ގުޅޭ މައްސަލަ ބަލަން ސުޕްރީމް ކޯޓުން ނިންމައިފި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކޯޓުން ނެރުނު އަމުރު ބާތިލްކުރަން އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމެވި ނިންމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ބާތިލްކޮށްފި އެވެ.

ޝަމްއާންގެ ބަންދު މައްސަލަ ސުޕްރީމް ކޯޓުން ބަލަނީ
ނާޒިމް ހަސަން
ނާޒިމް ހަސަން

04 ޖޫން 2025

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކޯޓުން ނެރުނު އަމުރު ބާތިލްކުރަން އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމެވި ނިންމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ބާތިލްކޮށްފި އެވެ.

ޝައްމާންގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އޭނާ ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރަށް ހައި ކޯޓުން ވެސް ތާއީދު ކޮށްފައި ވާތީ އެވެ. ނަމަވެސް، ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ ހައި ކޯޓުގެ ހުކުމް ގާނޫނީ އަދި ޝަރުއީ ހަމަތަކާ ހިލާފު ކަމަށް ބަޔާންކުރާ އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

ރަޖިސްޓްރާގެ އެ ނިންމުން ޝަމްއާންގެ ފަރާތުން ފަނޑިޔާރުންގެ މަޖިލީހަށް ރިވިއު ކުރަން ހުށަހެޅުމުން، އެ މަޖިލީހުން ނިންމީ ޝަމްއާންގެ ފަރާތުން މައްސަލަ ހުށަހަޅާފައިވަނީ ގާނޫނީ ގޮތުން ބަހުސް ކުރެވޭނެ އިސްތިއުނާފީ ނުކުތާތަކަކާ އެކު ކަމަށެވެ. އެހެންވެ، އެ މައްސަލައިގެ ޝަރީއަތް އެ ކޯޓުގައި ހިންގަން ނިންމައި، ރަޖިސްޓްރާގެ ނިންމުން ބާތިލްކުރި އެވެ.

ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށް ފަހު، އެ މީހާ ބަންދުން ދޫކޮށްލި ކަމަށް ތުހުމަތު ކުރާ މައްސަލައިގައި އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި ޝަމްއާންގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލައިފަ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލައިފަ އެވެ. ފުރަތަމަ ދައުވާއަކީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އެއީ ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި ދެ ދުވަހުގެ ޖަލު ހުކުމެއް އަންނަ ފަދަ ދައުވާއެކެވެ.

ދެވަނަ ދައުވާއަކަށް އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ތިންވަނަ އަށް އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ދައުވާ އެވެ. އެއީ ފަސް އަހަރާއި 15 އަހަރާ ދެމެދު ހުކުމެއް އަންނަ އަދި ޖޫރިމަނާގެ ގޮތުގައި އެއް މިލިއަން ރުފިޔާއާ ހަމައަށް ދައުލަތަށް ދައްކަންޖެހޭ ގޮތަށް އަދަބު ކަނޑައެޅޭ ފަދަ ދައުވާ އެކެވެ.

ޝަމްއާން ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ފައިސާގެ ތެރެއިން އޭނާގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 250،000 ރުފިޔާ ދައުލަތަށް ނަގައިދިނުމަށާއި ޝަމްއާންގެ އަތުގައި ބެހެއްޓި ޖުމްލަ 400،000 ރުފިޔާގެ ބާކީއަށްވާ 150،000 ރުފިޔާގެ ބަދަލުގައި އޭނާގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފައިސާތަކުގެ ތެރެއިން އެ އަދަދަށްވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް ދައުވާފައި އެދިފައި ވެ އެވެ.

ބިދޭސީމީހާގެ އަތުން ފޭރުނު ކަމަށް ބުނާ ފައިސާއަށްވާ ބަދަލު ނަގައިދިނުމަށް ވެސް ދައުލަތުން އެދިފައިވެ އެވެ.

މި ދައުވާތައް ޝަމްއާންގެ މައްޗަށް އުފުލާފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި، އިމިގްރޭޝަންގެ ރިސްކް ސެކްޝަނުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީ މީހާ ދޫކޮށްލަން އިރުޝާދު ދީ، އެ މީހާއާ އެކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ 500،000 ރުފިޔާ އަތުލުމަށް ޝަމްއާން އަންގަވާފައިވާތީ އެވެ.

އެ ފައިސާ ބިދޭސީ މީހާގެ އަތުން ނަގާފައިވަނީ އޭނާ ރާއްޖެ ދޫކޮށް ނުގޮސްފި ނަމަ ދަތިކުރުމަށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

ބިދޭސީ މީހާގެ އަތުން ފައިސާ ފޭރުމަށް ފަހު، އެ ފައިސާ މާޗު 13، 2025 ގެ މެންދުރުފަހު 3:00 ހާއިރު ޝަމްއާންގެ އަތަށް ގެންގޮސްދިނުމުން، އޭގެ ތެރެއިން 400،000 ރުފިޔާ ބަލައިގަނެ އަތުގައި ބަހައްޓާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ހަމަ އެދުވަހު އެ ފައިސާގެ ތެރެއިން ބައެއް ބޭނުން ކޮށްގެން، ޝަމްއާންގެ ނަމުގައި ނަގާފައިވާ ދެ ސްޓޫޑަންޓް ލޯނަކަށް ފައިސާ ދެއްކުމުގެ ގޮތުން ބޭންކު އޮފް މޯލްޑިވްސްގެ ލޯން އެކައުންޓަށް 149،491.46 ރުފިޔާ އާއި އެހެން ލޯނު އެކައުންޓަކަށް 110،345.59 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ވެސް ޝަމްއާނަށް ކުރި ދައުވާގައި ބުނެފައިވެ އެވެ.