މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރާ މީހުން ބަންދު ނުކުރަން ހައި ކޯޓުން ދެވަނަ ފަހަރަށް ނިންމި ނިންމުން ސުޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފުކޮށްފި އެވެ.
04 ޖޫން 2025
މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރާ މީހުން ބަންދު ނުކުރަން ހައި ކޯޓުން ދެވަނަ ފަހަރަށް ނިންމި ނިންމުން ސުޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފުކޮށްފި އެވެ.
ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި، 2017 ގައި ގްރޫޕަކުން ގޮސް ހަމަލާދީ އަނަސް މަރާލި މައްސަލައިގައި ހަތް މީހަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރި އެވެ. ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު އުސްމާން ޝަރީފްގެ މައްޗަށް އުފުލި އެވެ.
މީގެ އިތުރުން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ލ. ގަން ތުނޑި، ނަންނާރިގޭ ޖުނައިހު އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށް ކޮށްފައިވެ އެވެ.
އަނަސް މަރާލިތާ ހަތް އަހަރު ފަހުން ކްރިމިނަލް ކޯޓުން ނިންމީ އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. އެ މައްސަލަ ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށް، އެ ހަތް މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދު ކުރަން އެދުނު ނަމަވެސް ހައި ކޯޓުން ކުރިން ނިންމާފައިވަނީ އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ. އެހެންވެ، ދައުލަތުން މައްސަލަ ސުޕްރީމް ކޯޓަށް ގެންދިޔަ އެވެ.
ސުޕްރީމް ކޯޓުން އޭރު ނިންމީ އެ މީހުން ބަންދު ނުކުރަން ހައި ކޯޓުން ނިންމީ ގާނޫނުން ބޭރު ސަބަބުތަކެއް ދެއްކުމަށް ފަހު ކަމަށެވެ. އެހެންވެ، އެ މައްސަލާގައި ހައި ކޯޓުން އަލުން ގޮތެއް ކަނޑައަޅަން ސުޕްރީމް ކޯޓުން އެންގި އެވެ.
ނަމަވެސް ދެވަނަ ފަހަރަށް މިދިޔަ މަހު ހައި ކޯޓުން އަނެއްކާވެސް ނިންމީ އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރާނެ ތަނެއް ނެތް ކަމަށެވެ. ހައި ކޯޓުން ނިންމި ނިންމުމުގައިވަނީ އެ މީހުން އެ ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރި ކަމަށް ބުރަވެވޭ ފަދަ ތަފްސީލެއް ދައުލަތެއް ހުށަހަޅާފައިނުވާ ކަމަށެވެ.
އެހެންވެ،، ދައުލަތުން ވަނީ ހައި ކޯޓުގެ އެ ނިންމުން އަނެއްކާވެސް ސުޕްރީމް ކޯޓާ ހަމައަށް ގެންގޮސްފަ އެވެ. މިއަދު އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔައިރު، ދައުލަތުން އެދުނީ ހައި ކޯޓުން ނިންމުން ބާތިލްކޮށް، އެ މީހުންނަކީ ބަންދުގައި ތިބެންޖެހޭ ފަދަ ހާލަތެއްގައި ތިބި ބައެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. ދައުލަތުން މިއަދު ބުނީ އެ ހަތް މީހުންނަކީ ވެސް މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާ ފަދަ ބައެއް ކަން އަންގައިދޭ ލިޔުންތައް ވަކިވަކިން ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ދައުވާލިބޭ މީހުން ޖަވާބުދާރީވެފައެއް ނުވެ އެވެ. ދެ މީހަކު ވަނީ މައްސަލައިގައި ބުނާނެ އެއްވެސް އެއްޗެއް ނެތް ކަމަށް ބުނެފަ އެވެ. އަދި ތިން މީހަކު ވަކީލަކު ހޯދަން ފުރުސަތަކަށް އެދުނުއިރު، އަނެއް މީހާ ވަނީ ލިޔުންތައް ދިރާސާކުރަން އިތުރު ވަގުތަށް އެދިފަ އެވެ. އެހެންވެ، ދައުވާލިބޭ މީހުން ޖަވާބުދާރީވުމަށް އިތުރު އަޑުއެހުމެއް ބޭއްވުމަށް ނިންމައި، މިއަދުގެ އަޑުއެހުން ނިންމާލި އެވެ.
އަނަސްގެ މަރާ ގުޅިގެން ހަތް މީހުންގެ އިތުރުން ކުޑަކުއްޖަކަށް ވެސް ދައުވާކުރި އެވެ. އެ ކުއްޖާގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް ހައި ކޯޓުން ކުރިން އިއްވާފައި ވީނަމަވެސް އެ ހުކުމް ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލުއިކޮށްދެއްވައިފަ އެވެ.
އަނަސްގެ މަރު: ދައުވާލިބޭ މީހުން ބަންދު ނުކުރުން ގޯސް
ނަޒާހާގެ މައްސަލާގެ ހުކުމް މިމަހު އިއްވަނީ
ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ސުޕްރީމް ކޯޓަށް
މޫސަގެ މަރުގެ ދައުވާލިބޭ މީހާ ސުޕްރީމް ކޯޓުން ބަންދަށް
ނަދީމްގެ މަރު:މީހުން ބަންދުކުރަން ސުޕްރީމް ކޯޓަށް
ޝަމްއާންގެ ބަންދު މައްސަލަ ސުޕްރީމް ކޯޓުން ބަލަނީ
އަނަސްގެ މަރުގެ ދައުވާލިބޭ މީހުން ބަންދެއް ނުކުރި
އަނަސްގެ މަރު: މީހުން ބަންދު ނުކުރުމުން ސުޕްރީމްކޯޓަށް
އަނަސްގެ މަރުގެ ދައުވާލިބޭ މީހުން ކޯޓުން ބަންދެއްނުކުރި
މަރުގެ މައްސަލައެއްގައި ބޮޑު ހުކުމެއް ދަމަހައްޓައިފި